ރާއްޖެއަށް ޑުރަގު އެތެރެކުރުމުގެ ތުހުމަތުގައި އަނެއްކާ ވެސް އިންޑިއާ ދެމަފިރިން ބަންދަށް

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި އިންޑިއާ ދެމަފިރިން ހައްޔަރުކޮށްފިއެވެ. ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އިމްރާން ޕާޝާ ކިޔާ 33 އަހަރުގެ މީހަކާއި އޭނާގެ އަންހެނުން، 27 އަހަރުގެ ކްރިސް އެމްބްރޯސިއާއެވެ. މި ދެ މީހުންގެ މައްޗަށް ފުލުހުން ކުރަނީ، ދިވެހިރާއްޖެއަށް މަސްތުވާތަކެތި ސްމަގްލްކޮށް، ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ކުށުގެ ތުހުމަތެވެ. ދެ މީހުންގެ ބަންދަށް ވެސް ކޯޓުންވަނީ 30 ދުވަސް ޖަހައިފައެވެ. މި މީހުންގެ ލަގެޖުން 2.4 ކިލޯގެ މަސްތުވާތަކެތި ފެނުނުކަން ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ. މީގެ ދުވަސްކޮޅެއް ކުރިން، އިންޑީއާގެ އަންހެނަކާއި ފިރިހެނެއް، ގާތްގަނޑަކަށް ހަ ކިލޯގެ މަސްތުވާތަކެއްޗާ އެކު ވެސް ހައްޔަރުކޮށްފައިވެއެވެ. މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމާއި، ބޭރުކުރުމާއި، އެ ކަމަށް މަސައްކަތް ކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނުގައި ވަރަށް ބޮޑު ކުށެކެވެ. މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން، އެއްވެސް ބާވަތެއްގެ މަސްތުވާ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުން ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމަކީ ކުށެކެވެ. މި ކުށުގެ އަދަބަކީ ޢުމުރަށް ޖަލަށްލުމާ އެކު، 100,000 ރުފިޔާއާއި 10,000,000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ. މަސްތުވާ އެއްޗެއް އެތެރެކުރާއިރު އެ އެއްޗެއްގެ ބަރުދަން ނުވަތަ މިންވަރު ޤާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑަށްވުރެ ގިނަނަމަ، އެއީ ވިޔަފާރިކުރުމުގެ ނިޔަތުގައި ކުރި ކަމެއް ކަމަށް ބެލެވޭނެއެވެ. ޖަދުވަލު އެކެއްގައިވާ މަސްތުވާތަކެތި (މިސާލަކަށް ހެރޮއިން، ޑައިމޯފިން ފަދަ ތަކެތި) ހަތަރު ގުރާމަށްވުރެ ގިނައިން އެތެރެކޮށްފިނަމަ، އެއީ ވިޔަފާރިކުރުމުގެ ކުށް ކަމުގައި ބެލެވި، އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. މަސްތުވާތަކެތި އެތެރެކުރުމަށް ރޭވުމާއި، އެކަމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމާއި، އެހީތެރިވެދިނުމަކީ ވެސް އެ ކުށުގެ އަސްލު އަދަބު ލިބޭނެ ކަންކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ