"ވިކްޓިމް"ގެ ވަނަވަރު ހާމަކުރިއިރު، ދެންތިބި މީހުން ސިއްރު ކުރަނީ ކީއްވެ؟

މިދިޔަ ހުކުރު ދުވަހު ހެނދުނު މީޑިއާތަކަށް ތިލަވީ ޒުވާން އަންހެން ކުއްޖަކު އުސް އިމާރާތެއްގެ މަތިން ފުރާޅެއްގެ މައްޗަށް ވެއްޓިފައިވާ ފޮޓޯއެކެވެ. އެއާއެކު މި ކުއްޖާއަށް ވެންޓިލޭޓަރުގައި ފަރުވާ ދޭ ކަމަށް މީޑިއާތަކުން ރިޕޯޓު ކުރުމާއެކު މި ހާދިސާ ހިނގި ގޮތާ މެދު މީހުންގެ ހިތްތަކުގައި ޝައުގުވެރިކަން އުފެދުނެވެ. ކުޑަ އިރުކޮޅެއްތެރޭ ސޯޝަލް މީޑިއާ ފުރުނީ ތޯތޯ ވާހަކަތަކުންނެވެ. މި ހާދިސާގައި ކަންހިނގި ގޮތް ކަމަށް ބުނެ ޒުވާނުންތަކެއްގެ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދައުރުކުރަން ފެށިއެވެ. އަދި މިކަމާ ގުޅިގެން ފުލުހުން ހަނުތިބޭކަމަށް ބުނެ ފުލުހުންނަށް ވެސް ފާޑުކިޔަން ފެށިއެވެ. މި ފާޑުކިޔުންތަކުގެ އަޑު ބާރުވެފައި ވަނިކޮށް ފުލުހުން ވަނީ ރޭ ކުއްލިއަކަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. 10:30އަށް އިސްކަންދަރު ކޮއްޓަށް ނޫސްވެރިން ހާޒިރު ކުރުމަށް ފަހު މި ބައްދަލުވުން ފެށުނީ 11:00 ހާއިރެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި މި ހާދިސާއާ ގުޅޭ ވަރަށް ގިނަ މައުލޫމާތު ފުލުހުން ވަނީ ހެއްކާއެކު ދައްކާފައެވެ. ހެކީގެ ގޮތުގައި އަޑާއެކު ދެއްކީ ސީސީޓީވީ ފުޓޭޖުތަކެކެވެ. ފުލުހުން ބުނީ މި ހާދިސާގައި ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވައި ފެނުނީ އުމުރުން 21 އަހަރުގެ ހައްވާ ޔުމްނާ ކަމަށެވެ. https://sun.mv/205117 މި ހާދިސާގައި ހިމެނޭ އަންހެން ކުއްޖާގެ ނަމާއި އެޑްރެސް ފުލުހުން ހާމަކުރި އިރު، ހާދިސާގައި ޝާމިލުވާ އިތުރު އެއްވެސް މީހެއްގެ ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި މިހާރު ދަނީ ފުލުހުންނަށް ވަރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒު ވަމުންނެވެ. އުފައްދާ ސުވާލަކީ ވިކްޓިމްގެ ވަނަވަރު ހާމަކުރިއިރު، ދެންތިބި މީހުން ސިއްރު ކުރަނީ ކީއްވެތޯއެވެ. މި ހާދިސާގައި ޝާމިލް ވަނީ ސަރުކާރުގެ ނުފޫޒު ގަދަ ބޭބޭފުޅުންގެ ދަރިން ނުވަތަ އާއިލީ މީހުން ކަމަށާއި އެމީހުންގެ ވަނަވަރު ސިއްރު ކޮށް އެމީހުން ހިމާޔަތްކުރަން ފުލުހުން މަސައްކަތް ކުރާކަމަށް ބުނެ ވާހަކަތައް ދަނީ ފަތުރަމުންނެވެ. https://x.com/ali_shamin/status/1914971723235291236 "ބާރުގަދަ މީހަކު ޝާމިލްވާނަމަ ސިސްޓަމް ލަންބާލާ، ވިކްޓިމް ސައިލެންސް ކޮށްލާ، އިންސާފު ލަސްކޮށްލާ. މިއީ ހަމައެކަނި ރުޅިގަދަ ވާންވީ ވަރުގެ ކަމެއް ނޫން، މިއީ ނުރައްކާތެރި ކަމެއް. މީގެން ލިބޭ މެސެޖަކީ ބައެއް ފުރާނަތަކުގެ އަގެއް ނެތޭ. އަދި ބައެއް މީހުންނަށް ކޮންމެ ކަމެއް ކޮށްފައި ވެސް ފިލޭނެއޭ. ރޭޕާއި އަނިޔާ ވަގުތުން ހުއްޓުވެންޖެހޭ،" މި ހާދިސާއާ ގުޅިގެން ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ލިޔުއްވާފައި ވެއެވެ. https://x.com/iamshidhatha/status/1914951869543153884 މަސްތުވާތަކެތި، ވައްކަން ފަދަ މައްސަލަތަކުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާ މީހުންގެ ވަނަވަރު އާންމު ކުރުމަކީ ފުލުހުން ވަރަށް އާންމުކޮށް ކުރާ ކަމެކެވެ. މިފަދަ މައްސަލަތަކުގައި ބަންދު ކުރާ މީހުންގެ ވަނަވަރު އާންމު ކުރަނީ އެއީ ދެރަ ނިކަމެތިންނަށް ވުމުންކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ. "މި މީހުން ވެސް ކުރީ 'ކުށް'، އެމީހުން ވެސް ކުރީ 'ކުށް'. ތަފާތަކީ މިމީހުންގެ ފޮޓޯ ޖަހައި އާންމު ކުރުން. އެމީހުންގެ ފޮޓޯއާއި ވަނަވަރު ވެސް ސިއްރުވެ ރައްކާތެރި ކުރެވިފައި. ހައްޔަރު ކުރާނެ، ބަލާނެ ސުވާލު ކުރާނެ ޒަރޫރަތެއް ފުލުހުންނަކަށް ނުފެނުނު،" އެހެން މީހަކު ލިޔެފައި ވެއެވެ. https://x.com/azmoon_ahmed/status/1914947116436197838 މި ހާދިސާއާ ގުޅިގެން ފުލުހުން ދީފައިވާ އިތުރު މައުލޫމާތަށް ބަލާއިރު، ޔުމްނާ ވެއްޓުނު ގޭގެ ނަން ފުލުހުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް، އެމީހުން ފުރަތަމަ ހަރަކާތްތެރިވި ދެ ގޭގެ ނަން ހާމަކޮށްފައެއް ނުވެއެވެ. އެމީހުން ފުރަތަމަ ހަރަކާތްތެރިވި ގެއަކީ ސަރުކާރުގެ ނުފޫޒުގަދަ ފަރާތެއްގެ ގެއެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަންނަނީ، އެ ގޭގެ ނަން ހާމަނުކުރީ ކީއްވެތޯ ސުވާލު އުފައްދަމުންނެވެ. ފުލުހުން ކިޔައިދިން ގޮތުގައި އެރޭ ޔުމްނާއާ އެކު އިތުރު ހަތް މީހަކު އުޅުނެވެ. އެއީ، ޖުމުލަ ތިން އަންހެނުންނާއި ފަސް ފިރިހެނުންނެވެ. އެ މީހުން އެރޭ 12:30 އެހާކަންހާއިރު ގޮސް ވަނީ މާލޭގެ މެދުތެރޭގައި ހުރި ގެއަކަށެެވެ. އެ ގެއިން އެ މީހުން ނުކުތީ 3:40 އެހާކަންހާއިރެވެ. އެއަށް ފަހު، އޭގެ ތެރެއިން ހަތަރު މީހަކު 4:00 އެހާކަންހާއިރު ގޮސް އަމީނީ މަގުގައި ހުރި ގެއަކަށް ވަނީ ކަމަށް ފުލުހުން ބުންޏެވެ. https://x.com/AikAhmedEasa/status/1914756531612213329 އޭގެ 10 ވަރަކަށް މިނެޓު ފަހުން އެ ގެއިން ދެން ނުކުތީ އެ ރޭ ޔުމްނާއާ އެކު އުޅުނު ފިރިހެން މީހާއާއި ދެ މީހުންނެވެ. އެއަށް ފަހު ޔުމްނާއާ އެކު އުޅުނު ފިރިހެން މީހާ އެހެން ފިރިހެނަކާ ވާހަކަދައްކަން އިންނަ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނެއެވެ. ޔުމްނާއާއި ފިރިހެން މީހާއާ ދެ މީހުން ދެން ވަންނަނީ އެ ހިސާބުގައި ހުރި އެ މީހުންނަށް އެއްވެސް ގުޅުމެއް ނެތް ގެއަކަށް ކަމަށް ފުލުހުން ބުންޏެވެ. އެ މީހުން އެ ގޭގެ ސިޑިގޮޅީގައި ތިބި މަންޒަރު ފެނެއެވެ. އަދި، އެ ތަނުގައި އެ މީހުން ބަދުއަޚުލާގީ އަމަލު ހިންގާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ. އެ މީހުން އެ ވަގުތު ތިބީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ބުންޏެވެ. އެ ގޮތުން، އެ ފިރިހެން މީހާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު އަންހެން ކުއްޖާގެ ވަގުތީ ނަތީޖާ ވެސް ޕޮޒިޓިވްވި ކަމަށް ފުލުހުން ބުންޏެވެ. މި ފިރިހެންމީހާ ޕާސްޕޯޓު ހިފަހައްޓައި ފުރުން މަނާކޮށްފައި ވާއިރު، ހައްޔަރުކޮށްފައެއް ނުވެއެވެ. އޭނާ ހައްޔަރު ނުކޮށް ދޫކޮށްލާފައި ވަނީ ކޮން އުސޫލެއްގެ ދަށުންތީ ވެސް އާންމުން ދަނީ ސުވާލު އުފައްދަމުންނެވެ. https://x.com/Pohthu/status/1914779278241357958 ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އަންހެން ކުއްޖާ ވެއްޓުނީ އެ ގޭގެ ނުވަވަނަ ފަންގިފިލާއަށް ފިރިހެން ކުއްޖާ ސިޑިން އަރަނިކޮށެވެ. އެ ކުއްޖާ ވެއްޓުނުއިރު ކައިރީގައި ފިރިހެން މީހާ ނެތް ކަމަށާއި ވެއްޓުމުގައި މީހެއްގެ އަތެއްނުވާކަން ޔަގީންވާ ކަމަށް ފުލުހުން ބުންޏެވެ. ޔުމްނާ އެހާ މަތިން ވެއްޓުނީ ފެންލައިޓުން ކަމަށް ފުލުހުން ބުންޏެވެ. އޭނާ ވެއްޓުނު އަޑަށް ފިރިހެން މީހާ ވެސް އެ ތަނަށް އައެވެ. އެ އަޑަށް އެ ގޭގައި އުޅޭ އެހެން ބައެއް މީހުން ވެސް ބޭރަށް ނުކުތެވެ. އެއީ ބުރާސްފަތި ދުވަހުގެ ރޭ ގާތްގަނޑަކަށް 4:52 އެހާކަންހާއިރެވެ. އޭރު ފިރިހެން މީހާ ހުރީ ވެސް ހުސް ގަޔާއެވެ. އަންހެން ކުއްޖާ ވެއްޓުމުން ފިރިހެން މީހާ ރޯ އަޑު ވެސް ވީޑިއޯއިން އިވެއެވެ. އެ މީހާ ވަނީ އަންހެން ކުއްޖާ ހޯދަން މަސައްކަތް ކޮށްފައެވެ. އެކަމަކު، ނުފެނުމުން އެ މީހާ ދެން ދިޔައީ ގެއަށެވެ. އަންހެން ކުއްޖާ ވެއްޓުނުކަން ފުލުހަށް ރިޕޯޓުކުރީ އާންމުންގެ މީހެކެވެ. މި މައްސަލައިގައި ހިމެނޭ ބައެއް މީހުންނާ މިހާތަނަށް ސުވާލުކޮށްފައެއް ނުވެއެވެ. އަދި، ޔުމްނާއާ އެކު ފުރަތަމަ އުޅުނު ހަތް މީހުންގެ ތެރެއިން ވަކިން ގެއަކަށް ދިޔަ ހަތަރު މީހުންގެ ތެރެއިން ދެން ތިބި ދެ މީހުން ވަނީ މަސްތުވާތަކެއްޗަށް ޓެސްޓުކުރަން ދެކޮޅު ހަދައިފައެވެ. https://x.com/nAAYf/status/1914885421445890106 އެހެންވެ، އެ މީހުން ތިބީ މަސްތުގެ ހާލުގައިކަން ދެނެގަނެވިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ހާމަކުރި މައުލޫމާތަށް ބަލައި، ތަހުގީގާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އަދި ތަހުގީގު ލަސް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ