ޕާކިސްތާންގެ ކަރާޗީގެ މަދަރުސާއެކެވެ. ދިވެހި ދަރިވަރެކެވެ. ރޭގަނޑު އެހެން ދަރިވަރުން ނިދައިފި އެވެ. ތަން ހިމޭންވެއްޖެ އެވެ. އޭނާ އެންމެ ބޭނުން ވަގުތު ލިބުނީ އެވެ. އަތުގައި އޮތް ޑިޖިޓަލް ގުރުއާން ޖަހަން ފެށި އެވެ. ގާރީގެ އަޑުދަށުން ކިޔަވަމުން ގެންދިޔަ އެވެ. ބައެއް ފަހަރަށް އެއް އާޔަތް ވިއްސަކަށް ފަހަރު ވެސް ރިޕީޓްކޮށްފާނެ އެވެ.
އޭނާ ބޭނުންވީ ގުރުއާން ހިތުދަސްކުރާށެވެ.
ޑިޖިޓަލްކޮށް ގުރުއާން ޖެހުމުގެ ހަމައެކަނި ސަބަބަކީ ބަލައިގެން ކިޔަވަން ނޭނގުމެވެ. އުމުރުން 14 އަހަރުގެ ދިވެހި ކުއްޖަކަށް ބަލައިގެން ގުރުއާން ކިޔަވަން ނޭނގުމަކީ ލަދުވެތި ކަމެއް މެ އެވެ. ނަމަވެސް ޕާކިސްތާނަށް ދިޔައިރު އޭނާގެ ފެންވަރަކީ އެ އެވެ.
"ކޮންމެ ރެއަކު ހޭލާ ހުރެގެން ހުރިހާ އެންމެން ނިދީމާ މަސައްކަތްކުރަނީ ވެސް، އެއީ އަޅުގަނޑަށް އެންމެ ކޮމްފޮޓެބްލް ގަޑިއަކަށް އެ ވަގުތު ވާތީ،" އޭނާ ބުންޏެވެ.
އެއީ 2006 އެވެ. މުހައްމަދު މާހިދު ޕާކިސްތާނަށް ދިޔައީ ވެސް ކުއްލިއަކަށެވެ. ދުވަހަކު ވެސް އުއްމީދުކުރި ދަތުރެއް ނޫނެވެ. އެކަމަކު އޭނާގެ ހަޔާތުގައި އެ މަންޒިލް އޮތީ ލިއެވިފަ އެވެ. އެހެންކަމުން އެ އަހަރުގެ ކޮންމެވެސް ދުވަހެއްގައި ލ. އަތޮޅުން މާލެ ދަތުރުކުރި ބޯޓެއް މާހިދުގެ ރަށް، މ. މުލީގައި، ބަނދަރުކުރި އެވެ. އެ ބޯޓުގައި ތިބި ފިރިހެނަކާއި އޭނާގެ ފިރިހެން ދަރިފުޅުގެ ރޭގަނޑު ކެއުން ހަމަޖައްސާފައި އޮތީ މާހިދުގެ ގޭގަ އެވެ.
ދަތުރުވެރި މެހެމާނާ މާލެއަށް ދަނީ އޭނާގެ ފިރިހެން ދަރިފުޅު ޕާކިސްތާނަށް ފޮނުވާށެވެ. ކެއުމުގެ ތެރޭގައި އެ ވާހަކަ ކުރިއަށް ދިޔަ އެވެ. ވަކި ހިސާބަކުން އޭނާ، މާހިދުގެ ބައްޕައަށް ދިން ލަފައަކީ، މާހިދު ވެސް ޕާކިސްތާނަށް ފޮނުވުމެވެ.
ވަގުތުން އެ ނިންމުން ނިންމި އެވެ. އޭރު މާހިދު ގެންދިޔައީ މުލީ ސްކޫލްގައި ކިޔަވަމުންނެވެ.
"ބައްޕަ އެކަމަށް ވަރަށް ޝައުގުވެރިވެއްޖެ. ދެން ބައްޕަ ނިންމީ ހަމަ އެ ދަތުރުގައި އަޅުގަނޑު ވެސް ގޮވައިގެން ދާން. ދެން ވަރަށް ކުރު މުއްދަތެއް. މާލެ އައިސް އޭގެ ދެ ދުވަސް ތެރޭ ޕާސްޕޯޓް ހަދަން ލައިގެން، އެ މީހުން ފުރަން ވާއިރަށް ހަމަޖެހިއްޖެ ހުރިހާ ކަމެއް،" މާހިދު ބުންޏެވެ.
"އޭރު އަޅުގަނޑަށް ގުރުއާން ބަލައިގެން ކިޔަވަން ވެސް ނޭނގޭ. އެހެންވެ ގުރުއާނުގެ ދާއިރާގައި އެއްވެސް މިންވަރެއް އަނެއްހެން ނޭނގޭ. ދެން އެހެންނަމަވެސް ސްކޫލްގައި ސޫރަތުލް ފާތިހާ ނޫނީ ގުރުއާނުގެ ކުރު ސޫރަތްތައް އެނގޭނެ ދެއްތޯ. އެކަމަކު ހަތިމުން ބަލައިގެން ކިޔަވާކަށް ނޭނގޭ ހަމަ."
މިހާރު މާހިދުގެ އުމުރަކީ 35 އަހަރެވެ. އެ މާޒީގެ ވާހަކަ ދައްކަން ކުޑަކޮށް ލަދުގަތަސް ޒުވާނުންނަށް ހިތްވަރެއް ދިނުމުގެ ގޮތުން އެކަން ހިއްސާކުރަން ޖެހިލުމެއް ނުވި އެވެ. ވާނީ ވެސް އެހެންނެވެ. މިއަދު މާހިދަކީ ގުރުއާން ކިޔެވުމައި ހުނަރުހުރި، ރީތި އަޑެއްގެ ވެރިއެކެވެ. ހުޅުމާލޭގައި ހުންނަ މަސްޖިދުލް ރަޝީދުގެ އިމާމެވެ. އޭނާގެ ކިޔެވުން ރީތިކަމުން ވެސް އެތައް ބަޔަކު އެ މިސްކިތަށް ދެ އެވެ.
ޑިޖިޓަލް ގުރުއާން ޖަހައިގެން ޕާކިސްތާނުގައި އޭނާ ފެށި މަސައްކަތް ފުރަތަމަކޮޅު ވަރަށް އުނދަގޫވި އެވެ. ފުރަތަމަ ފޮތް ހިތުދަސްކުރަން ހަތަރު/ފަސްމަހެއްހާ ދުވަސް ނެގި އެވެ.
"އެއީ ނިސްބަތުން ބުނަންޏާ ވަރަށް ގިނަ ދުވަސް. އެހެންނަމަވެސް އަޅުގަނޑަށް ކުރެވުނު މި މަސައްކަތް ނޫނީ ތަޖުރިބާގެ ތެރެއިން އިރާދަކުރެއްވިޔާ ވަރަށް އަވަހަށް އަޅުގަނޑަށް ކުރިއަށް ދެވޭ ގޮތް ވެއްޖެ،" މާހިދު ބުންޏެވެ.
ކިޔެވުމުގައި އޭނާގެ ހުނަރާއި ލިބިފައިވާ ތަފާތު އަޑަށް، އޭރު ވެސް، ދިވެހި އެހެން ދަރިވަރުންގެ ސަމާލުކަން ހުއްޓުނެވެ. ރޭޑިއޯ ހުޅުވައިގެން ކިޔަވަން ފެށުމާ އެކު، ބައެއް ކުދިން، ސަމާސާއަކަށް ބުނާ ކަމަށް ވަނީ "ސައުދީގެ ރޭޑިއޯތައް ހުޅުވައިފި"އޭ އެވެ. އެއީ އޭނާގެ ކިޔެވުމުގެ ވައްޓަފާޅި ސައުދީގެ ގާރީންނާ އެއްގޮތްވުމުން، އޭގެ މިސާލަކަށެވެ.
އެކަމަކު މާހިދަށް ޕާކިސްތާނުގައި ހުރެވުނީ ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ދުވަހު އެވެ. މާލެ އަންނަން ޖެހުނު އިރު ހިތުން ދަސްވީ 10 ފޮތެވެ.
"އަޅުގަނޑު ގަބޫލުކުރަނީ މުޅި ހަޔާތް ބަދަލުކޮށްލި ދަތުރޭ އެ ދަތުރަކީ. ކޮންމެ ގޮތެއް ވިޔަސް ރަށު ސްކޫލްގައި ހުރެގެން ކިޔެވި ނަމަ އަޅުގަނޑަކަށް މި ފުރުުސަތު ޕާކިސްތާނަށް ދާން ނުލިބުނު ނަމަ މި ހަރުފަތަށް ވާސިލްނުވެވޭނެ ކަމަށް ގަބޫލުކުރަނީ،" މާހިދު ބުންޏެވެ.
ގުރުއާނާ މެދު މާހިދުގެ ހިތުގައި އޮތް ލޯބި އޭނާއަށް ދެން މަގު ދައްކައިދިނީ ގުރުއާން ޓީޗަރެއްގެ ގޮތުން މަސައްކަތްކުރާށެވެ. ރާއްޖެ އެނބުރި އައިސް ފުރަތަމަ އޭނާ ފުރިހަމަކުރީ ގާރީ ކޯހުގެ 1 ،2 އަދި 3 އެވެ. އޭގެ ފަހުން ގުރުއާން ޓީޗިންގެ ރޮނގުން ޑިޕްލޮމާ ނަގައިގެން އޭނާގެ ވަގުތު ހުސްކުރީ ސްކޫލް ދަރިވަރުންގެ ގުރުއާން ޓީޗަރެއްގެ ހިދުމަތަށެވެ.
އެކަމަކު ޓީޗަރެއްގެ ބޮޑު ޒިންމާ އަދާކުރަމުން އާއިލާއަށް ވަގުތު ދިނުން އުނދަގޫވި އެވެ. އެހެންކަމުން އޭނާ ހިޔާރުކުރީ އިމާމްކަމެވެ. ފުރަތަމަ އުޅުނީ އިސްލާމިކް މިނިސްޓްރީގެ އިމާމަކަށެވެ. އިމާރާތްކުރުމުގެ ދާއިރާގެ ބޮޑު ކުންފުންޏެއް ކަމަށްވާ އާރުސީސީން ހުޅުމާލޭގައި އެޅި މަސްޖިދުލް ރަޝީދަށް އިމާމަކު ހޯދަން އުޅުމުން އެކަމަށް ކުރިމަތިލި އެވެ. އެ ކުންފުނިން އެ މަގާމަށް ހޮވީ އޭނާ އެވެ.
ގުރުއާންގެ ރޮނގުން ކުރިއަށް ދެވުމަކީ، މާހިދުގެ ނަޒަރުގައި، "ހަޔާތުގެ ވަރަށް ބޮޑު ނަސީބެއް، ރަހުމަތެއް އަދި ހެވެކެ"ވެ.
"އެއީ ނަމާދު އޭގެ ވަގުތުގައި ބަންގި އެ ގޮވާ މީހާއަށް ލިބޭ ސަވާބާއި ދަރުމަ އެނގޭ ނަމަ އަޅުގަނޑުމެން ހުރިހާ އެންމެން ވެސް ޝައުގުވެރިވާނެ،" މާހިދު ބުންޏެވެ.
ނަމާދުގައި އެތައް ބަޔަކު "ލީޑްކޮށްދޭން ލިބޭ ފުރުސަތަކީ އަޅުގަނޑު ދަންނަވާނީ މިއީ ހަމަ ދުނިޔެ މަތީގައި އެންމެ ހިތްހަމަޖެހޭ، އެންމެ އުފާވެރި [ވަގުތުކޮޅު]. ވަޒީފާގެ ގޮތުން ބެލިިިޔަސް އަދި އަޅުކަމުގެ ގޮތުން ބެލިޔަސް އެންމެ މަތިވެރި ކަންތަކޭ އަޅުގަނޑަށް ގަބޫލުކުރެވެނީ."
މާހިދު އަންނަނީ ދުނިޔޭގެ އެތައް މިލިއަން މުސްލިމުންގެ ލޯބި ލިބިފައިވާ އަރަބި ގާރީންގެ ރީތި ރާގުތަކަށް ގުރުއާން ކިޔަވަމުންނެވެ. އޭނާގެ ރީތި، އޮމާން އަޑަށް ވެސް އެތައް ބައެއްގެ ސަމާލުކަން ހުއްޓެ އެވެ.
ތިން ކުދިންގެ ބައްޕަ ކައިރީގައި އަޅުގަނޑު އެހީމެވެ: ދެން މި ކަމުގައި އެންމެ ބޮޑު އުއްމީދަކީ ކޮބައި ހެއްޔެވެ؟ އޭނާގެ ޖަވާބަކީ އިމާމުގެ ތަރާވީހު ނަމާދުކޮށް، އެ ނަމާދުގައި ހަތިމްކުރުމެވެ.
އެކަމަކު މި ވަގުތު އޭނާއަކީ ހާފިޒެއް ނޫނެވެ. ގާތްގަނޑަކަށް 20 ފޮތް ހިތުދަސްނުކޮށް އެބަ އޮތެވެ. އެކަން ކުރުގެ އަޒުމާއި ހިތްވަރު އޭނާގެ ނެތީއެއް ނޫނެވެ. މިހާރު ފިޔަވަޅު އަޅަމުން ގެންދަނީ އެ މަގުސަދު ހާސިލްކުރުމުގެ މަގުގަ އެވެ.
މިއީ ރީތިކޮށް ގުރުއާން ކިޔެވުމުގެ ހުނަރު ލިބިފައިވާ ޒުވާނުން، އިމާމުންގެ ޒިންމާއަށް ނުކުންނަ ދުވަސްވަރެކެވެ. އެފަދަ ޒުވާނުންނަށް މާހިދުގެ މެސެޖް ވަރަށް ސާފެވެ.
"އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ އުފެދިގެން އަންނަ ޖީލުގެ [ޒުވާން] އިމާމުންނަށް އަޅުގަނޑުމެން ސަވާބާއި ދަރުމަ އެދިގެން އަޅުކަމެއް ގޮތަށް މިކަން ބަލައިގަނެ މިކަމުގައި ކުރިއަށް ދާށޭ. އޭރުން މިކަމަކީ ވަރަށް ލުއިފަސޭހަ އަދި އަޅުގަނޑުމެންގެ ދިރިއުޅުން އުޖާލާކޮށް ބާއްޖަވެރިކޮށްދޭނެ ވަރަށް ރަނގަޅު ފިޔަވަޅެކޭ އަދި މަގެކޭ. އެހެންވެ އެ މަގުން ކުރިއަށް ވަޑައިގަންނަވާށޭ."
އިމާމުން: ބަލައިގެން ކިޔަވަން ވެސް ނޭނގުނު، އެކަމަކު މިހާރު ގުރުއާންގެ ރޮނގުން މާ މަތީގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ