ރިޒޭގެ 5 ގޯލާއެކު ވިންޑް ވޯރިއޯސް އެސްސީ ސެމީއަށް!
ކުއާޒޯ ދި މެންގްރޫ އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2025 ގެ ގްރޫޕް އޭ ގެ ގްރޫޕް ސެޓޭޖްގެ ފަހު މެޗު މިރޭ ކުޅެފިއެވެ. މި މެޗުގައި ވާދަކޮށްފައިވަނީ ވިންޑް ވޯރިއޯސް އެސްސީ އަދި ވެލިދޫ އެސްސީއެވެ. މި މެޗަށް ދެ ޓީމުން ނިކުތްއިރު ވެލިދޫ އެސްސީއަށް މުބާރާތުގެ ސެމީއަށް ދިއުމުގެ ފުރުސަތެއް ނެތް ނަމަވެސް މި މެޗު ކާމިޔާބު ކުރުމުން ވިންޑް ވޯރިއޯސް އެސްސީ އަށް ސެމީގެ ޖާގައެއް ކަށަވަރު ވެގެންދާނެވެ. މެޗު ފެށިގެން ފުރަތަމަ ހާފްގެ 12 ވަނަ މިނެޓްގައި ވިންޑް ވޯރިއޯސްގެ ޔާމީން (ޔާނު) ނާގަދިން ބޯޅަ ބޮލުން ގޯލަށް އަމާޒުކޮށްގެން އެ ޓީމްގެ ރިޒްވާން (ރިޒޭ) ވަނީ ލީޑް ނަގާދީފައެވެ. ފުރަތަމަ ހާފު ނިމިގެންދިޔައިރު ވިންޑް ވޯރިއޯސްއިން ގިނަ ވަގުތު ބޯޅަ ގެންގުޅެ ވެލިދޫގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ވަނީ ފޮނުވާލާފައެވެ. ދެވަނަ ހާފް ފެށިގެން 51 ވަނަ މިނެޓްގައި ވިންޑް ވޯރިއޯސްއިން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމްގެ ޖާޒީ ނަންބަރު ފަހެއް މުހައްމަދު ވަހީދު (ކޮކީ) އެވެ. އަދި މެޗުގެ 56 ވަނަ މިނެޓްގައި ވިންޑް ވޯރިއާސްގެ އަހުމަދު ރިޒުވާން (ރިޒޭ) ޑިފެންޑަރު ކައިރިން ބަލިކުރުމަށްފަހު އިތުރު ގޯލެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްދިނެވެ. އަދި އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން އިތުރު ގޯލެއް ކާމިޔާބުކޮށް މިރޭގެ މެޗުގައި ރިޒޭ އޭނާގެ ހެޓްރިކް ހެދިއެވެ. މެޗުގެ ގިނަ ވަގުތު ވިންޑް ވޯރިއާސްއިން ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފައްދާފައިވާއިރު މެޗުގެ 65 ވަނަ މިނެޓްގައި އެ ޓީމުގެ ޖާޒީ ނަންބަރު 47 އަހުމަދު ޝަމާލް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑް އިތުރަށް ފުޅާކޮށްދީފައެވެ. އަދި ރިޒޭ ކާމިޔާބުކޮށްދިން އިތުރު ގޯލަކާއި ޔާނު ކާމިޔާބުކޮށްދިން ގޯލާއެކު މެޗުގެ 73 މިނެޓް ހިނގި އިރު ނަތީޖާއަކީ ވިންޑް ވޯރިއޯސް އެސްސީ ހަތެއް އަދި ވެލިދޫ އެސްސީ އަށް ގޯލެއް ކާމިޔާބު ކުރެވިފައި ނެތުމެވެ. އަދި މެޗުގެ 82 ވަނަ މިނެޓްގައި ވެސް ރިޒޭ ވަނީ ގޯލެއް ކާމިޔާބުކޮށް ލީޑް ފުޅާކޮށްފައެވެ. އަދި 87 ވަނަ މިނެޓްގައި ޔާނު ވެސް އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 9-0 އަށް ބަދަލުކޮށްލާފައިވަނިކޮށް ވެލިދޫ އިން ގޯލެއް ކާމިޔާބު ކުރިއެވެ. މި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ ވެލިދޫގެ އަހުމަދު މާއިލްއެވެ. މެޗު ނިމުނު އިރު ވިންޑް ވޯރިއޯސް އެސްސީ ވަނީ ނުވަ ލަނޑުޖަހައިފައެވެ. އަދި ވެލިދޫ އެސްސީ އަށް ޖެހުނީ އެންމެ ލަނޑެކެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވިންޑް ވޯރިއޯސް އެސްސީގެ ޖާރޒީ ނަންބަރު 10 އަހުމަދު ރިޒުވާން (ރިޒޭ) އެވެ. މި މެޗުގައި ރިޒޭ ވަނީ ޖުމްލަ ފަސް ގޯލް ކާމިޔާބުކޮށްފައެވެ. މި މެޗާއެކު ގްރޫޕް އޭ ގެ ގްރޫޕް ސްޓޭޖް ގެ މެޗުތައް މިރޭ ނިމިގެންދިޔައިރު، މި ގްރޫޕް އިން ގްރޫޕްގެ އެއްވަނައިގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ ނައިފަރު ޗެލްސީ އެސްސީއެވެ. އަދި ގްރޫޕްގެ ދެވަނައިގެ ގޮތުގައި ވިންޑް ވޯރިއޯސް އެސްސީއެވެ. މުބާރާތުގެ ގްރޫޕް ބީ ގެ ގްރޫޕް ސްޓޭޖްގެ ފަހު ދެ މެޗު މާދަމާ ކުޅެނެވެ. މާދަމާ ހަވީރު މެޗުގައި ވާދަކުރާނީ މާފަރު އެފްސީ އަދި މާޅެންދޫ އެފްޓީއެވެ. އަދި މާދަމާ ރޭގެ މެޗުގައި ވާދަކުރާނީ ހެނބަދޫ އެފްޓީ އަދި މަނަދޫ އެސްސީއެވެ. މުބާރާތުގެ ހުރިހާ މެޗެއް ވެސް އެސްއެސް ޓީވީގެ ޔޫޓިއުބް އަދި ފޭސްބުކްއިން ލައިވް ކުރާނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ