ޔުމްނުގެ ތަހުގީގާ ގުޅޭ ގޮތުން ހުށަހެޅި ކުއްލި މައްސަލައަށް ނާޒިމް ފުރުސަތެއް ނުދެއްވި

ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް، އިދިކޮޅު އެމްޑީޕީން މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ފުރުސަތު ނުދެއްވައި އެ މައްސަލަ ބޭރުކޮށްލައްވައިފި އެވެ.
ވީީ ކިހިނެއް؟ - މި މައްސަލައަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް، މުޖުތަމައުގެ އާންމު މަސްލަހަތާ ސީދާ ގުޅިފައިވާ މައްސަލައެއް ކަމަށް ސިފަކޮށް، މިއަދުގެ މަޖިލިސް ޖަލްސާއަށް އެމްޑީޕީގެ ފަރާތުން މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އެވެ.
ތަފްސީލު - މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ނާޒިމް ވިދާޅުވީ، މަޖިލީހުގެ ގަވައިދުގައިވާ ކުއްލި މައްސަލައަކީ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށަހެޅޭ މައްސަލައަކަށް ވާން ވާނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ. ނަމަވެސް މައުރޫފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ހަގީގަތާ ހިލާފު ވާހަކަތަކެއް ހިމަނާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"އިއްޒަތްތެރި މެންބަރު ހުށަހެޅުއްވި މައްސަލައިގައި ދެންނެވުނު ހާދިސާގައި ކްރައިމް ސީންގެ ގޮތުގައި ފާހަގަ ކުރެވޭ ތަނަކީ، މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ދިރިއުޅުއްވާ ގެ ކަމަށް ބަޔާންކޮށްފައިވާއިރު، މިނިސްޓަރު ދިރިއުޅުއްވަނީ ހާދިސާ ހިނގި ގޭގައި ނޫން ކަމުގައި ދަންނަވަން،" އޭނާ ވިދާޅުވި އެވެ.
އެހެންކަމުން އެއީ ގަވައިދުގައިވާ ގޮތަށް ހަގީގަތުގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައަކަށް ނުވާތީ ކުއްލި މައްސަލައެއްގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"ޝަރުތު ފުރިހަމަ ނުވާތީ ކުއްލި މައްސަލަ ހުށަހެޅެން ނެތް ވާހަކަ ދަންނަވަން،" އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުން، މައުރޫފް ހުށަހެޅުއްވި މައްސަލައިގެ ލިޔުމުގައި ވިދާޅުވެފައި ވަނީ، މި "ހާދިސާގެ ކްރައިމް ސީން"ގެ ގޮތުގައި ފާހަގަކުރެވޭ ތަނަކީ، މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ދިރިއުޅުއްވާ ގެ" ކަމަށެވެ.
މި ހާދިސާގައި ޔުމްނު ވެއްޓުނީ ހ. ފެންޓެނޯއީގޭގެ ނުވަ ވަނަ ފަންގިލިފާއިން އެ ގެއާ ޖެހިގެން ހުންނަ ހ. މިޓާޒްގޭގެ ބުރުޒު މަގާވީ ފަޅިއަކަށް ހުންނަ ގުދަނުގެ ފުރާޅުމައްޗަށެވެ. މިނިސްޓަރު އަމީން ދިރިއުޅުއްވަނީ މއ. މާންދޫގެ ދެކުނުގޭގަ އެވެ. އެގޮތުން:
މާންދޫގޭގެ ދެކުނުގެއަކީ ޔުމްނު ވެއްޓުމުގެ ގާތްގަނޑަކަށް ފަސް ގަނޑިއިރު ކުރިން، އޭނާ ހިމެނޭހެން އިތުރު ނުވަ މީހަކު ދިޔަ ގެއެއް
އެ ގޭގައި އެ މީހުން ޕާޓީ ކުރި ކަމަށް އަންނަނީ ތުހުމަތު ކުރަމުން؛ ނަމަވެސް ފުލުހުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވި ގޮތުގައި، އެ މީހުން މަސްތުވެފައި ވަނީ ކޮން ގެެއެއް ކަމަށް ތަހުގީގަށް އަދި ނޭނގެ
މި ހާދިސާގައި ޝާމިލުވާ ބައެއް މީހުންނަކީ އަމީންއާ އާއިލީ ގޮތުން ގުޅުން އޮތް ބައެއް ކަމުން އޭނާ ތަހުގީގަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތު ކުރެވޭ
އެ ތުހުމަތުތައް އަމީން ދޮގު ކުރި ނަމަވެސް، އެންމެ ފަހުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ހިނގަމުންދިޔަ ވަގުތު އޭރުގެ ސީޕީ ޝުޖާއުއަށް "އަމީން ގުޅުއްވުމަކީ ތަހުގީގަށް ނުފޫޒު ފޯރުވުމަށް ހިންގި އަމަލެއް"
މީގެ ކުރިން މި ބާވަތުގެ މައްސަލަތަކުގައި އަމަލުކުރަމުން އައިސްފައިވާ އުސޫލުތަކާއި ހިލާފަށް ފުލުހުން މި މައްސަލައިގައި ދަނީ އަމަލުކުރަމުން؛ ފުލުހުން ދީފައިވާ މައުލޫމާތުތަކުގައި ފުށުއެރުންތަކެއް އެބަހުރި
ޔުމްނުއާ އެކު އެ ރޭ އުޅުނު ރައުދު އަހްމަދު ޒިލާލުގެ ކުޑަކަމުދާ ތަކެތި ޑްރަގަށް ޕޮޒިޓިވްވި ނަމަވެސް އޭނާ ހައްޔަރުކޮށްފައެއް ނުވޭ
ތަހުގީގުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ޔުމްނުއަށް އިންސާފު ލިބުމަށް ހުރަސް އެޅޭ؛ މިކަމަކީ ގިނަ އަދަދެއްގެ ޒުވާނުން ވެސް ކަންބޮޑުވުންފާ ޅުކޮށް، މުޒާހަރާ ކުރަމުންދާ ކަމެއް
އެ ސަބަބުތަކާ އެކު ކުއްލި މައްސަލައިގައި މައުރޫފް އެދިވަޑައިގަތީ މަޖިލީހުން މިކަމާ މެދު ބަހުސް ކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ