ސިޔާސީ ޕާޓީން ވަކިކޮށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަށް އަމަލުކުރުން މަޑުޖައްސާލަން ވަގުތީ އަމުރެއް ނެރުމާ މެދު ގޮތެއް ނުނިންމައި، މި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި މިއަދު ނިންމާލައިފި އެވެ.
ވީކިހިނެއް؟ - މިއީ ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ހިލާފު އިސްލާހެއް ކަމަށް ކަނޑައަޅައި އެ އިސްލާހު ބާތިލްކޮށްދިނުމަށް އެދިވަޑައިގެން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ކުރީގެ މަޖިލިސް މެންބަރު އަލީ ހުސައިނެވެ. އޭނާ ވަނީ ވަގުތީ ދެ އަމުރަކަށް ވެސް އެދިވަޑައިގެންފަ އެވެ. އެއީ:
ހުކުމްކުރަންދެން އިސްލާހަށް އަމަލުކުރުން މަޑުޖައްސާލުމުގެ އަމުރެއް
ހުކުމްކުރަންދެން، މި ވަގުތު ތިބި ފަނޑިޔާރުން ވަކިކުރުމުގެ އެއްވެސް ކަމެއް ނުކުރެވޭނެ ކަމުގެ އަމުރެއް
ތަފްސީލް - މިއަދު މެންދުރު ކުރިން ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔައީ މައުލޫއުއާ ގުޅޭ ގޮތުން ދެ ފަރާތުން ވާހަކަ ދެއްކުމެވެ. މެންދުރުފަހުން ފެށިގެން އިރުއޮއްސެންދެން ކުރިއަށް ގެންދިޔައީ:
ވަގުތީ އަމުރަށް އެދުމަށް ހުށަހެޅުމާއި އެ ކަމުގައި ދައުލަތުން ދެކޭ ގޮތެއް ހުށަހެޅުން؛ ދައުލަތުން ވަނީ ވަގުތީ އަމުރުތައް ނެރުމާ ދެކޮޅަށް ވާހަކަ ދައްކާފައި
އޭގެ ފަހުން ފަނޑިޔާރުން ސުވާލުކުރެއްވުމާއި އެ ސުވާލުތަކަށް ހުރިހާ ފަރާތަކުން ޖަވާބު ދިނުން
އެންމެ ފަހު ކަމަކަށް، މައްސަލަ ހުށަހެޅި ފަރާތާއި ދައުލަތަށް އަދި މި މައްސަލައަށް ތަދައްހުލްވެފައިވާ އެމްޑީޕީން ފަހު ބަސް ބުނުމަށް 10 މިނެޓްގެ ފުރުސަތެއް ދިން
އަޑުއެހުންތައް ނިންމާލުމުގެ ކުރިން، ފުލް ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު ވިދާޅުވީ ވަގުތީ އަމުރުތަކާ މެދު ނިންމާ ގޮތެއް ހުރިހާ ފަރާތަކަށް ވެސް ފަހުން ލިޔުމުން ދޭނެ ކަމަށެވެ.
އަދި އިތުރަށް އަޑުއެހުމެއް ބާއްވާނީ މައްސަލަ ދިރާސާކުރަމުންދާއިރު ފަނޑިޔާރުން ސާފުކުރަން ބޭނުންވާ އިތުރު ކަމެއް ފާހަގަކުރެވިއްޖެ ނަމަ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އެހެން ނޫން ނަމަ ދެން އޮންނާނީ ހުކުމްކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ވަގުތީ އަމުރު ނެރުމާ ގުޅޭ ގޮތުން ވަކި ވަގުތެއް އުއްތަމަ ފަނޑިޔާރު ވިދާޅެއް ނުވެ އެވެ.
އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ސުޕްރީމް ކޯޓުގެ އޮފިޝަލަކު 'ދައުރު'އަށް ވިދާޅުވީ މިއަދު ވަގުތީ އަމުރެއް ނުނެރޭނެ ކަމަށެވެ. އެ ކަމާ މެދު ފަނޑިޔާރުން ގޮތެއް ނިންމަވައި ކުރިއަށް އޮތް ދުވަސްތަކުގައި އާންމުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުން:
ފާހަގަކޮށްލެވޭ - ފަނޑިޔާރުން ވަކިނުކުރެވޭ ގޮތަށް އަމުރަކަށް އެދުނީ މި މައްސަލައާ ގުޅިގެން ފަނޑިޔާރުންތަކެއް ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މަސައްކަތްކޮށްފާނެތީ އެވެ. ކަން ހިނގި ގޮތަކީ ވެސް އެއީ އެވެ. މީގެ އަހަރަކަށް ވުރެ ގިނަ ދުވަސް ކުރިން 26 ފެބްރުއަރީ 2025ގައި ތިން ފަނޑިޔާރަކު ސަސްޕެންޑްކުރީ މި ވަގުތީ އަމުރުތަކާ ގުޅޭ އަޑުއެހުމެއް ބާއްވަން ކުޑަތަންވެފައި ވަނިކޮށް އަދި ކޯޓު ރޫމުގައި ފަނޑިޔާރުން ތިއްބަވަނިކޮށެވެ.
އޭގެ ފަހުން ވީ ގޮތަކީ:
ސަސްޕެންޑްކުރި ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވުން
ދެން ސަސްޕެންޑްކުރި ދެ ފަނޑިޔާރުން ކަމަށްވާ މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުން
އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަހުމަދު މުއުތަސިމް އަދުނާން ރިޓަޔާކުރެއްވުން
ބެންޗު ހަމަވި ފަހުން އަށް މަހަށްވުރެ ގިނަ ދުވަސް ވީ އިރު ވެސް އަޑުއެހުމެއް ތާވަލެއް ނުކުރޭ
މައްސަލައިގެ އަޑުއެހުމެއް މިއަދު ތާވަލުކުރީ ކައުންސިލް އިންތިހާބު ނިމުނު ފަހުން
މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ބުނީ ފަނޑިޔާރުން ވަކިކުރުމަކީ ޖޭއެސްސީއަށް ލިބިދޭ ބާރެއް ކަމަށެވެ. އެ ބާރު ހުއްޓުވޭނެ ގޮތަށް ވަގުތީ އަމުރު ނެރެގެން ނުވާނެ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުގެ ވަކީލުން ބުނީ ފަނޑިޔާރުންގެ މައްސަލައެއް ފާހަގަވުމުން އެ މައްސަލައެއް ބެލުމުގެ އިހުތިސޯސް އޮންނަ ދައުލަތުގެ އެހެން މުއައްސަސާތަކަށް ވެސް އެ ބާރު ބޭނުންކުރެވޭ ގޮތަށް ކޮންމެ ވަގުތަކު ވެސް އޮންނަން ވާނެ ކަމަށެވެ.
އަލީ ހުސައިންގެ ގާނޫނީ ވަކީލު މަހުފޫޒު ސައީދު އެކަމާ ގުޅޭ ގޮތުން ވިދާޅުވީ އޭރު އެ އަމުރަށް އެދުނު ހާލަތު ނިމިގެން ދިޔަ ނަމަވެސް އެ ހާލަތު އަދިވެސް ވުޖޫދުވެދާނެ ކަމަށް ބެލެވޭތީ މިހާރު ތިބި ފަނޑިޔާރުންނަށް ވެސް އެ ރައްކާތެރިކަން މުހިންމުވާ ކަމަށެވެ.
އަދި އޭނާ ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ފަދަ ހައްގުތައް ގާނޫނުއަސާސީން ދިން ނަމަވެސް، ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅޭ ގޮތުން ޝަރީއަތުގެ ބޭރުން ވާހަކަ ދެއްކުން މަނާކުރާ އަމުރު ނެރުމުގެ ބާރު އޮންނަނީ ޝަރީއަތަށް އަތުވެދާނެ ނުފޫޒުތަކުން ރައްކާތެރިކަން ހޯދުމަށް ކަމަށެވެ.
"ފަނޑިޔާރުންގެ ރައްކާތެރިކަމަށް ނެރެން ޖެހޭ އަމުރެން ނެރެވެން ވާނެ،" މަހުފޫޒު ވިދާޅުވި އެވެ.
ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލަ ހުުކުމާ ހަމައަށް؛ ވަގުތީ އަމުރާ މެދު މިއަދު ގޮތެއް ނުނިންމި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ