ޣައްޒާގައި ހުރި ކާބޯތަކެތީގެ ސްޓޮކް ހުސްވެއްޖެ: އދ

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ހަމަލާތައް މެދުކަނޑާލުމަށްފަހު، މިދިޔަ މަހު އަނެއްކާވެސް ހަމަލާތައް ދޭން ފެށިފަހުން، މުޅި ޣައްޒާއިން ކާބޯތަކެތި ހުސްވެފައިވާ ކަމަށް އދ ގެ ކާބޯތަކެއްޗާ ބެހޭ އިދާރާ (ޑަބްލިޔުއެފްޕީ) އިން ބުނެފިއެވެ. އެ އިދާރާއިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާގައި އެންމެ ފަހުން ބާކީ ހުރި ކާބޯތަކެތީގެ ސްޓޮކް ކާނާ ތައްޔާރުކުރާ ތަންތަނަށް ފޯރުކޮށްދީފައިވާ ކަމަށާއި އެ ތަކެތިވެސް ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި މުޅިން ހުސްވާނެ ކަމަށެވެ. ޣައްޒާގެ 400،000 އަށް ވުރެ ގިނަ މީހުން ޑަބްލިއުއެފްޕީގެ އެހީއަށް ބަރޯސާވެފައިވާއިރު، އެ އިދާރާއިން ފޯރުކޮށްދޭ ކާބޯތަކެތި ހުސްވެއްޖެނަމަ، ޣައްޒާގެ އާންމުންނަށް ކާބޯތަކެތި ލިބޭނެ ގޮތެއް ނޯންނާނެ ކަމަށް އެ އިދާރާގެ ފަލަސްތީނު މަންދޫބު މަންދޫބު އެންޓޮއިން ރެނާޑް ވިދާޅުވިއެވެ. މިދިޔަ މާޗް މަހުގެ ދެވަނަ ދުވަހުން ފެށިގެން އިސްރާއީލުން ވަނީ ކާބޯތަކެއްޗާއި ބޭހާއި ތެޔޮ ހިމެނޭ ގޮތަށް ހުރިހާ އެހީއެއް ޣައްޒާއަށް އެތެރެވުން ހުއްޓުވާފައެވެ. ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ވަނީ ކާބޯތަކެތީގެ ސަޕްލައި މަދުވަމުންދާތީ، ފަލަސްތީނުގެ އެތައް ހާސް އާއިލާތަކެއް ބަނޑުހައިހޫނުކަމުގެ ތެރެއަށް ވެއްޓިދާނެ ކަމަށް ބުނެފައެވެ. ބަނޑުހައިހޫނުކަމާއި ކާނާ ލިބުން ދަތިވުމުގެ ސަބަބުން 50 ކުޑަކުދިން ހިމެނޭ ގޮތަށް 52 މީހުން މިހާރުވެސް މަރުވެފައިވާއިރު، ކޮންމެ ދުވަހަކު އެއް މިލިއަނަށް ވުރެ ގިނަ ކުދިން ބަނޑުހައިހޫނުކަމުގެ ތެރެއަށް ހުށަހެޅޭ ކަމަށް އެ އިދާރާއިން ހާމަކުރެއެވެ. އިންސާނީ ދަތިކަން ކުރިމަތިވި ނަމަވެސް ޣައްޒާއަށް އެހީ އެތެރެކުރުމަށް އިސްރާއީލުން ހުއްދަ ދިނުމުގެ އެއްވެސް އަލާމާތެއް ނުފެނެއެވެ. އެހީ ފޯރުކޮށްދޭން ހުރަސް އަޅަނީ ހަމާސްއަށް ޕްރެޝާ ކުރުމަށް ކަމަށްވެސް އިސްރާއީލުގެ ދިފާއީ ވަޒީރު ކަޓްޒް މިދިޔަ ހަފުތާގައި ވަނީ ވިދާޅުވެފައެވެ. ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާއިރު، އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައްވެސް ހުއްޓައެއްނުލައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 78 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ހާމަކުރެއެވެ. މީގެ ތެރޭގައި ޚާން ޔޫނިސްގެ ގެތަކަށް ވައިގެ މަގުން ހަމަލާދިނުމުގެ ޝިކާރައަކަށް ވެފައިވާ 15 މީހުންނާއި، ޖަބަލިއާ ރެފިއުޖީ ކޭމްޕް ކައިރިއަށް ދިން ހަމަލާއެއްގައި މަރުވި އަންހެނަކު ހިމެނޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި 51،439 މީހުން ޝަހީދުކޮށްލާފައިވާއިރު، 117،416 މީހުން ވަނީ ޒަޚަމްކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ