މިދިޔަ ހަ އަހަރުގެ ތެރޭގައި ކެންސަރުގެ އާ ކޭސްތައް އެންމެ މަދުން ރެކޯޑްކުރެވިފައިވަނީ މިދިޔަ އަހަރު ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ވީ ކިހިނެއް؟ - މާދަމާ ފާހަގަކުރާ ދުނިޔޭގެ ކެންސަރު ދުވަހާ ގުޅުވައިގެން، ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން މިރޭ ވަނީ، މިފަހުގެ އަހަރުތަކުގައި އަލަށް ކެންސަރު ޖެހުނު މީހުންގެ އަދަދުތައް އާއްމުކޮށްފަ އެވެ. އެއީ ކެންސަރު ދަފުތަރުގައި ކޮންމެ އަހަރަކު ރަޖިސްޓްރީކޮށްފައިވާ އާ ކޭސްތަކެވެ.
ތަފްސީލް - އެ ތަފާސްހިސާބުތަކަށް ބަލާއިރު އާ ކޭސްގެ ގޮތުގައި އެންމެ މަދުން ދަފުތަރުކޮށްފައިވަނީ މިދިޔަ އަހަރެވެ. އެއީ 111 މީހުންނެވެ. އެންމެ ގިނަ މީހުންނަށް ކެންސަރު ޖެހުނު ކަމަށް ރިޕޯޓްކޮށްފައިވަނީ 2022 އަހަރެވެ. އެއީ 244 މީހުންނެވެ.
އެ ތަފާސްހިސާބުތަކަށް ބަލާއިރު ކެންސަރުގެ އާ ކޭސްތަކުގެ ގޮތުގައި ދަފްތަރުކޮށްފައިވަނީ:
2020 ވަނަ އަހަރު 137 މީހުން
2021 ވަނަ އަހަރު 208 މީހުން
2022 ވަނަ އަހަރު 244 މީހުން
2023 ވަނަ އަހަރު 211 މީހުން
2024 ވަނަ އަހަރު 195 މީހުން
2025 ވަނަ އަހަރު 111 މީހުން
އެ އަދަދުތަކުން ބަލާ ނަމަ، މިދިޔަ ހަ އަހަރުގެ ތެރޭގައި މަދުވެގެން 1،106 މީހުންނަށް ވަނީ ކެންސަރު ބަލި ޖެހިފަ އެވެ.
އެޗްޕީއޭ އިން ބުނިގޮތުގައި ކެންސަރު ބައްޔާ މެދު ހޭލުންތެރިކުރުމުގެ މުހިއްމުކަމާއި ބަލީގެ ކުރީކޮޅު ބަލި ދެނެގަތުމުގެ މުހިއްމުކަން މި އަދަދުތަކުން އަންގައިދެ އެވެ.
ރާއްޖޭގެ ކެންސަރު ދަފްތަރުގައި މިހާތަނަަށް 1،600އަށް ވުރެ ގިނަ މީހުން ވަނީ ރަޖިސްޓްރީވެފަ އެވެ. އެކި ވައްތަރުގެ ކެންސަރު ބަލިތަކުގައި ވަރަށް ކުޑަކުދިންނާއި ޒުވާނުންނާއި ދުވަސްވީ މީހުން ދަނީ ހަނގުރާމަކުރަމުންނެވެ.
ހަ އަހަރު ތެރޭގައި ކެންސަރުގެ އާ ކޭސްތައް އެންމެ މަދުން ރެކޯޑްކުރެވުނީ މިދިޔަ އަހަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ