ރޯދަ މަހުގައި މި ކަންތައްތަކަށް ވަރަށް ބޮޑަށް ސަމާލު ވާތި!

ރަމަޟާން މަހުގައި އެކުލެވިގެން ވާ ހެޔޮ ކަމާއި އެ މައްސަރުގައި ކުރެވޭ އަޅުކަންތަކަށް ދެއްވާ ސަވާބު ގިނަ ކަމުން، ކޮންމެ މުސްލިމަކު ވެސް ރަމަޟާން މަހުގައި ހެޔޮ ޢަމަލުތައް ގިނަ ކުރަން މަސައްކަތް ކުރާނެއެވެ. އެގޮތުން މި މައްސަރުގެ ޙުރުމަތަށްޓަކައި، ދިރިއުޅުމުގެ ބައެއް ކަހަލަ މަސައްކަތްތަކުން ހިސާބަކަށް ދުރަށް ޖެހިލައި، އަޅުކަމަށް ދޭ ވަގުތު އިތުރު ކުރުމާއެކު ސަމާލުކަން ދޭން ޖެހޭ މައިގަނޑު އަޅުކަންތައް މި ލިޔުމުގައި ހިމަނައިލަމެވެ. ނަމާދު ކުރުން: ނަމާދަކީ އަބަދު ވެސް އަދާ ކުރަން ޖެހޭ އަޅުކަމެއް ނަމަވެސް ރަމަޟާން މަހުގައި ވަކިން ޚާއްސަކޮށް ފަރުޟު ނަމާދުތައް ބަރާބަރަށް އަދާ ކުރުމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެއެވެ. އެގޮތުން، ކޮންމެ ނަމާދެއް ވެސް އޭގެ ފުރަތަމަ ވަގުތުގައި މިސްކިތުގެ ޖަމާޢަތުގައި ކުރުން މުހިއްމެވެ. އަދި ނަމާދުގައި ކުރެވޭ ސުންނަތް ނަމާދުތައް ވެސް ދޫކޮށް ނުލައި ކުރަން ހަނދާން ބަހައްޓަން ވާނެއެވެ. ޤުރުއާން ކިޔެވުން: ރަމަޟާން މަހުގައި ރޯދަ ފަރުޟު ކުރައްވާފައި ވުމުގެ އިތުރުން، އެ މައްސަރު ޚާއްސަ ވާ އަނެއް ކަމަކީ އެ މަހުގައި ކީރިތި ޤުރުއާން ބާއްވައި ލެއްވުމެވެ (އަލްބަޤަރާ، 185). ރަމަޟާން މަހުގެ ކޮންމެ ރެޔަކު ވެސް ޖިބުރީލު ޢަލައިހިއްސަލާމު ވަޑައިގެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާ އެކުގައި ޤުރުއާން މުދާރަސާ ކުރެއްވި އެވެ (ބުޚާރީ، 4997). އެއީ ޤުރުއާން ކިޔަވައި ވިދާޅުވުމާއި އެއާ މެދުގައި ވިސްނައި ތަދައްބުރު ކުރެއްވުމެވެ. ވީމާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަކަށް ތަބާވެ އަހުރެމެން ވެސް ރަމަޟާން މަހުގައި ޤުރުއާނަށް ޚާއްސަ ސަމާލުކަމެއް ދޭން ވާނެއެވެ. އެ ފޮތް ކިޔެވުމާއެކު އެއާ ގުޅޭ ޢިލްމުތައް އުނގެނުމަށް މަސައްކަތް ކުރާންވާނެއެވެ. އޭގެތެރޭގައި، ތަޖުވީދުގެ ޢިލްމާއި ޤުރުއާނުގެ މާނައާއި އޭގެ ތަފުސީރާއި ޤުރުއާނުގައި ވާ ތަފާތު މައުޟޫޢުތަކަށް ލިޔެފައިވާ ފޮތްތަކާއި ލިޔުންތައް ކިޔައި ދިރާސާ ކުރުން ހިމެނެއެވެ. ޤުރުއާނާ ގުޅޭ ގޮތުން މުސްލިމުން ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ އެ ފޮތުގައި ވާ ހިދާޔަތާ އެއްގޮތަށް ޢަމަލު ކުރުންކަން ހަނދާން ބަހައްޓަން ވާނެއެވެ. ރަމަޟާން މަހުގައި މަދުވެގެން އެއް ފަހަރު ނަމަވެސް ޤުރުއާން ޚަތިމު ކުރަން ބޭނުން ވާ މީހާ، ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގައި ހަތަރު ސަފުހާ ކިޔަވާ ނަމަ ތިރީސް ދުވަހުގެ ތެރޭގައި މުޅި ޤުރުއާން ޚަތިމު ކުރެވޭނެއެވެ. ރޯދަ ވީއްލާނެ އެއްޗެއް ފޯރުކޮށް ދިނުން: ރޯދަ ވެރިޔަކު ރޯދަ ވީއްލާނެ އެއްޗެއް ދީފި މީހަކަށް، އެ ރޯދަ ވެރިޔާއަށް ލިބޭ ސަވާބާ އެއްވަރުގެ ދަރުމަ މާތްﷲ ދެއްވާނެއެވެ (ތިރުމިޛީ، 807). މި މަތިވެރި ސަވާބު ހޯދުމަށް ޓަކައި މިސާލަކަށް، އާއްމު ގޮތެއްގައި އެ ބަޔަކު ރޯދަ ވީއްލުމަށް ބޭނުން ކުރާ (ކަދުރު ނުވަތަ ފެން ފަދަ) އެއްޗެއް ގެންގޮސް މިސްކިތުގައި ރޯދަ ވީއްލާ އެއްޗެތި ބަހައްޓާ ތަނަށް ލެވިދާނެއެވެ. ނުވަތަ ރޯދަ ވެރިޔަކަށް ދައުވަތު ދީގެން ގެންގޮސް ރޯދަ ވީއްލުމެއް ދިނުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. ޞަދަޤާތް ކުރުން: ޞަދަޤާތަކީ ﷲ އަށް ކުއްތަން ވުމުގެ ގޮތުން އެކަލާނގެ މަގުގައި އެއްޗެއް ހޭދަ ކުރުމެވެ. (އަލްއަޞްފަހާނީ، 2009). ޞަދަޤާތުގެ ތެރޭގައި މުދަލާއި މަންފާ ވެސް ހިމެނެއެވެ. ޞަދަޤާތަކީ ޤިޔާމަތް ދުވަހުގައި ހިސާބު ބެއްލެވޭ ހިނދު، ފަރުޟު އަޅުކަމުން މަދުވާ ބައި ފުރިހަމަކޮށްދޭނެ ޢަމަލެކެވެ (އަބޫދާއޫދު، 245). އަދި ފެނުން އަލިފާން ނިވައިލާ ފަދައިން ޞަދަޤާތުގެ ސަބަބުން ކުށްފާފަތައް ފުހެލައެވެ (ތިރުމިޛީ، 2616). ރޭއަޅުކަމާއި ޤިޔާމުއްލައިލި: ރޭއަޅުކަމުގައި ދެމިހުރުމަށް ޤިޔާމުއްލައިލިއޭ ކިޔައެވެ. އެއީ ނަމާދު ކުރުމާއި، ޤުރުއާން ކިޔެވުމާއި، ޛިކުރު ކުރުމާއި، ދުޢާ ދެންނެވުން ފަދަ ކަންކަން ކުރުމަށް ޓަކައި ﷲ އާ ކުއްތަންވެ ވަގުތު ހޭދަކުރުމެވެ. އެ މީހަކަށް ކުޅަދާނަ ވީ މިންވަރަކަށް މި ކަމުގައި މަޝްޣޫލު ވެވިދާނެއެވެ. ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. "އެއުރެން ނިދައި އުޅުނީ ރޭގަނޑުން ވަރަށްކުޑަ ވަގުތުކޮޅެއްގައެވެ. އަދި އެއުރެން ހާރު ދަމުގައި ފާފަ ފުއްސެވުމަށް އެދި ދުޢާ ކުރެތެވެ" (އައްޛާރިޔާތި، 17-18). މި ފަދަ މީހުންނަށް ސުވަރުގެ ތަކާއި ފެން އާރުތަކުގެ މަތިވެރި ނިޢުމަތްތައް ދެއްވަވާނެ ކަމަށް އަންގަވާފައި ވެއެވެ (އައްޛާރިޔާތި، 15). ރޭއަޅުކަމުގެ ތެރޭގައި ކުރެވޭ ދަމު ނަމާދަށް ތަހައްޖުދު ނަމާދު އެވެ ކިޔައެވެ. މި ނަމާދު ކުރާނީ ދެ ރަކުޢަތުން ދެ ރަކުޢަތުން ސަލާން ދެމުންނެވެ. އެންމެ މަދު މިނަކީ ދެ ރަކުޢަތެވެ. ގިނަ ވެގެން އެ މީހަކު ބޭނުން ވަރަކަށް ކުރެވި ދާނެއެވެ. ކޮންމެ ރަކުޢަތެއްގައިމެ ސޫރަތުލްފާތިޙާ އަށް ފަހު އެ މީހަކު ބޭނުން ސޫރަތެއް ނުވަތަ އާޔަތްތަކެއް ކިޔަވާނީއެވެ. ކުޅަދާނަ ވެގެން ވާ ނަމަ ޤުރުއާން ކިޔެވުން ދިގު ކުރުމާއި ރުކޫޢު އާއި ސަޖިދައިގައި ހޭދަ ކުރާ ވަގުތު ދިގު ކުރުން އެދެވިގެން ވެއެވެ. ޢިޝާ ނަމާދަށް ފަހު ފަތިސް ނަމާދާ ހަމައަށް، ދަމު ނަމާދުގެ ވަގުތު ދެމިގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވާ ގޮތުގައި، ފަރުޟު ނަމާދަށް ފަހު ދެން އެންމެ މާތް ވެގެން ވަނީ ރޭގަނޑު ދަންވަރުގެ ވަގުތުގައި ކުރެވޭ ސުންނަތް ނަމާދެވެ (މުސްލިމް، 1163). ދުޢާ ކުރުމާއި ޒިކުރު ކުރުން: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ހަމަ ކަށަވަރުން، ތިޔަބައި މީހުންގެ ވެރި ރަސްކަލާނގެއީ ލަދުވެތިވެވޮޑިގަންނަވާ، ދީލަތި ވަންތަ އިލާހެވެ. އެކަލާނގެ އަޅުންގެ ތެރެއިން އަޅަކު އޭނާގެ ދެއަތް އުފުލައި އެކަލާނގެ އަށް ކަމަކަށް އެދި ދަންނަވައިފި ނަމަ ހުސް އަތާ ދޫކޮށްލެއްވުމަށް އެ އިލާހު ލަދުވެތިވެވޮޑިގަންނަވައެވެ." ތިން މީހެއްގެ ދުޢާ އިޖާބަ ނުކުރައްވައި ދޫކޮށް ނުލައްވާނެ ކަމަށް އޮތް ޙަދީޘްފުޅުގައި ރޯދަ ވެރިޔާ ހިމަނުއްވާފައި ވެއެވެ (ތިރުމިޛީ، 3598). ފިޠުރު ޒަކާތް ދިނުން: ރޯދަ މަހުގައި ކުރެވޭ ނޭދެވޭ ޢަމަލުތަކާއި ދައްކާ ނޭދެވޭ ވާހަކަތަކުގެ ސަބަބުން ރޯދައަށް ލިބޭ އުނިކަން ފޫބައްދައި ދޭ އަދި ނިކަމެތީންނަށް އެހީތެރި ވުމުގެ ގޮތުން އަދާ ކުރެވޭ އަޅުކަމެއްގެ ގޮތުގައި ފިޠުރު ޒަކާތް ފަރުޟު ކުރައްވާފައި ވެއެވެ (އަބޫ ދާއޫދު، 1609). މުސްލިމުންގެ ތެރެއިން އަޅުންނާއި މިނިވަނުންނާއި ފިރިހެންނާއި އަންހެނުންނާއި ކުޑަކުދިންނާއި އަދި ބޮޑެތި މީހުންގެ ފަރާތުން ފިޠުރު ޒަކާތް ނެރުން ވާޖިބު ވެގެން ވެއެވެ. މީސްތަކުން ޢީދު ނަމާދަށް ދިއުމުގެ ކުރިން މި ޒަކާތް ނެރެން ޖެހޭނެއެވެ (މުސްލިމު، 984). ވީމާ، ބަޔާންވެ ދިޔަ މައިގަނޑު އަޅުކަންތަކާއެކު ވީހާވެސް ގިނަ ހެޔޮ ޢަމަލުތައް ކުރުމުގައި މި ރަމަޟާން މަސް ހޭދަ ކުރުމަށް އަވަސްވެ ގަންނަމާ ހިނގާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. "ރަމަޟާން މަހުގެ ރޯދަ، އީމާން ކަމާ އެކު މާތްﷲ ގެ ޙަޟުރަތުން ސަވާބަށް އެދިގެން (އިޚުލާސްތެރި ކަމާ އެކު) ހިފައިފި ނަމަ، އެ މީހެއްގެ އިސްވެ ގޮސްފައި ވާ ފާފަތައް ފުއްސަވައި ދެއްވާނެއެވެ" (ބުޚާރީ، 37).
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ