ޔުމްނުއަށްޓަކައި ކުރާ މުޒާހަރާތައް: ނޫސްވެރިންނަށް ރައްކާތެރިކޮށް ކަވަރުކުރެވޭނެ ގޮތްތައް ފުލުހުން ބުނެދީފި

މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ޒުވާނުން ސިލްސިލާ މުޒާހަރާތައް ކުރަމުން އަންނައިރު، އެ މުޒާހަރާތައް ކަަވަރު ކުރާ ނޫސްވެރިން ރައްކާތެރިކަމާއެކު މަސައްކަތް ކުރުމަށް ޓަކައި ސަމާލުކަންދޭންވީ ކަންތައްތަކެއް ފުލުހުން މިއަދު ބުނެދީފިއެވެ. އުމުރުން 21 އަހަރުގެ ޔުމްނު ވެއްޓުނީ އަމިއްލައަށް ފުލުހުން ބުނެފައިވީ ނަމަވެސް، ޒުވާނުންތަކެއް އަންނަނީ ފުލުހުން މައުލޫމާތު އޮޅުވާލާ ކަމަށާއި ތަހުގީގަށް ބަޔަކު ނުފޫޒު ފޯރުވާ ކަމަށް ބުނެ މުޒާހަރާ ކުރަމުންނެވެ. އޭގެ ތެރެއިން ރޭ ބޭއްވި މުޒާހަރާގައި ނޫސްވެރިއަކު ހުއްޓުވައި، ފުލުހުން އޭނާގެ މައުލޫމާތު ނަގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ފުލުހުންނަށް ފާޑުކިޔައިފައެވެ. މީގެ ކުރިން ވެސް އެ މުޒާހަރާތަކުގައި ފުލުހުން ނޫސްވެރިންނަށް ހުރަސްއަޅާ ކަމުގެ ތުހުމަތުތައް ފެންމަތިވެފައިވެއެވެ. ޔުމްނުއަށް އިންސާފު ހޯދައިދިދިނުމަށް ގޮވާލައި ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއިން: އެ މުޒާހަރާތަކުގައި ޒުވާނުން ދަނީ ފުލުހުންނަށް އިތުބާރު ނުކުރެވޭ ކަމަށް ބުނެ ފާޑުކިޔަމުން -- ސަން ފޮޓޯ/ ނާއިޝް ނާހިދު ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެެއްގައިވަނީ އެއްވުންތައް ކަވަރުކުރާ ނޫސްވެރީން ފުލުހުންގެ ސަފުތަކުގެ ތެރެއަށް ނުވަނުމަށާއި ފުލުހުންގެ ސަފުތަކާއި ނޫސްވެރިންނާ ދެމެދު އެކަށީގެންވާ ދުރުމިނެއް ބަހައްޓައިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެދިފައެވެ. އެގޮތުން ފުލުހުން ވަނީ އެއްވުންތައް ކަވަރުކުރުމަށް ދާ ނޫސްވެރީން ސަމާލުކަންދޭންވީ ކަންތައްތައްވެސް ހިއްސާކޮށްފައެވެ. އޭގެތެރޭގައި: "އެއްވުމާ ގުޅޭ ގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވާއިދު"ގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދޫކުރާ އެކްރެޑިޓޭޝަން ކާޑު ބޭނުންކުރުން މި އެކްރެޑިޓޭޝަން ކާޑު އަބަދުވެސް ފެންނަ ގޮތަށް ހަށިގަނޑުގައި ހަރުކޮށްގެން މަސައްކަތް ކުރުން. ކާޑުގެ މުއްދަތު ހަމަނުވާކަން ކަށަވަރު ކުރުން. ފުލުހުންގެ ސަފުތަކުގެ ތެރެއަށް ނުވަނުމާއި ފުލުހުންގެ ސަފުތަކާއި ނޫސްވެރިންނާ ދެމެދު އެކަށީގެންވާ ދުރުމިނެއް ބަހައްޓައިގެން މަސައްކަތްތައް ކުރުން. ފުލުހުން ހަރަކާތްތެރިވާ ސަރަހައްދުގައި ފުލުހުން ހިންގާ އޮޕަރޭޝަނަށް ހުރަސްއެޅޭ ގޮތަށް ހަރަކާތްތެރި ނުވުން. ފުލުހުން ވަނީ އެކްރެޑިޓްކޮށްފައިވާ ފާސް ނެތް ނަމަ، އެ ފާސް ލިބެންދެން، އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ ނޫސްވެރިއަކު ތަމްސީލުކުރާ މީޑިއާއެއްގެ ފާސް އެއްވުންތައް ކަވަރު ކުރުމުގައި ބޭނުން ކުރެވޭނެ ކަމަށް ބުނެފައެވެ. ޔުމްނުއަށް އިންސާފު ހޯދައިދިދިނުމަށް ގޮވާލައި ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއިން: އެ މުޒާހަރާތަކުގައި ޒުވާނުން ދަނީ ފުލުހުން މައުލޫމާތު ހާމަ ކުރާ ގޮތާ މެދު ނުރުހުން ފާޅުކުރަމުން -- ސަން ފޮޓޯ/ މޫސާ ނަދީމް ފުލުހުން ވަނީ ފުލުހުން އެގޮތަށް އަމަލުކުރުމުން، ނޫސްވެރިންގެ މަސައްކަތަށްވެސް ލުއިފަސޭހަކަން ލިބި، ރައްކާތެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރުމަށް މަގުފަހިވާނެ ކަމަށް ބުނެފައެވެ. އަދި މިކަމުގެ ސަބަބުން ފުލުހުންނާއި ނޫސްވެރިންގެ މެދުގައި އޮންނަންޖެހޭ ގުޅުން ހަރުދަނާވެ، ދެފަރާތުގެ މަސައްކަތަށް ފަހިކަން ލިބިގެންދާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ. ޔުމްނުގެ އާއިލާއިން އޭނާއާ ހަވާލާދީ ވަނީ، ހ. ފެންޓޯނިއޯ ގެއިން އޭނާ އަމިއްލައަށް ފުންމާލީ ނޫން ކަމަށާއި، ބަޔަކު އޭނާ ވައްޓައިލީ ކަމަށް ބުނެފައެވެ. އެ މައްސަލައާ ގުޅުންހުރި ދައުލަތުގެ އިސް ފަރާތްތަކުގެ އިސްތިއުފާއަށް މުޒާހަރާގައި ގޮވާލަމުން އަންނައިރު، އެ މުޒާހަރާތައް ކުރިއަށްދަނިކޮށް، އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވަނީ އިސްތިއުފާ ދެއްވައިފައެވެ. އަދި ޝައްކުކުރެވޭ މަރުތައް ތަހުގީގު ކުރާ ފުލުހުންގެ ޑެތު އެންޑް ހޯމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގައި އިސްކޮށް ހުންނަވާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް ވެސް ވަނީ އެ މަގާމުން ވަކިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ