ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކުރަން ފަށައިފި

ލުބުނާނާއި އިސްރާއީލާ ދެމެދު ދެމުންދިޔަ ވަރުގަދަ ޙަމަލާތައް ހުއްޓާލުމަށް އެކުލަވައިލި އެއްބަސްވުމަށް ރަސްމީކޮށް އަމަލުކުރަންފަށައިފިއެވެ.
މި އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު، މެދުއިރުމަތީގެ މަސްރަޙަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބި، ސަރަޙައްދީ ހަމަޖެހުމަށް އައު އުންމީދެއް ވަނީ އުފެދިފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ގެނައި މި އެއްބަސްވުން ތަންފީޒުކުރަން ފެށި ނަމަވެސް، އެއްބަސްވުމުގެ އެންމެ ފަހު ވަގުތާ ހަމައަށްވެސް ދެ ފަރާތުގެ މެދުގައި ނުރައްކާތެރި ޙަމަލާތަކެއް ބަދަލުކޮށްފައިވާކަން ފާހަގަކުރެވެއެވެ.
އެއްބަސްވުން ރަސްމީކޮށް ހިނގަން ފެށުމުގެ މަދު ގަޑިއިރުތަކެއް ކުރިން، އިސްރާއީލުން ވަނީ ލުބުނާނުގެ ދެކުނުގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް ވައިގެ މަގުން ވަރުގަދަ ބޮން އެޅުންތަކެއް ކުރިއަށް ގެންގޮސްފައެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ރައީސް ޓްރަމްޕް 'ޓްރުތު ސޯޝަލް' ގައި ބުނީ، ދިހަ ދުވަހުގެ މުއްދަތަށް ހަމަލާތައް މެދުކަނޑާލުމަށް ދެ ފަރާތުން މިހާރު އެއްބަސްވެފައިވާ ކަމަށެވެ. އަދި މި ނިންމުމަކީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ލުބުނާނުގެ ރައީސް ޖޫޒީފް ޢޫންއާ އެކު ކުރެވުނު ކާމިޔާބު މަޝްވަރާތަކެއްގެ ނަތީޖާ ކަމުގައި ވެސް އޭނާ ފާހަގަކުރިއެވެ.
ލުބުނާނާއި އިސްރާއީލުގެ ބޯޑަރު ސަރަޙައްދަކީ ގިނަ އަހަރުތަކެއް ވަންދެން ހަމަނުޖެހުން ބޮޑު ސަރަޙައްދެކެވެ. ޚާއްޞަކޮށް ފަހަކަށް އައިސް ހިޒްބުﷲ އާއި އިސްރާއީލާ ދެމެދު ބަދަލުކުރެވެމުންދާ ޙަމަލާތައް ވަރުގަދަވެ، މުޅި ސަރަޙައްދުގައި ބޮޑު ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
މި ހަނގުރާމައިގެ ސަބަބުން ލުބުނާނުގެ ދެކުނުގެ ސަރަޙައްދުތަކުން އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ހިޖުރަކުރަން ޖެހުނެވެ. ހަމައެއާއެކު، އިސްރާއީލުގެ އުތުރުގެ ރަށްތަކުންވެސް ގިނަ ބަޔަކު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަޙައްދުތައް ހުސްކޮށްފައެވެ.
ބައިނަލްއަޤްވާމީ ގޮތުން ލުބުނާނުގެ މަސްރަޙު ފިނިކުރުމަށް އެންމެ ބޮޑު ދައުރެއް އަދާކުރަނީ އދ. ގެ ސަލާމަތީ މަޖިލީހުގެ ޤަރާރު 1701 އެވެ. މި ޤަރާރަކީ 2006 ވަނަ އަހަރުގެ ހަނގުރާމައަށްފަހު އެކުލަވައިލި ޤަރާރަކަށް ވީނަމަވެސް، އެ ގަރާރު ފުރިހަމައަށް ތަންފީޒު ނުކުރެވުމުގެ ސަބަބުން ދޭތެރެ ދޭތެރެއިން ހަމަނުޖެހުންތައް އުފެދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ