ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑު ތަޅާލުމަށް ފަހު އެ ތަން ތަރައްގީ ކުރާނީ އާންމުންނަށް ފަސޭހައިން ވަދެ އުޅެވޭނެ ތަނެއްގެ ގޮތުގައި ކަމަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ގަލޮޅު ދަނޑާ ގުޅޭ ގޮތުން އަމާޒުވި ސުވާލަށް ދިން ޖަވާބުގައި މިނިސްޓަރު ރާފިއު ވަނީ ރާއްޖޭގެ ގައުމީ ސްޓޭޑިއަމް ބަދަލުކުރަން ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް އެކަކަށް ކަމަށް ހާމަކުރައްވާފަ އެވެ.
ގަލޮޅު ދަނޑު ތަޅާލަން ނިންމާފައިވާ މައިގަނޑު ސަބަބަކީ އެއީ އެންމެ ރަނގަޅު ސަރަހައްދުގައި ގާއިމުވެފައިވާ ތަނަކަށް ނުވުމެވެ. ބައިނަލްއަގުވާމީ މެޗުތައް ކުޅޭއިރު ގަލޮޅު ދަނޑުގެ ވަށައިގެންވާ ސަރަހައްދުތައް ބަންދުކުރަން ޖެހޭތީ މާލޭގެ ޓްރެފިކަށް ވެސް ނޭދެވޭ އަސަރު ކުރެ އެވެ.
"ގަލޮޅު ދަނޑަކީ ވެސް މިހާރު އެ ތަން ތަޅާނުލައި އެހެން ގޮތަކަށް ބަދަލުނުކޮށް ބައިންދާ ވަރުގެ ތަނެއް ނޫން. އެ ތަން އިރާދުކުރެއްވިއްޔާ ތަޅާލާފައި އެ ތަން ތަންކޮޅެއް އާންމުންނަށް ފަސޭހައިން ވަދެ އުޅެވޭ ތަނެއްގައި، އެހެން ނަމަވެސް ކުޅިވަރު ކުޅޭ ތަނެއްގެ ގޮތުގައި ބޭންދުން އަމާޒަކީ،" ރާފިއު ވިދާޅުވި އެވެ.
ގަލޮޅު ދަނޑަށް މި ގެނެވޭ ބަދަލުތަކާއި ހުޅުމާލޭގައި ގާއިމްކުރާ ގައުމީ ސްޓޭޑިއަމްގެ މަސައްކަތް މިހާރު އޮތް ހިސާބަކާ ގުޅޭގޮތުން ސުވާލުކުރުމުން ރާފިއު ވިދާޅުވީ، ހުޅުމާލޭގައި ގާއިމްކުރާ ސްޓޭޑިއަމްގެ ކޮންސެޕްޓް ކުރެހުން ނިމިފައިވާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ، މި އަހަރު ތެރޭގައި މި މަސައްކަތް ފެށުމުގެ ކަންކަން އަޅުގަނޑުމެންނަށް ކުރެވިގެންދާނެ. އަދި ގަލޮޅު ދަނޑު މިހާރު ހުރިތަން ތަޅާލައި، މި ދެންނެވިހެން، އާ ކޮންސެޕްޓަކަށް، އެ ކޮންސެޕްޓް ވެސް ވަނީ ހެދިފައި، އާ ކޮންސެޕްޓަކަށް އެ އަށް ވުރެން ކުޑަ ސްކޭލެއްގައި އަޅުގަނޑުމެން ކުރިއަށްގެންދަން،" ރާފިއު ވިދާޅުވި އެވެ.
މިދިޔަ ސަރުކާރުން ގަލޮޅު ދަނޑު ތަޅާލައި އެ ތަނުގައި އާ ދަނޑެއް އެޅުމުގެ މަސައްކަތްތަކެއް ކުރަން އިއުލާނުކުރި އެވެ. އެ ގޮތުން، ގަލޮޅު ދަނޑު ތަރައްގީ ކުރުމަށްޓަކައި އިންޑިއާގެ ލޯން އެހީގެ ތެރެއިން 55 މިލިއަން ރުފިޔާގެ ބަޖެޓެއް ވެސް ހަމަޖެއްސި އެވެ.
އެ ގޮތުން، ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް އިންޑިއާ އިން ދޭ 40 މިލިއަން ޑޮލަރުގެ ލޯން އެހީގެ ތެެރެއިން ގަލޮޅު ދަނޑުގެ ތަރައްގީ އަށް ހަރަދުކުރަން، 2021 ވަނަ އަހަރުގެ ބަޖެޓްގައި 45،494،505 ރުފިޔާ ހިމެނި އެވެ. އޭގެ ފަހުން، އަހަރުތަކުގައި ވެސް އެ މަސައްކަތް ކުރަން ބެލި ނަމަވެސް އެކި ސަބަބުތަކާ ހުރެ އަމަލީ ސިފައެއް ނުޖެހުނެވެ.
ގަލޮޅު ދަނޑު ތަޅާލުމަށް ފަހު ތަރައްގީ ކުރަނީ އާންމުންނަށް ފަސޭހައިން ވަދެ އުޅެވޭނެ ތަނެއް ގޮތަށް ގަލޮޅު ދަނޑު ތަޅާލުމަށް ފަހު ތަރައްގީ ކުރަނީ އާންމުންނަށް ފަސޭހައިން ވަދެ އުޅެވޭނެ ތަނެއް ގޮތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ