ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރާ ވިޒިޓް މޯލްޑިވްސް (ވީއެމްސީ) އާއި މަޝްހޫރު ދިވެހި ޑައިވަރު ޝަފްރާޒް ނައީމް ގުޅިގެން، ކަނޑުއަޑީގައި ދުނިޔޭގެ ރެކޯޑެއް ގާއިމުކުރުމަށް ތާރީހީ ހަރަކާތަކަށް ތައްޔާރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - 'އެކްރޮސް މޯލްޑިވްސް 2026'އަކީ ތިން އަތޮޅެއްގެ ކަނޑުއަޑިން ދަތުރުކޮށް، ދުނިޔޭގެ ސަމާލުކަން ރާއްޖެއަށް ހޯދުމަށް ހިންގާ ބޮޑު ހަރަކާތެކެވެ.
ތަފްސީލް - އަންނަ ހުކުރު ދުވަހު ފަށާ މި ދަތުރުގައި، 15 ދުވަސް ތެރޭ 450 ކިލޯމީޓަރަށް ވުރެ ދިގު ރާސްތާއެއް ކަނޑުއަޑިން ކަޑަތުކުރުމަށް ވަނީ އަމާޒު ހިފާފަ އެވެ. އެގޮތުން:
ޝަފްރާޒް ކުރިއަށްގެންދާ މި ދަތުރުގައި 'ޑައިވާ ޕްރޮޕަލްޝަން ވެހިކަލް' (ޑީޕީވީ) ބޭނުންކޮށްގެން 90 ގަޑިއިރަށް ވުރެ ގިނަ ވަގުތު ކަނޑުއަޑީގައި ހޭދަކުރާނެ
މި މުއްދަތުގެ ތެރޭގައި 55 ފަހަރު ފީނާނެ
މި ހަރަކާތުގެ ތެރެއިން ގާއިމުކުރުމަށް މަސައްކަތްކުރާ ދެ ރެކޯޑަކީ:
ޑީޕީވީ ބޭނުންކޮށްގެން އެއްފަހަރު ފީނައިގެން ކަނޑުގެ ސަރަހައްދެއްގައި އެންމެ ދުރަށް ދަތުރުކުރުން
އެއް މަސްދުވަހުގެ ތެރޭގައި ޑީޕީވީ ބޭނުންކޮށްގެން އެންމެ ދިގު ރާސްތާއަކަށް ދަތުރުކުރުން
މި ދަތުރުގެ ތެރެއިން ބައެއް ރަށްރަށަށް ޒިޔާރަތްކުރާނެ އެވެ. އެގޮތުން، ރަށު ކައުންސިލްތަކާއި ޕާޓްނަރުންގެ އެހީތެރިކަމާ އެކު، ތިމާވެށި ހިމާޔަތްކުރުމަށް ބާރުއަޅާ ތަފާތު މެސެޖުތައް ހިމެނޭ ގޮތަށް ހާއްސަ ޑޮކިއުމަންޓްރީއެއް ތައްޔާރުކުރާނެ އެވެ.
މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ، ވިޒިޓް މޯލްޑިވްސް އިން ބުނި ގޮތުގައި، ރާއްޖެއަކީ އެޑްވެންޗާ ޓޫރިޒަމް ގައުމެއްގެ ގޮތުގައި ދުނިޔެއަށް ދައްކުވައިދިނުމެވެ. އަދި ކަނޑުއަޑީގެ ތަފާތު ތަޖުރިބާތަކަށް ލޯބިކުރާ ފަތުރުވެރިންނަށް ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ މަންޒިލެއްކަން މި ހަރަކާތުގެ ތެރެއިން އިޝްތިހާރު ކުރާނެ އެވެ.
އެކްރޮސް މޯލްޑިވްސް 2026ގެ ޓެކްނިކަލް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ ހަމަޖައްސާފައިވާއިރު، އެއާލައިން ޕާޓްނަރަކީ ބިއޯންޑެވެ.
އެނގުން މުހިންމު - ޝަފްރާޒް ވަނީ 2022ގައި 50 ގަޑިއިރު ކަނޑުއަޑީގައި ހޭދަކޮށްފަ އެވެ. އެއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ހިންގި ހަރަކާތެކެވެ.
ވިޒިޓް މޯލްޑިވްސް އާއި ޝަފްރާޒް ކަނޑުއަޑީގެ ރެކޯޑެއް ހެދުމުގެ ބޮޑު ހަރަކާތަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ