ތިނަދޫ ކައުންސިލުން ފްލެޓު ދޫކުރަން އުޅެނީ އުސޫލާ ހިލާފަށް: ހައުސިން މިނިސްޓްރީ

ގދ. ތިނަދޫގައި އަޅަމުން އަންނަ 200 ހައުސިން ޔުނިޓުގެ މަސައްކަތަކީ ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށާއި އެ ފްލެޓުތައް ދޫކުރަން އެ ރަށު ކައުންސިލުން އިއުލާނުކުރީ މިނިސްޓްރީ އަށް އެންގުމެއް ނެތި އުސޫލުން ބޭރުން ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ތިނަދޫ ހައުސިން ޔުނިޓުތަކާ ގުޅޭ ގޮތުން އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ހައުސިން ޔުނިޓުތައް ދޫކުރަން 29 ޖެނުއަރީގައި ތިނަދޫ ކައުންސިލުން ކުރި އިއުލާނު ބާތިލުކުރަން އޭގެ އަނެއް ދުވަހު އެ ކައުންސިލަށް އަންގާފައިވާނެ ކަމަށެވެ.
ނަމަވެސް މިހާތަނަށް ވެސް އެ އިއުލާނު ބާތިލް ކޮށްފައިނުވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ތަފްސީލް - ހައުސިން މިނިސްޓްރީން ބުނީ ހައުސިން ޔުނިޓްތައް ލިބޭ ފަރާތްތައް ކަނޑައަޅަން ބޭނުންވާ އުސޫލު އެކުލަވާލުމަށް ފަހު އެންޑޯސްކުރުމަށް މިނިސްޓްރީއަށް ހުށަހަޅަން ވެސް ތިނަދޫ ކައުންސިލަށް އަންގާފައިވާނެ ކަމަށެވެ.
ނަމަވެސް މިއަދާ ހަމައަށް ތިނަދޫ ސިޓީ ކައުންސިލަށް އެންގި އެންގުމާ އެއްގޮތަށް އަމަލުކޮށްފައި ނުވާކަމަށް މިނިސްޓްރީން ބުންޏެވެ.
ތިނަދޫގައި އަޅާ 200 ހައުސިން ޔުނިޓް ދޫކުރުމަށް އިއުލާންކުރީ ހައުސިން މިނިސްޓްރީގެ ލަފަ އާއި އެންޑޯސްކުރުމަކާ ނުލައި ކަމަށް ވާތީ އެ އިއުލާނުގެ ދަށުން ކުރާ އެއްވެސް މަސައްކަތެއް ހައުސިން މިނިސްޓްރީން ބަލައިނުގަންނަ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
ހައުސިން މިނިސްޓްރީން ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކު މި ހައުސިން ޔުނިޓްތައް ލިބޭ ފަރާތްތައް ކަނޑައަޅަން އެކުލަވާލަން ޖެހޭ އުސޫލުތައް އެކުލަވާލުމަށް ފަހު ވީހާވެސް އަވަހަކަށް އިއުލާންކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ