ޕާޓީ ޑްރަގް ފަތުރަނީ ރައްކާތެރިކަމަށް ދެކިގެން، އެއީ ފުރާނައަށް ނުރައްކާވާ އެއްޗެއް: އެންޑީއޭ
ރާއްޖޭގައި ޕާޓީ ޑްރަގާއި އޭގެ ބާވަތްތައް ފެތުރިފައި ވަނީ ރައްކާތެރި އެއްޗެއް ކަމަށް ދެކިގެން ނަމަވެސް، މިއީ ހަގީގަތުގައި ފުރާނައަށް ގެއްލުންވާ ނުރައްކާތެރި މަސްތުވާތަކެތީގެ ބާވަތެއް ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އިން ބުނެފިއެވެ. އެންޑީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ، ޕާޓީ ޑްރަގްގެ މާއްދާތަކާއި، ބަނގުރަލާއި، އެނޫން މަސްތުވާ ބާވަތްތައް ރައްޖޭގައި ބޭނުން ކުރާއިރު، މިތަކެތި ފެތުރިފައި ވަނީ ރައްކާތެރި އެއްޗެއް ކަމަށް ދެކިގެން ކަމަށެވެ. މި ފަހުން ޒުވާނުންގެ މެދުގައި މަޝްހޫރުވި ޕާޓީކުރުމުގެ ސަގާފަތުގެ ސަބަބުން ގިނަ ބަޔަކު މިފަދަ މަސްތުވާތަކެތީގެ ޝިކާރައަކަށްވެ ނުރައްކާތެރި ހާލަތަކަށް ވެއްޓިފައިވާކަމަށް މި ބަޔާނުގައި ވެއެވެ. މި ބަޔާނުގައި ވަނީ ގިނަ މީހުން މިފަދަ މަސްތުވާތަކެތި ބޭނުންކުރަނީ ދޭތެރެ ދޭތެރެއިން ބޭނުންކުރާގޮތަށް ނަމަވެސް، އެކަމުގެ ސަބަބުން މިފަދަ މީހުން މަސްތުވާތަކެއްޗަށް އަޅުދާސްތުވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ސިއްހީ އެތަކެއް މައްސަލަތަކެއް ދިމާވާކަން ވެސް ފާހަގަކޮށްފައި ވެއެވެ. "ޕާޓީކުރުމުގެ ނަމުގައި ފެތުރެމުންދާ މި ނުރައްކާތެރި މަސްތުވާތަކެއްޗާއި، އެނޫންވެސް މަސްތުވާޒާތުގެ އެންމެހާ މާއްދާތަކާއި ތަކެތި ބޭނުންކުރުމަކީ ފުރާނަގެއްލިދިޔުމުގެ ނުރައްކާއޮތް ކަންކަމަށް ވާތީ، އެކަންކަން ކުރާ އެންމެހާ ފަރާތްތަކަށް މި ނުރައްކަލުގެ އިންޒާރުދެމެވެ،" އެ ބަޔާނުގައި ވެއެވެ. އެންޑީއޭއިން ބުނީ، މަސްތުވާތަކެތި ބޭނުންކުރުމަކީ ޖިނާއީ ކުށެއްގެ އިތުރުން، ސިއްހަތަށް ނުހަނު ގެއްލުންހުރި އަދި ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށެވެ. ޕާޓީ ޑްރަގްސްގެ އިތުރުން މަސްތުވުމަށް ޑްރަގް އިންޖެކްޓްކުރުން ފަދަ ކަންކަމަކީ ނުރައްކާތެރި ބަލިތައް ފެތުރުމަށް ހުޅުވިފައިވާ ދޮރުތައްކަން ފާހަގަކޮށް އެންޑީއޭއިން ބުނީ، މިހާރުވެސް މަސްތުވާތަކެތި ބޭނުންކުރާ އެތައްބަޔަކު މިފަދަ ބަލިތައް ތަހައްމަލް ކުރަމުން ދާކަމަށެވެ. މާލޭ ސަރަހައްދުގައި ކަންބޮޑުވާ މިންވަރަށް މިހާރު ވެސް މަސްތުވާތަކެތި ބޭނުންކުރާ ކަމަށާއި މިކަމުގައި ޒުވާނުނާއި ކުޑަކުދިން ވެސް ވަންނަކަށް އެންޑީއޭއިން މިއަހަރުގެ ފެބްރުވަރީ 25އިން މާރޗް 25ވަނަ ދުވަހުގެ ނިޔަލަށް މާލޭ ސަރަޙައްދުގައި ކުރިޔަށް ގެންދިޔަ އައުޓްރީޗް ޕްރޮގްރާމުން އެނގިފައި ވާކަމަށް އެންޑީއޭއިން ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން ސިއްހީ އެތައް މައްސަލައެއް ވެސް ފާހަގަވެފައި ވާކަމަށް އެންޑީއޭއިން ބުނެފައި ވާއިރު، މިކަމާ ގުޅިގެން ހާލަތު އިތުރަށް ދެނެގަތުމަށް އިތުރު މަސައްކަތްތައް ކުރަންމުން އަންނަ ކަމަށް އެންޑީއޭއިން ވަނީ ބުނެފައެވެ. "މަސްތުވާތަކެތީގެ މައްސަލައަކީ މުޅި މުޖްތަމައުގެ އެހީތެރިކަމާއި ބައިވެރިވުން ލިބި، ޝާމިލްގޮތެއްގައި މަސައްކަތްކޮށްގެން މެނުވީ ހައްލުކުރެވޭނެ ކަމެއްކަމަށް ނުވާތީ، މި މައްސަލަ ހައްލުކުރުމަށްޓަކައި އާންމުންގެ އެހީތެރިކަމަށް މި އެޖެންސީން އެދެމެވެ،" އެންޑީއޭގެ ބަޔާނުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ