މިއަަހަރުގެ މިހާތަނަށް ރާއްޖެއަށް އެތެރެކުރަން އުޅުނު 86 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސްއިން ވިދާޅުވެއްޖެއެވެ.
ކަސްޓަމްސްއިން ދަނީ، ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަތުމަށް އޮޕަރޭޝަންތައް ފުޅާކޮށް މަސައްކަތް ކުރަމުންނެވެ.
ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް އިބްރާހީމް މަފާޒު ވިދާޅުވީ، ކުރިއާ އަޅާބަލާއިރު އެންފޯސްމަންޓުގެ މަސައްކަތްތަކަކީ އެންމެ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތް ކަމަށެވެ. މިގޮތުން ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖެއަށް އެތެރެވާ ތަކެތި ބަލާ ޗެކްކުރުމުގެ މަސައްކަތް ފުޅާކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ފުލުހުންނާއި އިމިގްރޭޝަންއާ ގުޅިގެން ކުރާ މަސައްކަތުން މިއަހަރުގެ މިހާތަނަށް އައިރު ރާއްޖެއަށް އެތެރެކުރަން އުޅުނު 86 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ. އަދި މިއީ މިދިޔަ އަހަރުތަކުގެ މި މުއްދަތާ އަޅާބަލާއިރު ރެކޯޑް އަދަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ކަސްޓަމްސްއިން އަންނަނީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި ބައިނަލްއަޤްވާމީ ވައިގެ ބަނދަރުތަކާއި ކަނޑު ބަނދަރުތައް ހިމެނޭހެން 8 ބަނދަރެއްގައި މަސައްކަތް ކުރަމުންނެވެ. ކަސްޓަމްސްއިން ބަނދަރުތަކުގައި ކުރަމުން އަންނަ މަސައްކަތްތައް ފުޅާ ކުރުމަށްޓަކައި ދާދިފަހުން ވަނީ، މަސްތުވާތަކެއްޗަށް ޓެސްޓް ކުރުމުގެ ކިޓްތަކެއްވެސް ޙަވާލުކޮށްފައެވެ. ޔޫއެންއޯޑީސީން ރާއްޖެއަށް ހަދިޔާ ކުރި މި ކިޓްތަކުގެ ތެރެއިން ކަސްޓަމްސްއަށް ވަނީ، 20 ޑްރަގް އަދި ޕްރިކާސާރ ކިޓާއި، 60 ޕޮކެޓް ކިޓްސް ޙަވާލުކޮށްފައެވެ.
ކަސްޓަމްސްގެ މަސައްކަތް ހަރުދަނާކޮށް ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ އަދަދު އިތުރުވެފައިވާއިރު، ބޭރުގައި ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ފަރާތްތައް ހުއްޓުވުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި އަންނަނީ ކުރަމުންނެވެ. ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތީގެ އިތުރުން، ޤާނޫނާއި ޤަވާއިދާއި ޚިލާފަށް އެތެރެކުރާ އެހެން ބާވަތްތައްވެސް އަންނަނީ އަތުލައިގަންނަމުންނެވެ. މިގޮތުން ވޭތުވެދިޔަ ދޮޅު މަސްދުވަހުގެ ތެރޭގައި 7000 ވޭޕް ސްޓިކް އަދި ޤަވާއިދާ ޚިލާފަށް އެތެރެކޮށްފައިވާ 2 މިލިޔަން ސިނގިރޭޓު އަތުލައިގަނެފައިވެއެވެ.
ސަރުކާރުން ދަނީ، މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށް ދެ މަގަކުން މަސައްކަތް ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި ދައުރުވާ މަސްތުވާތަކެތި ހުއްޓުވުމާއި، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދީ މުޖުތަމަޢުއަށް ނެރުމަށް ކުރާ މަސައްކަތް ހަރުދަނާ ކުރުމަށް ސަރުކާރުން ދަނީ، މަސައްކަތް ކުރަމުންނެވެ. މިހާތަނަށް އެއްކޮށްފައިވާ އެކިއެކި މަޢުލޫމާތުތަކަށް ބަލާއިރު، ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ 10،000އެއްހާ މީހުން ތިބި ކަމަށް ޤަބޫލުކުރެވޭ ކަމަށް އެންޑީއޭއިން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
މިވަގުތު ރާއްޖޭގެ 9 ސަރަޙައްދެއްގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު އަންނަނީ ހިންގަމުންނެވެ. މިދިޔަ އަހަރު ފަހުކޮޅު ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގައި ވަނީ، ނ.ވެލިދޫ އަދި ލ.އަތޮޅުގައިވެސް ރިހެބް ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައެވެ.
މިއީ މާލެ ނުގެނެސް، އެ ސަރަޙައްދެއްގައި ބައިތިއްބައިގެން ފަރުވާ ދެވޭނެ ނިޒާމު ޤާއިމުކުރުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. ރިހެބިލިޓޭޝަން ފަރުވާގެ ޕްރޮގްރާމްތައް ހިންގާ ފަރާތްތަކުގެ ތެރޭގައި ކޯޓު އަމުރުގެ ދަށުންނާއި، މަގުތަކުގައި މަސްތުވާތަކެތި ބޭނުން ކޮށްގެން އުޅޭ މީހުންނަށް ދޭ ފުރުޞަތާއި އަދި އަމިއްލައަށް އެދިގެން ފަރުވާގެ ނިޒާމަށް ވަންނަން ބޭނުންވާ މީހުންނަށްވެސް އެ ފުރުޞަތު ދަނީ ތަނަވަސް ކޮށްދެމުންނެވެ. ފަރުވާގެ ނިޒާމުގައި ހިމަނައިގެން އެކި ކަހަލަ ތަޢުލީމާއި ތަމްރީންގެ ޕްރޮގްރާމްތައްވެސް މިހާރު އަންނަނީ ހިންގަމުންނެވެ.
މިއަހަރު 86 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ