އިސްލާހުގެ ކުރިން އުފެއްދި ތަކެތި ކަމަށް ބުނުމުން ސިނގިރޭޓު ދޫކުރަން އަމުރުކޮށްފި

މިދިޔަ ޖެނުއަރީ މަހު ފުލުހުން ހިފެހެއްޓި ގިނަ އަދަދެއްގެ ސިނގިރޭޓު ފޮށިތަކާއި އެ އެއްޗެހި އުފައްދަން ބޭނުންކުރި އާލާތްތައް ވެރިފަރާތާ ހަވާލުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ. އޭގެ ސަބަބަކީ އެއީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މިދިޔަ އަހަރު ފަހުކޮޅު ގެނައި އިސްލާހުގެ ކުރިން އުފެއްދި ސިނގިރޭޓުކަމަށް ކޯޓުގައި ބުނުމެވެ.
ވީ ކިހިނެއް؟- ހ. ހުޅުގަލިގެ ފުރަތަމަ ފަންގިފިލާގެ އެޕާޓްމަންޓެއް ކުއްޔަށް ނަގައިގެން ހިންގަމުންދިޔަ "ވަގު ސިނގިރޭޓު ފެކްޓްރީ" ރެއިޑްކޮށް، އެތަނުން ދުންފަތް ހިމެނޭހެން 103 ފޮށިގަނޑު ފުލުހުން ހިފެހެއްޓީ 30 ޖެނުއަރީ 2025ގަ އެވެ. އެގޮތުން:
އެ އެޕާޓްމަންޓް ކުއްޔަށް ނެގި ފަރާތް، ރެއިޑިއަސް ޕްރައިވެޓް ލިމިޓެޑުން އެ ތަކެތި ހޯދަން ކްރިމިނަލް ކޯޓަށް އޮތީ މައްސަލަ ހުށަހަޅާފައި
އެ މައްސަލަ ބެއްލެވި އެ ކޯޓުގެ ގާޒީ އިބްރާހިމް އިހުސާން މިދިޔަ އާދިއްތަ ދުވަހު ހުކުމް ކުރެއްވީ ފުލުހުން ހިފެހެއްޓި މުދާތައް އެ ކުންފުންޏާ ހަވާލުކުރަން
ތަފްސީލު - ދުންފަތް ހިމެނޭހެން ފުލުހުން ހިފެހެއްޓި އެއްޗެހިތައް ދޫކުރުމަށް އެދި ރެއިޑިއަސް ކުންފުނިން ކޯޓުގައި ނެގި މައިގަނޑު ނުކުތާއަކީ، އެއީ "13 ނޮވެމްބަރު 2024ގެ  ތާރީހުގެ ކުރިން އުފެއްދި ތަކެތި ކަމަށް" ވުމެވެ. ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ ދަށުން "ދުންފަތުގެ ބާވަތްތައް އުފެއްދުން މަނާވެގެން ދިޔައީ 13 ނޮވެމްބަރު 2024ގައި" ކަމަށް އެ ކުންފުނިން ވަކާލާތުކުރި އެވެ.
އޭގެ އިތުރުން އެ ކުންފުނިން ކޯޓުގައި ބުނީ:
ގާނޫނުއަސާސީގެ 40 ވަނަ މާއްދާގެ ދަށުން ކޮންމެ މީހަކަށް ވެސް މުދަލުން  "ތަސައްރަފުކޮށް، އެއިން މަންފާ ހޯދުމަކީ ލިބިގެންވާ ހައްގެއް ކަމަށް"
ހިފަހައްޓާފައިވާ ސިނގިރޭޓަކީ، ވަކި ފިނި ހޫނުމިނެއްގައި ބަލަހައްޓަން ޖެހޭ ތަކެތި؛ އެގޮތަށް އެތަކެތި ނުބެލެހެއްޓޭ ނަމަ މުދަލުގެ އަގު ވެއްޓުމުގެ ފުރުސަތު ނުވަތަ އެއްކޮށް ގެއްލުމުގެ އިހްތިމާލު އެބަ އޮތް
މި މުދަލަކީ، ކުށަކާ ގުޅުން ހުރި ތަކެތިކަމަށް އިންޓެލިޖެންސް މައުލޫމާތު ފިޔަވައި އިތުރު ހެއްކެއް ހޯދިފައި ނުވާ ކަމަށް
އެހެންވެ އެ ކުންފުނިން އެދުނީ ފުލުހުން ހިފަހައްޓާފައި ހުރި ސިނގިރޭޓްތަކާއި އެ ތަކެތި އުފައްދަން ބޭނުންކުރި އާލަތްތަކާއި ހުސް ފޮށިތައް، ޖިނާއީ އިޖުރާތުގެ 37 ވަނަ މާއްދާގެ (ބ)ގެ ދަށުން ރައްދުކޮށްދިނުމަށެވެ. އެގޮތުން: 
ފުލުހުން މީހެއްގެ މުދަލެއް ހިފެހެއްޓުމުން ލިބޭ ގެއްލުމުގެ ސަބުން އެ މުދަލެއް ދޫކޮށްލަން ހުށަހަޅާ މައްސަލައެއްގައި، އެ މައްސަލައެއްގައި ހިމެނޭ އެންމެހާ ކަންކަމަށް ރިއާޔަތްކުރާއިރު، އެންމެ އިންސާފުވެރި ގޮތަކީ އެ މުދާ ވެރިފަރާތާ ހަވާލުކުރަން ކޯޓަށް ފެނިއްޖެ ނަމަ، ކޯޓުން ކަނޑައަޅާ ވަކި ޝަރުތުތަކާ އެކު ދޫކުރަން އަމުރު ކުރެވިދާނެ ކަމަށް
ރެއިޑިއަސްއިން ބުނެފައިވަނީ މި މުދާތައް ވިއްކައިގެން 5 މިލިއަން ރުފިޔާ ލިބޭނެ ކަމަށް
އެ ގާނޫނުގެ 37 ވަނަ މާއްދާގެ (ނ)ގައިވާ ގޮތަށް އެއީ ރާއްޖެއަށް ގެނައުމުން ނުވަތަ ގެންގުޅުން މަނާ އެއްޗެއް ކަމާ މެދު ފުލުހުން ކޯޓުގައި އިއުތިރާޒުކޮށްފައި ނުވާ ކަމަށް ވެސް ހުކުމްގައި ބުނެ އެވެ. އެހެންވެ އެކަމާ މެދު ގާނޫނީ ބަހުސެއް ނެތް ކަމަށް ގަޒީ ނިންމެވި އެވެ.
ނަމަވެސް އެ ގާނޫނުގެ 37 ވަނަ މާއްދާގެ (ބ)ގެ ދަށުން މި ތަކެތި ދޫކުުރަން ފުލުހުން އިންކާރުކޮށްފައިވެ އެވެ. ސަބަބެއް ކަމަށް ބުނީ:
13 ނޮވެމްބަރު 2024ގެ ފަހުން ސިނގިރޭޓް އުފައްދާފައިވާ ކަމަށް ބާރު ލިބޭ ހެކިތައް ލިބިފައިވޭ
މި މުދާތައް ދޫކޮށްފި ނަމަ ހެކި ނައްތާލުމުގެ ފުރުސަތު އެބަ އޮތް؛ މި މައްސަލައިގައި އެ ކުންފުނީގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާ އެކު ދަނީ މަޝްވަރާ ކުރަމުން
ގާޒީ އިބްރާހިމް އިހްސާން ނިންމެވީ ހިފަހެއްޓި މުދާތަކުގެ ތެރެއިން ހުސް ފޮށިތަކާއި ސިނގިރޭޓް އުފައްދަން ބޭނުންވާ އާލަތްތައް، އެއްވެސް ޝަރުތެއް ނެތި ތިން ދުވަހުގެ ތެރޭ އެ ކުންފުންޏާ ހަވާލުކުރުމަށެވެ. ދުންފަތާއި ސިނގިރޭޓް ދޫކުރަން އަމުރުކުރީ މައިގަނޑު ތިން ޝަރުތަކާ އެކު އެވެ. އޭގެ ތެރޭގައި ހިމެނެނީ:
ހިފެހެއްޓި މުދަލުގެ ފޮރެންސިކް ތަހުލީލު ހެދުމަށް ބޭނުންވާ ސާމްޕަލް ނަގަން ފުލުހުންނަށް އެއްބާރުލުން ދިނުމަށް
ހިފެހެއްޓި މުދާ ވިއްކުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ހޯދަން ޖެހޭ ހުއްދަ/ލައިންސެންސް ހޯދުމަށް ފަހު ފުލުހުންގެ ހިދުމަތަށް ހުށަހެޅުމުން މުދާ ދޫކުރުމަށް. (އެގޮތަށް ހުށަހަޅާތާ ފަސް ދުވަސް ތެރޭ އެތަކެތި ދޫކުރަން ޖެހޭ) 
މުދާ ދޫކުރާ ހާލަތުގައި ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުކުރުމަށް
އޭގެ އިތުރުން މި މުދާތައް ދޫކުރެވެންދެން ނުވަތަ މުދަލާ މެދު ވަކި ގޮތަކަށް އަމަލު ކުރެވެންދެން މުދަލުގެ އަގު ނުގެއްލޭނެހެން ރައްކާތެރިކަމާ އެކު ބެލެހެއްޓުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވެ އެވެ.
ފާޙަގަކޮށްލެވޭ ކަމެއް - އެއީ 13 ނޮވެމްބަރު 2024ގެ ކުރިން އުފެއްދި ސިނގިރޭޓްތަކެއް ކަމަށް ރެއިޑިއަސްއިން ބުނި ނަމަވެސް، ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނު 2010ގައި ވުޖޫދުވި ފަހުން އެ ގާނޫނުގެ ދަށުން ރާއްޖޭގައި ސިނގިރޭޓް އުފެއްދުމަކީ މަނާކަމެކެވެ. ރައީސް މުއިއްޒު 14 ނޮވެމްބަރު 2025ގައި ތަސްދީގު ކުރި އިސްލާހުގައި އެބައިތައް ހުރީ ވަރަށް ބޮޑަށް ހަރުކަށިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ