ހައްވާ ޔުމްނު ރަޝީދު އިމާރާތަކުން ވެއްޓުނު ހާދިސާގެ މައްސަލަ ބަލަން ރައީސް މުހައްމަދު މުއިއްޒު އެކުލަވާލި ރިޔާސީ ކޮމިޝަނަށް އިތުރު ތިން ބޭފުޅަކު އައްޔަންކޮށްފި އެވެ.
ވީކިހިނެއް؟ - ޔުމްނު، 21، ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގާ މެދު އާންމުންގެ އެތައް ކަންބޮޑުވުމެއް އެފެދިފައި ވަނިކޮށް، މި މައްސަލައިގެ ފުނަަށް ދިޔުމަށް މިކަމަށް ހާއްސަ ކޮމިޝަނެއް ރައީސް އުފެއްދެވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރައީސް ނެރުއްވި ގަރާކުންނެވެ.
އެ ކޮމިޝަނަށް އޭރު އައްޔަންކުރެއްވި ބޭފުޅުންގެ ތެރެއިން ކަށީގެ ހާއްސަ ޑޮކްޓަރު މުހައްމަދު ހަބީބު އިސްތިއުފާ ދެއްވާފައި ވަނިކޮށް ރައީސް މުއިއްޒު މިއަދު ނެރުއްވި ގަރާރަކުން އިތުރު ތިން ބޭފުޅަކު ވަނީ ކޮމިޝަނުގައި ހިމަނުއްވައިފަ އެވެ.
އެ ތިން ބޭފުޅުންނަކީ:
ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641 (އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރެއް)
ޖަބީން މުހައްމަދު، މޫނިމާގެ/ތ. ވޭމަންޑޫ (ހުޅުމާލެ ހޮސްޕިޓަލްގައި މަސައްކަތްކުރާ އަންހެން ސީނިއާ ނަރުހެއް)
އާމިނަތު އީނާސް، ހ. ހަބަރުގެ (އެޗްއާރުސީއެމްގެ ކުރީގެ ރައީސް)
ދެން މި ކޮމިޝަނުގައި ތިއްބަވަނީ:
ކޮމިޝަންގެ ރައީސަކަށް މުހައްމަދު މުނައްވަރު، ގ. ހަސަންކާރިގެ (ކުރީގެ ބަންޑާރަ ނައިބު)
ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދު، ވ. އަލްމާން
އެނގުން މުހިންމު - ރައީސްގެ ގަރާރުގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ކޮމިޝަން އުފެއްދެވީ:
18 އޭޕްރީލްގައި މާލޭގެ ގެއެއްގެ ފުރާޅުމަތީގައި އަންހެނަކު ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ ބެލުން
އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއް ކުރުން
އެ ހާދިސާގެ ހަގީގަތް ހޯދުން
އެ ހާދިސާއާ ގުޅިގެން ކަމާ ބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ބެލުން
އެ މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން
އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ ތަހުގީގެއް، އިންސާފުވެރިކަމާއި އަދުލުވެރިކަމާ އެކީ ކުރުން
ރައީސްގެ ގަރާރުގެ ދަށުން އެ ކޮމިޝަނަށް ލިބިދީފައިވާ ބާރުތަކަކުގެ ތެރޭގައި ހިމެނެނީ:
ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކުރުމާއި ތަހުގީގުތަކަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީ ހޯދުން
މަސައްކަތްތަކާއި ތަހުގީގުތަކުގައި އެހީތެރިވާން ރާއްޖެއިން ބޭރުގެ ކަމާ ބެހޭ ފަރާތްތައް ގެނައުމާއި ހަބީރުންގެ އެހީތެރިކަން ހޯދުން
މަސްއޫލިއްޔަތު އަދާކުރުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން
ހައްޔަރު އަމުރާއި ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހާ ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން
ހާޒިރުކުރަން ޖެހޭ ކަމަށް އެ ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކޮށް، ބޭނުންވާ ކޮންމެ ލިޔެކިޔުމެއް ހޯދައި، އެފަދަ ތަކެތި ހުށަހަޅަން އެކި ފަރާތްތަކަށް އެންގުން
ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭ ގޮތުން އެހެން ފަރާތަކުން އެއްވެސް ތަހުގީގެއް ކޮށްފައިވާ ނަމަ އެ ތަހުގީގަކުން ނުވަތަ އެ ނޫން ވެސް ގޮތަކުން ހޯދާފައިވާ ހޯދުންތަކާއި އެ ފަރާތެއްގެ އަތުގައި ހުރި ލިޔެކިޔުންތަކާއި ހެއްކާއި ގަރީނާތަކާއި އެ ނޫން ވެސް މައުލޫމާތު ހޯދުން
މި މައްސަލަގަނޑު ހޫނުވީ ޔުމްނު ވެއްޓުމުގެ ކުރިން އޭނާ ވެސް ބައިވެރިވި ޕާޓީއެއް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނުގެ ގޭގައި އޮތް ނަމަވެސް ފުލުހުން އެ ގޭގެ ނަން ފުރަތަމަ ހާމަނުކުރުމުންނެވެ. ފަހުން އެނގުނު ގޮތުގައި އެ ޕާޓީގައި އަމީނަށް ބޮޑުބޭބެ ވިދާޅުވާ އަދި ސަރުކާރުގެ އިސް މަގާމެއްގައި ތިބި ދެ މީހަކު ވެސް ހިމެނެ އެވެ.
ތަހުގީގަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތު އަމާޒުވެ އާންމުންގެ ޝަކުވާތައް މި މައްސަލާގައި ބޮޑުވީ އެ ކަމާ ގުޅުވަ އެވެ. ޕާޓީގައި ޔުމްނުއާ އެކީ އުޅުނު މީހުންގެ ވަނަވަރު އާންމުކޮށް އެ މީހުންގެ ޕާސްޕޯޓް ހިފެހެއްޓީ ވެސް ފުލުހުންގެ ޖިނާއީ ތަހުގީގުތަކުގެ ޑިޕާޓްމަންޓް ހިންގާ އިމާރާތް ދޮށަށް ކޮންމެ ރެއަކު ޒުވާނުން އެއްވެ މުޒާހަރާކުރަން ފެށި ހިސާބުންނެވެ.
ޔުމްނު ވެއްޓުނު ހާދިސާގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަނަށް އިތުރު 3 ބޭފުޅަކު އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ