އޮލޮންސޯ ލެވަކޫސެން ދޫކޮށްލަން ނިންމައިފި
ޖަރުމަނު ބުންޑެސްލީގާގެ ތާވަލްގެ ދެވަނައިގައި އުޅޭ ބަޔާ ލެވަކޫސެންގެ ކޯޗު ކަމުން މިސީޒަން ނިމުމުން ވަކިވާކަން ޒާބީ އޮލޮންސޯ ހާމަކޮށްފިއެވެ. އޮލޮންސޯ މިކަން ހާމަކޮށްފައިވަނީ މި އަންނަ އާދިއްތަ ދުވަހު ލީގުގައި ބޮރޫޝިއާ ޑޯޓްމުންޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އޮލޮންސޯ ބުނިގޮތުގައި މިސީޒަންގައި ލީގުގައި ބާކީ އޮތް ދެމެޗަކީ ބަޔާ ލެވަކޫސެންގެ ކޯޗުގެ ހައިސިއްޔަތުން އޭނާ ހަރަކާތްތެރިވާ ފަހު ދެ މެޗު ކަމަށް ކުލްބާއި އޭނާގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އަދި މިވަގުތު މިއީ މުސްތަޤްބަލާއި ގުޅޭ ގޮތުން ވާހަކަ ދައްކަންވީ ވަގުތު ނޫން ކަމަށާއި އޭގެ ބަދަލުގައި މިއަންނަ އާދިއްތަ ދުވަހަކީ އެ ކްލަބްގެ ބައެއް ކުޅުންތެރިންގެ އިތުރުން އޭނާވެސް އަމިއްލަ ދަނޑުން ސަޕޯޓަރުންނާއި ބައްދަލުކުރާނެ ފަހު މެޗުކަމުން އެ ކުޅުންތެރިންނަށް ފުރިހަމަ އަލްވަދާއުއެއް ކިޔަންވީ ވަގުތު ކަމަށް އޮލޮންސޯ ބުންޏެވެ. އޮލޮންސޯ ބުނިގޮތުގައި އޭނާ ޓީމު ދޫކޮށްލާކަން އޭނާގެ ކުޅުންތެރިންނާއި ސްޓާފުންނާ ބައްދަލުކޮށް ހިއްސާ ކޮށްފައިވާނެ ކަމަށާއި މިއީ ޖަޒުބާތީ ވަގުތު ކޮޅެއްކަމަށެވެ. އަދި އޭނާ ވަނީ ލެވަކޫސެންގައި ވަރަށް ފާހަގަ ކޮށްލެވޭ ކާމިޔާބު ތިން ސީޒަން ހޭދަކޮށްފައިކަމަށް ވެސް އޮލޮންސޯ ބުންޏެވެ. އޮލޮންސޯގެ ކޯޗު ކަމުގެ ދަށުން މިދިޔަ ސީޒަންގައި ލެވަކޫސެން ވަނީ ބުންޑެސްލީގާގައި ރަސްކަން ކުރަމުން ދިޔަ, ބަޔާން މިޔުނިކްގެ 11 އަހަރުވީ ރަސްކަން ނިމުމަކަށް ގެނެސް ލީގު ކާމިޔާބު ކޮށްފައެވެ. އަދި އެ ޓީމު މިކަން ކޮށްފައިވަނީ އެއްވެސް މެޗަކުން ބަލިނުވެއެވެ. މިދިޔަ ސީޒަންގައި ލެވަކޫސެން ބަލިވެފައިވަނީ ޔޫރޮޕާ ލީގުގެ ފައިނަލްގައި އެޓަލާންޓާ އަތުން އެކަންޏެވެ. އޮލޮންސޯ އޭނާގެ މުސްތަގްބަލާ ގުޅޭ ގޮތުން އެއްޗެއް ހާމަކޮށްފައިނުވި ނަމަވެސް ޔޫރަޕްގެ ހާއްސަކޮށް ޖަރުމަނާއި ސްޕެއިންގެ މީޑިއާ ތަކުން ބުނާގޮތުގައި އޮލޮންސޯ ދެން ފެނިގެންދާނީ ސްޕެނިޝް ލަލީގާގެ ޗެމްޕިއަން ރެއާލް މެޑްރިޑުންނެވެ. އަދި މި ސީޒަން ނިމުމުން ރެއާލްގެ މިހާރުގެ ކޯޗު ކާލޯ އެންޗެލޯޓީ އެ ޓީމު ދޫކޮށްދާކަން ވެސް ވަނީ އާންމުވެފައެވެ. ރެއާލް އިން ވަނީ މިދިޔަ ސީޒަންގައިވެސް އޮލޮންސޯ އެ ޓީމަށް ގެންދެވޭތޯ މަސައްކަތް ކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި ބަޔާން މިޔުނިކުންވެސް އޭނާ ގެންދެވޭތޯ މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް މިދިޔަ އަހަރުގެ މާޗް މަހު އޮލޮންސޯ ވަނީ އޭނާ ލެވަކޫސެންގައި މަޑުކުރަން ބޭނުންވާކަން ހާމަކޮށްފައެވެ. އޮލޮންސޯ ވަނީ ރެއާލްއަށް 2009 ވަނަ އަހަރުން 2014 ވަނަ އަހަރަށް ދެމެދު ކުޅެފައެވެ. އަދި އޭނާ ކޯޗިން ދާއިރާގައި އެންމެ ފުރަތަމަ ހަރަކާތްތެރިވެފައިވަނީ ރެއާލް މެޑްރިޑްގެ 14 އަހަރުން ދަށުގެ ޓީމާއެކު 2018 ވަނަ އަހަރުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ