ސްކޭމްކޮށްގެން ހޯދާ ފައިސާ ޖަމާކުރާ އެކައުންޓު ވަގުުތުން ފްރީޒުކުރުމުގެ ބާރު ފުލުހުންނަށް
ސްކޭމްކޮށްގެން ހޯދާ ފައިސާ ޖަމާކުރާ ބޭންކް އެކައުންޓު ވަގުުތުން ފްރީޒުކުރުމުގެ ބާރު ފުލުހުންނަށް ދީފިއެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހާއާއެކު، ބޭންކް އެކައުންޓުތަކުގައި ހުންނަ ފައިސާ ހިފެހެއްޓުމާއި އެ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުމުގެ ބާރު ދިވެހި ފުލުހުންނަށް ވަނީ ދީފައެވެ. މިދިޔަ ހޯމަ ދުވަހުން ފެށިގެން އެ އިސްލާހަށް އަމަލުކުރަން ވަނީ ފަށައިފައެވެ. ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އިންސްޕެކްޓާ އޮފް ޕޮލިސް، ހެޑް އޮފް އެންޓި ސްކޭމް ސެންޓަރު، އާދަމް ނަވީދް ވިދާޅުވީ، ފުލުހުންނަށް ސްކޭމް ރިޕޯޓެއް ލިބެމުންދާއިރު ފުލުހުން ދާނީ އެ މައުލޫމާތު ވަގުތުން މާލީ އިދާރާތްތަކާ ވެސް ހިއްސާކުރަމުން ކަމަށެވެ. އަދި ކޯލް ނިމޭއިރު މާލީ އިދާރާތްތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށާއި، އެގޮތުން އެ ނިޒާމުގެ ތެރެއިން ފައިސާ އެކައުންޓުން ބޭރުވުމުގެ ކުރިން ހުއްޓުވޭނެކަމަށް އޭނާ ވިދާޅުވިއެވެ. ނަވީދު ވިދާޅުވީ ކުރިން އެކައުންޓުތައް ފްރީޒް ކުރެވެނީ ކޯޓު އަމުރެއް ހޯދުމުން ކަމަށެވެ. އަދި އެކަމަށް ވަގުތު ހޭދަވާތީ، އެކައުންޓުން ފައިސާ ނަގާއިރު ވެސް ނުހުއްޓުވޭ ފަހަރު އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު ކޯޓު އަމުރަކާ ނުލައި ވަގުތުން އެކައުންޓުތައް ފްރީޒް ކުރެވޭނެ ކަމަށް ނަވީދު ވިދާޅުވިއެވެ. ސްކޭމަރުން ބައެއް ފަހަރު އަމަލު ކުރާ ގޮތަކީ ނުދަންނަ މީހެއްގެ އެކައުންޓަށް ފައިސާ ފޮނުވައި، އޮޅިގެން ފައިސާ ޓްރާންސްފާ ކުރެވުނީ ކަމަށް ބުނެ، އެ މީހަކު ލައްވާ ފައިސާ ނަގުވަނީއެވެ. އެފަދަ ހާލަތްތަކުގައި، ކުށެއް ނުކުރާ މީހާއަށް ވެސް ތުހުމަތުތައް އަމާޒުވެ، އެ އެކައުންޓަށް ވެސް ފިޔަވަޅު އަޅާ ހާލަތްތައް އާދެއެވެ. "އެހެންވީމަ، އަޅުގަނޑުމެން ނިހާޔަތަށް މަޢާފަށް އެދެން. އެގޮތަށް އެ ސްކޭމަރުންގެ ބޭނުމަށް ސްކޭމް ފައިސާ ޖަމާކޮށް ނަގައިދޭން ބޭނުންކުރާ އެކައުންޓްތައް އަޅުގަނޑުމެން ވަގުތުން ފްރީޒްކުރާނެ. ހަމައެއާއެކު 48 ގަޑިއިރަށް ފްރީޒްކޮށް އަދި އެ މުއްދަތު ތެރޭގައި އެ ކުށުގަ އެކައުންޓް އޯނަރު ބައިވެރިވަނީ ކިހާ މިންވަރަކަށްތޯ ބަލައި އިތުރަށް ކޯޓު އަމުރެއްގެ ދަށުން ވެސް ފްރީޒްކުރަން ޖެހޭ ހާލަތެއްގައި އަޅުގަނޑުމެން ފްރީޒްކުރާނަން،" އޭނާ ވިދާޅުވިއެވެ. ފުލުހުން ވަނީ، ކޮވިޑް-19ގެ ފަހުން ސްކޭމްގެ މައްސަލަތައް ވަރަށް ބޮޑަށް އާއްމުވެފައިވާކަން ފާހަގަކޮށްފައެވެ. އަދި ސްކޭމަރުން ގެންގުޅޭ އުކުޅުތައް ވެސް ދުވަހެއް ދުވަހަކަށް ބަދަލުވަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އެންމެ ފުރަތަމަ ފޯން ކޯލަކުން ސްކޭމް ކުރަމުން އައިސް، މިހާރު އޮންލައިންކޮށް، ޚާއްސަކޮށް ސޯޝަލް މީޑިއާ ބޭނުންކޮށްގެން ސްކޭމްގެ އަމަލުތައް ހިންގަމުންދާ ކަމަށް ވެސް ފުލުހުން ފާހަގަކުރިއެވެ. ސްކޭމްގެ މައްސަލަތައް ރިޕޯޓުކުރަން ފުލުހުން ވަނީ ޚާއްސަ ކޯލް ސެންޓަރެއް ވެސް ގާއިމުކޮށްފައެވެ. https://sun.mv/203808 ސްކޭމެއްގައި ޖެހޭ ހާލަތެއްގައި، ނެޝެނަލް އެމެޖެންސީ ނަމްބަރު 119 އަދި އެންޓި ސްކޭމް ހޮޓްލައިން 125 (އެކްސްޓެންޝަން 2020)ގެ އިތުރުން އެންޓި ސްކޭމް ސެންޓަރުގެ އީމެއިލްމެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ސްކޭމާ ގުޅުންހުރި މައްސަލަތައް ރިޕޯޓުކުރެވޭނެ ކަމަށް ފުލުހުންވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ