ރައްޔިތުންގެ ލޯބި ހޯދަން ވަރަށް މަސައްކަތް ކުރަންޖެހޭކަން އެނގޭ، އެކަން އެބަކުރަން: ސީޕީ
ރައްޔިތުންގެ ލޯބްތާއި އިހުތިރާމާއި އިތުބާރު ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަދި ވަރަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި، އެ ކަންކަން ކުރަމުން ގެންދާ ކަމަށް ޕޮލިސް ކޮމިޝަނަރު، (ސީޕީ) އަލީ ޝުޖާއު މިރޭ ވިދާޅުވެއްޖެއެވެ. ސީޕީ މިހެން ވިދާޅުވީ ފުލުހުންގެ 92ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ސީޕީ ވިދާޅުވި ގޮތުގައި ރާއްޖެއަށް މަލްޓި ޕާޓީ ޑިމޮކްރަސީއެއް ތައާރަފުވެގެން އައި ހިސާބުން ފުލުހުންނަށް ވަނީ ގިނަ ފިލާވަޅުތަކެއް ދަސްވެފައެވެ. އޭގެ ތެރޭގައި ފުލުހުންގެ ތަސައްވުރާ ދޭތެރޭ ސުވާލު އުފެދޭ ކަންކަން ހިނގާފައިވާކަން ސީޕީ ފާހަގަ ކުރެއްވިއެވެ. މިއަދު ފުލުހުން ވަނީ އެ ކަންކަމުން އިބުރަތް ލިބިގެން ކުރިޔަށް ދާން މަސައްކަތް ފަށައިފައި ކަމަށާއި، ކުރި އަރާފައިވާ ގައުމުތަކުގައި ދޭ ފަދަ ޚިދުމަތެއް ރާއްޖޭގެ ފުލުހުންގެ ފަރާތުން ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސީޕީ ވިދާޅުވިއެވެ. "ދިވެހި ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންގެ ލޯތްބާއި އިހުތިރާމު ލިބިފައިވާ މުއައްސަސާއަކަށް ހެދުމަށް ވަރަށް ގިނަ ކަންކަން އަދި ވެސް ކުރަންޖެހޭކަން ގަބޫލުކުރަން. ފުލުހުންނާއި ރައްޔިތުންގެ ގުޅުން މި ހާރަށްވުރެ ހަރުދަނާ ކުރަންޖެހޭ. ހުށަހެޅޭ މައްސަލަތައް މިހާރަށްވުރެ އަވަހަށް ނިންމަންޖެހޭ. މައްސަލަތަކުގެ ވާނުވާ، މައްސަލަތައް ހުށަހަޅާ ފަރާތްތަކަށް މިހާރަށްވުރެ ހަރުދަނާކޮށް އަންގަން އެބަޖެހޭ،" ސީޕީ ވިދާޅުވިއެވެ. ސީޕީގެ ވާހަކައިގައިވަނީ ފުލުހުންގެ ޚިދުމަތުން ރައްޔިތުންނަށް އަނިޔާވެރި ނުވާނޭ ކަމަށް ވިދާޅުވެފައެވެ. ރައްޔިތުންނަށް ޚިދުމަތް ކުރުން ނޫން އިތުރު އެއްވެސް މަގުސަދެއް އެ މުއައްސަސާގައި ނޯންނާނެ ކަމަށާއި، ރައްޔިތުންގެ އަމާންކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ފުލުހުން ވާނެ ކަމުގެ ޔަގީންކަން ސީޕީ ދެއްވިއެވެ. "ދިވެހި ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންނަށް އަނިޔާވެރިވާނޭ ޚިދުމަތެއް ނޫން. ދިވެހި ފުލުހުންނަކީ އަނިޔާވެރިވާނޭ ބައެއް ނޫން. ވަކިވަކި ފުލުހުންގެ ވަރަށް މަދު ހާލަތްތަކެއްގައި ފެންނަ ކަންކަން އެއީ މުޅި ޚިދުމަތް ރަމްޒުކޮށްދޭ ކަމަކަށް ނުހެދުން އެދެން،" ސީޕީ ވިދާޅުވިއެވެ. ފުލުހުންގެ އަހަރީ ދުވަސް ފާހަގަކުރިއިރު ފާއިތުވި ހަފުތާއެއްހައި ދުވަހު އެ މުއައްސަސާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަންނަނީ އަމާޒުވަމުންނެވެ. އެ ފާޑުކިޔުންތައް އަމާޒުވަމުން އަންނަނީ އުމުރުން 21 އަހަރުގެ ޒުވާން އަންހެނެއް ވެއްޓުނު ހާދިސާގައި ފުލުހުން އަމަލުކުރަމުން އަންނަ ގޮތާ ހެދިއެވެ. މި މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ ޒުވާނުން ހިމެނޭހެން، ވަރަށް ގިނަ މީހުން އަންނަނީ ފުލުހުންނަށް އިތުބާރު ނުކުރާކަމަށް ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ