ޝާހު ބޮލީވުޑަށް ތައާރަފްވި ފިލްމު 'ދީވާނާ'ގެ ސީކުއަލްއެއް އުފައްދަނީ
ޝާހްރުކް ޚާން ބޮލީވުޑަށް ތައާރަފްވި މަޝްހޫރު ފިލްމު "ދީވާނާ"ގެ ސީކުއަލްއެއް އުފައްދަން ނިންމާފައިވާ ކަމަށް އެ ފިލްމުގެ ޕްރޮޑިއުސަރު ބުނެފިއެވެ. ފިލްމު ޕްރޮޑިއުސަރެއްގެ އިތުރުން ޑައިރެކްޓަރެއްގެ ގޮތުގައި ވެސް ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ގުއްޑޫ ދަނާއޯ ފިލްމުފެއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ، ފިލްމުގެ ސްކްރިޕްޓް ތައްޔާރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ނަމަވެސް ފިލްމުގެ ކާސްޓުންނަށް ގެންނާނެ ތަރިންނާ ބެހޭގޮތުން އަދި ގޮތެއް ނުނިންމާ ކަމަށާއި މި ސީކުއަލްއަށް ދީފައިވާ ނަމަކީ "ދީވާނާ 2' ކަމަށް ގުއްޑޫ ވަނީ ބުނެފައެވެ. މި ފިލްމުގެ މަސައްކަތް ގުއްޑޫގެ ޓީމުން ފަށާނީ މިހާރު މަސައްކަތް ފަށާފައިވާ ވެބް ސީރީސްއެއްގެ މަސައްކަތް ނިމުމުން ކަމަށާއި އެކަމަށް އަދި ވަރަށް ވަގުތު އެބައޮތް ކަމަށް ގުއްޑޫ ދަނާއޯ ވަނީ ބުނެފައެވެ. ތަންކޮޅެއް ކުރިން ފިލްމުފެއާއަށް ދިން އިންޓަވިއުއެއްގައި ފިލްމު "ދީވާނާ"އާ ބެހޭގޮތުން ޝާހު ބުނެފައި ވަނީ އޭނާ އެ ފިލްމުގައި މަސައްކަތްކުރީ އެއްވެސް މިސްރާބެއް ނެތިއެވެ. ފިލްމު "ދީވާނާ"ގެ ޕޯސްޓަރެއް--ފޮޓޯ/ފިލްމުފެއަ އެހެންވެ އެކްޓުކުރަންޖެހޭ ވަރަށްވުރެ މާބޮޑަށް ބައެއް ސީންތަކަށް މަސައްކަތްކުރެވުނު ކަމަށާއި "ދީވާނާ" ކާމިޔާބު ފިލްމަކަށް ހެދުމުގައި ޝާހުއަށް މާބޮޑު މަސައްކަތެއް ކުރެވުނު ކަމަށް ގަބޫލު ނުކުރާ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. ފިލްމު "ދީވާނާ"ގައި ޝާހުގެ ސީންތަކަކަކީ ކުރިން ތާވަކު ކުރެވިފައި ނެތް ސީންތަކަށް ވުމުން އޭނާ ގިނަ މަންޒަރުތައް ޝޫޓްކުރީ ވަގުތުން ސްކްރިޕްޓް އަތަށް ލިބި މާބޮޑަށް އެއަށް ފަރިތަނުކޮށް ކަމަށް ޝާހު ވަނީ ބުނެފައެވެ. އެހެންނަމަވެސް ބެލުންތެރިންގެ ފަރާތުން ޝާހުއަށް އޭރު ލިބުނު ތަރުހީބަކީ އަލަށް ފިލްމު އިންޑަސްޓްރީއަށް ތައާރަފްވި ތަރިއަކަށް ވުމުން ލިބުނު ތަރުހީބު ކަމަށް ގަބޫލުކުރާ ކަމުގައި އެކްޓަރު ވަނީ ބުނެފައެވެ. މި ފިލްމު ރިލީޒްކުރި ދުވަސްވަރު ފިލްމުގެ ލަވަތަކަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނުއިރު މިހާރުވެސް "ދީވާނާ"ގެ ލަވަތައް މަތިން ބެލުންތެރިން ހަނދާންނުނެތެއެވެ. ނަދީމު-ޝަރުވަން މިއުޒިކް ހެދި މި ފިލްމުން ޝާހުއާ އެކު ބަތަލާގެ ރޯލްއިން ފެނުނީ ދީވްޔާ ބާރަތީއެވެ. މީގެއިތުރުން އެކްޓަރު ރިޝީ ކަޕޫރު ވެސް ފިލްމުގެ ވަރަށް މުހިއްމު ރޯލަކުން ވަނީ ފެނިފައެވެ. މި ފިލްމުގެ ދެވަނަ ބައެއް އުފައްދާނެކަން އިއުލާނުކޮށްފައިވާއިރު ދިވްޔާ އާއި ރިޝީ ވެސް މިހާރު ދުނިޔެއަކު ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ