އިހުސާން ހާޒިރުކުރުން މާދަމާގެ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފި އިހުސާން ހާޒިރުކުރުން މާދަމާގެ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކޮށްފައިވާ ސުވާލުތަކަށް ޖަވާބުދާރީވުމަށް ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މާދަމާ މަޖިލީހަށް ހާޒިރުކުރުން އެޖެންޑާކޮށްފި އެވެ.
މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ، ދެ ސުވާލަކަށް ޖަވާބު ދެއްވުމަށް އިހުސާނަށް ފުރުސަތު ދިނުމަށެވެ.
އެއީ ވަގު ފޯމު ފުރައިގެން ވެރިކަން ކުރާ ޕީއެންސީއަށް މެންބަރުން ވެއްދި މައްސަލަ އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު، އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާއަށް ފޯނުން ގުޅުއްވައި އިންޒާރު ދެއްވައި ބިރު ދެއްކެވި މައްސަލައިގައި ފިޔާޒަށް ރައްކާތެރިކަން ދިންތޯ ބެލުމަށް އެދި ކޮށްފައިވާ ސުވާލެވެ.
އެ ދެ ސުވާލު ވެސް ހުށަހަޅުއްވާފައިވަނީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއިލް އަހުމަދު ނަސީމެވެ.
ވަގު ފޯމު މައްސަލައިގައި އިހުސާން މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރަން މީކާއިލް އެދިވަޑައިގަތީ މިދިޔަ ޖެނުއަރީ 14، ގަ އެވެ. ރައީސް މުއިއްޒު، ފިޔާޒަށް ބިރުދެއްކި މައްސަލައިގައި އިހުސާން މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރަން މީކާއިލް އެދިވަޑައިގަތީ މާޗު 17، ގަ އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މިނިސްޓަރަކާ ސުވާލު ކުރަން މެންބަރަކު މަޖިލިސް މެދުވެރިކޮށް ނޯޓިސް ފޮނުވާތާ 14 ދުވަހުގެ ތެރޭގައި މިނިސްޓަރު މަޖިލީހަށް ހާޒިރު ކުރަން ޖެހެ އެވެ.
މި ސުވާލުތަކާ ގުޅިގެން އިހުސާން ހާޒިރުކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް ވެސް އެޖެންޑާކުރި އެވެ. ނަމަވެސް އެ ޖަލްސާ ފަހުން ކެންސަލް ކުރީ އެވެ.
ކޮންމެ ހަފުތާއަކު މަޖިލީހުގެ ތިން ޖަލްސާ ބާއްވަން ގަވާއިދު ލާޒިމުކުރެ އެވެ. ނަމަވެސް، މިދިޔަ ހަފުތާގައި ބާއްވާފައިވަނީ އެއަށްވުރެ މަދުންނެވެ. ޖަލްސާތައް ނުބާއްވާ ސަބަބު ރަސްމީކޮށް ނޭންގި ނަމަވެސް މެންބަރުން ބުނަނީ ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތް ކަމަށެވެ.
މަޖިލީހުގެ ޖަލްސާތައް ނުބާއްވަނީ ސަރުކާރުން ބިލުތައް ހުށަނާތީ ކަމަށާއި އިދިކޮޅުން ހުށަހަޅާ ކަންކަން މަޖިލީހުގައި ކުރިއަށް ނުގެންދާ ކަމަށް ވިދާޅުވެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހިމް ނާޒިލް ވެސް މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ގާނޫނީ ރިފޯމް އެޖެންޑާގެ ދަށުން 20 ވަނަ މަޖިލީހަށް 200 ބިލު ހުށަހަޅާނެ ކަމަށް ސަރުކާރުން އޮތީ ބުނެފަ އެވެ. ނަމަވެސް ނާޒިލް ވިދާޅުވީ އެ އަމާޒު ހާސިލްވާ މަންޒަރު ނުފެންނަ ކަމަށެވެ. މި ސަރުކާރުން މައިގަނޑު ގޮތެއްގައި މިހާތަނަށް މަޖިލީހަށް ފޮނުވީ ނިމިދިޔަ 19 ވަނަ މަޖިލީހަށް ކުރީގެ ސަރުކާރުން ފޮނުވައި ނުނިމި ހުރި ބިލުތަކާއި ސަފީރުން އައްޔަންކުރުމުގެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ