މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމަނައިދޭން އެދިއްޖެ، އޭރުން އެއާޕޯޓްގައި މަޑުކުރަން ނުޖެހޭނެ

މައްކާ ރޫޓް އިނީޝިއޭޓިވް ގައި، ރާއްޖެ ހިމަނައި ދެއްވުމަށް އެދި އިސްލާމިކް މިނިސްޓްރީ އިން ސައުދީގެ ހައްޖު މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވަނީ އެކަން ހާމަކުރައްވާ މީޑިއާތަކަށް މެސެޖެއް ފޮނުއްވާފަ އެވެ.
މައްކާ ރޫޓް އިނީޝިއޭޓިވް ގައި ހިމެނުމުން ރާއްޖޭގެ ޙައްޖުވެރިން ސައުދީގެ ޖިއްދާ އެއާޕޯޓްގައި މަޑުކުރާކަށް ނުޖެހޭނެ އެވެ. ފައިބާ ގޮތަށް ހޮޓަލަށް ދެވޭނެ އެވެ.
Advertisement
ހައްޖުވެރީންނާއި އުމްރާވެރީން ގިނަ ވަގުތުތަކެއް ވަންދެން އެއާޕޯޓްގައި މަޑުކުރަން ޖެހުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ކަމެކެވެ.
ހައްޖުވެރިން އަމިއްލަ ގައުމުން ފުރާނީ ސައުދީ އެއާޕޯޓްގައި ކުރަންޖެހޭ ކަންކަން ވެސް ކޮށްގެންނެވެ. މައްކާ ރޫޓް އިނީޝިއޭޓިވް ގައި މިހާތަނަށް ހިމަނާފައި ވަނީ ހަތް ގައުމެކެވެ.
މިނިސްޓަރު ވިދާޅުވީ އުންމީދުކުރަނީ މި ފުރުސަތު ރާއްޖެއަށް ލިބިގެން ދިއުމަށެެވެ. އަދި އެކަމަށްޓަކައި މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
ހައްޖުވެރިންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައި ދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ދިވެހީންގެ ހައްޖުގެ ކަންކަން ހަރުދަނާ ކުރުމާއި ހެޔޮ އަގެއްގައި ހައްޖަށް ދެވޭނެ ގޮތް ހެދުމާއި ހައްޖު ކޯޓާ އިތުރުކުރުމަށް ވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ