ގޯލްކީޕަރުގެ ލަނޑަކާއެކު ރެއާލް ބަލިކޮށް ބެންފިކާ ޕްލޭއޮފް ބުރަށް
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ހޮރީނިއޯގެ ބެންފިކާ އިން ސްޕެއިންގެ ގަދަބާރު ރެއާލް މެޑރިޑް ބަލިކޮށް މުބާރާތުގެ ޕްލޭއޮފް ބުރުން ޖާގަ ހޯދަައިފިއެވެ. ބެންފިކާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމު ކާމިޔާބުކޮށްފައިވަނީ 4-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި އެންމެ ހައިރާާންކުރުވަނިވި ކަމެއްގެ ގޮތުގައި ފެނުނީ ބެންފިކާގެ ގޯލްކީޕަރު ރެއާލް މެޑްރިޑު ކޮޅަށް ލަނޑު ޖެހުމެވެ. މެޗުން ލިބުނު ބައްޔާއެކު ރެއާލް މެޑްރިޑަށް ވަނީ މުބާރާތުގެ ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނިގެން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ގެއްލިފައެވެ. ދެން އެ ޓީމަށް ކުޅެން ޖެހެނީ ޕްލޭއޮފް މެޗެވެ. މުބާރާތުގެ ފުރަތަމަ ބުރުގައި ރެއާލް މެޑްރިޑް ކުޅުނު އަށް މެޗުން އެ ޓީމަށް ލިބިފައިވާ 15 ޕޮއިންޓާއެކު އޮތީ ތާވަލުގެ 9 ވަނައިގައެވެ. މެޗުން މޮޅުވި ބެންފީކާ އޮތީ ކުޅުނު އަށް މެޗުން ލިބިފައިވާ ނުވަ ޕޮއިންޓާއެކު 24 ވަނައިގައެވެ. ފުރަތަމަ ބުރުގެ ގަދަ އަށް ޓީމަށް ދެވަނަ ބުރުގެ ސީދާ ޖާގައެއް ލިބިގެންދެއެވެ. އަދި ނުވައަކުން ފެށިގެން 24 ވަނަ އަށް ދާ ޓީމުތަކަށް ޖެހޭނީ ޕްލޭއޮފް އިތުރު މެޗެއް ކުޅުމަށެވެ. ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން އަމިއްލަ ދަނޑުގައި ބެންފީކާ ކުޅުނު މި މެޗުގައި ފުރަތަމަ ލީޑުނެގީ ރެއާލުންނެވެ. މި ލަނޑު މެޗުގެ 30 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ. ރެއާލަށް މި ލީޑު ހިފަހައްޓާލެވުނީ ހަ މިނެޓަށެވެ. ބެންފީކާގެ އެންޑްރިއަސް ޝެލްޑްރަޕް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭގެފަހުން މެޗުގެ އިތުރުވަގުތުގައި ބެންފީކާއިން ލީޑު ނެގި ލަނޑު ކާމިޔާބުކޮށްދިނީ ވެންގެލިސް ޕަވްލިޑިސް އެވެ. އޭގެފަހުން ބެންފިކާއިން ތިންވަނަ ލަނޑު ޖެހީ ދެވަނަ ހާފުގެ ކުޅުން ފެށިތާ ނުވަ މިނެޓުފަހުންނެވެ. މިއީ ޝެލްޑްރަފް ކާމިޔާބުކުރި ލަނޑެކެވެ. ރެއާލުން ކާމިޔާބުކުރި ދެވަނަ ލަނޑު އެމްބާޕޭ ޖެހީ މެޗުގެ 58 ވަނަ މިނެޓުގައެވެ. މެޗުގެ ނިމުމުގެ ކުރިން ބެންފިކާގެ ގޯލްކީޕަރު އެނަޓޯލީ ޓްރުބިން ވަނީ ލިބުުނު ހިލޭ ޖެހުމެއްގައި ރެއާލް މެޑްރިޑު ކޮޅަށް ލަނޑުޖަހާފައެވެ. މިއީ ބެންފީކާއަށް ތާރީހީ ލަނޑެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ