ސްކޫލް ކުދިންގެ ތުނބުޅި ބާލަން މަޖުބޫރު ކުރުން ހުއްޓުވަން ހުސެއިން ޝަރީފު ގޮވާލައިފި ސްކޫލް ކުދިންގެ ތުނބުޅި ބާލަން މަޖުބޫރު ކުރުން ހުއްޓުވަން ހުސެއިން ޝަރީފު ގޮވާލައިފި

ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ތުނބުޅި ބާލަން މަޖުބޫރުކުރާ ކުރުން ހުއްޓުވަން ޖެހޭ ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މަޖިލިސް މެންބަރު، ހުސެއިން ޝަރީފް ވިދާޅުވެއްޖެ އެވެ.
މެންބަރު ހުސެއިން މިހެން ވިދާޅުވީ ރިސޯޓުތަކާއި ހޮޓާތަކުގެ މުވައްޒަފުން ތުނބުޅި ބެހެއްޓުމާއި ބުރުގާ އެޅުން ފަދަ ކަންކަން ކުރުމަށް ހުރި ހުރަސްތައް ނައްތާލަން ގޮވާލައި މަޖިލީހަށް ހުށަހެޅި ގަރާރުގެ ބަހުސްގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އިންސާނާ ބޭނުން ނުވާ ކަމެއް އޭނާ ލައްވައި ކުރުވުމަކީ ހައްގެއް ނިގުޅައިގަތުމެވެ.
"އެއްވެސް މަޖުބޫރުކަމެއް ރާއްޖޭގެ މި މާހައުލުގައި ޓޫރިޒަމް ދާއިރާ، ވަކި ދާއިރާއެއް ނޫން، ސްކޫލްތަކަށް ވަންނަ ކުދިންނަށް ވެސް މަޖުބޫރު އެބަ ކުރުވާ، އެކަން އެބަ ޖެހޭ ހުއްޓުވަން، އެ ކުދިން މިވެނި އުމުފުރާއަކަށް ހަމަ ބޮޑުވާއިރަށް އެބަ ބުނޭ، ހަމަ ކޮންމެ ދުވަހަކު އަންނަ އިރަށް ލީޑިން ޓީޗަރު ބުނާނެ އޭތް ތުނބުޅި ބާލައިގެން އާދޭ، މިކަން އެބަޖެހޭ ހުއްޓުވަން އަޅުގަނޑުމެން ގައުމުން،" ހުސެއިން ވިދާޅުވި އެވެ.
ތުނބުޅި ބާލަން މަޖުބޫރު ކުރުވުން އެއީ މާ ކުރީ ޒަމާނެއްގައި އޮތް ސަގާފަތެއް ނަމަވެސް މިހާރަށް އެކަން ނުފެތޭ ކަމަށް ހުސެއިން ވިދާޅުވި އެވެ. އަދި ފިރިހެނުން ތުނބުޅި ބޭލުމަކީ އެއީ މިހާރުގެ ޒުވާނުން ބޭނުންވާ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހިނގާ މުޅި ދުނިޔެއަށް ޖެހިލަމާ، މުޅި ދުނިޔެއަށް ޖެހިލާއިރު، އަދި ދީން ގަބޫލު ކުރާ ނުކުރާ އެޔެއް ބަލާނެ ކަމެއް ނެތް، މުޅި ޒުވާނުންގެ މެދުގައި ވެސް އެންމެ މަގުބޫލު ޓްރެންޑެއްގެ ގޮތުގައި އޮތީ މިއަދު އެމީހުން ހަމަ ފުރާވަރަށް އަރައިގެން އަންނަ ގޮތަށް ރީތިކޮށް ތުނބުޅި ރީތިކޮށް ދިގުކޮށްލާފައި ފިރިހެން ވަންތަކަން ހުރިހާ އެންމެންނަށް ދައްކައިލުން،" ހުސެއިން ވިދާޅުވި އެވެ.
ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެ މީހުންގެ ތުނބުޅި ބަހައްޓައިގެންނާއި ބުރުގާ އަޅާ ޒުވާނުންނަށް ބުރުގާ އަޅައިގެން މަސައްކަތް ކުރެވޭނެ މާހައުލެއް ފަހިކޮށްދޭން އުސޫލެއް ހަދަން ގޮވާލައި މަޖިލީހަށް ހުށަހެޅި ގަރާރު މިއަދު ވަނީ މަޖިލީހުން ބަލައިގެންފަ އެވެ. އެ ގަރާރު އިތުރަށް ދިރާސާކޮށް ގޮތެއް ނިންމާނީ ކަމާބެހޭ ކޮމިޓީންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ