އިންޑިއާ-ޕާކިސްތާނުގެ ހަމަނުޖެހުމުގެ އަސަރު ރާއްޖެއަށް ކުރާނެ
އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުން ގޯސްވުމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ތައްޔާރުވާން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.އެކްސްގައި އިނގިރޭސި ބަހުން ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ބޮޑު ހަނގުރާމައެއް ފެށިއްޖެ ކަމަށާއި އޭގެ ސަބަބުން ދެކުނު އޭޝިޔާއަށާއި އިންޑިއާ ކަނޑަށް އަދި ދިވެހިރާއްޖެ އަށް ވެސް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށެވެ."އަޅުގަނޑުމެންގެ ސަލާމަތާއި ރައްކާތެރި ކަމަށާއި އަދި އިގްތިސޯދަށް ކޮށްފާނެ އަސަރުތަކަށް އަޅުގަނޑުމެން ތައްޔާރުވާން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.ކަޝްމީރުގެ އިންޑިއާ ފަޅިއަށް ނިސްބަތްވާ ޓޫރިސްޓް އަވަށެއް ކަމަށްވާ ޕަހަލްގާމުގައި ހަތިޔާރު އެޅި ބަޔަކު ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، އިންޑިއާއާ ޕާކިސްތާންގެ ގުޅުން ވަރަށް ބޮޑަށް ވަނީ ގޯސްވެފަ އެވެ. ހަނގުރާމަވެރިން ވަދެގަނެ ބަޑިން ހަމަލާދީ 26 މީހަކު މަރަލާފައިވާއިރު މީގެތެރޭގައި ގިނައީ އިންޑިއާ މީހުންނެވެ.މި ހަމަލާގެ ޒިންމާ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ "ދަ ރެސިސްޓެންސް ފްރޮންޓް (ޓީއާރުއެފް)" އިން ވަނީ ނަގާފަ އެވެ. އިންޑިއާ އިން ތުހުމަތުކުރާ ގޮތުގައި ޓީއާރުއެފް އަކީ ޕާކިސްތާން ސަރުކާރާ ގުޅުން އޮންނަ ޖަމާއަތެކެވެ.ގުޅުން ގޯސްވެފައިވާ މި ދަނޑިވަޅުގައި ދެ ގައުމު ގުޅޭ ބޯޑަރުގައި ދެ ގައުމުގެ ސިފައިން އަންނަނީ ހަމަލާތައް ވެސް ބަދަލުކުރަމުންނެވެ.ކަޝްމީރުގެ މިނިވަން ކަމަށް 1989 ވަނަ އަހަރުން ފެށިގެން ހަނގުރާމަ ކުރަމުން އަންނައިރު އިންޑިއާ އާއި ޕާކިސްތާނުން އަބަދުވެސް ގެންދަނީ މަސްރަހު ގޯސްކުރަން މަސައްކަތްކުރާ ކަމުގެ ތުހުމަތު އެއް ގައުމުން އަނެއް ގައުމަށް ކުރަމުންނެވެ. އަދި މަސްރަހު ގޯސްވާ ކޮންމެ ފަހަރަކު ހަމަލާ ބަދަލުކޮށް، އަލުން ހަނގުރާމައެއް ފެށުމުގެ ބިރު ބޮޑުވާ ހިސާބަށް ގެންދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ