ކިއު ފަޅައިގެން ހައްޖަށްދިއުން؛ ކޮންފަދަ ކަމެއްބާ؟ ކިއު ފަޅައިގެން ހައްޖަށްދިއުން؛ ކޮންފަދަ ކަމެއްބާ؟

އޮޅުވާނުލެއްވުން އެދެމެވެ. މި ލިޔުމުގައި އަޅުގަނޑު ފާހަގަ މިކުރަނީ، ހައްޖުގެ އާންމު ކިޔު ފަޅާލުމާއި ހައްޖާޖީންގެ ތަރުތީބުގައި ކޮރަޕްޝަން ހިންގުމުގެ ވާހަކައެވެ. ގައުމެއްގެ ރައީސަކަށް ނުވަތަ ވަޒީރަކަށް ސުއޫދީ އަރަބިއްޔާގެ ވެރިން ދޭ ހާއްސަ ދައުވަތެއްގައި ހައްޖަށް ވަޑައިގަތުމަކީ ރަނގަޅު ކަމެކެވެ. ހަމައެހެންމެ ހައްޖާޖީންނަށް ފަހިކޮށްދޭން ޖެހޭ އިންތިޒާމުތަކުގެ ބޭނުމަށް އެހީތެރިންގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ބަޔަކު އެކަމަށް އެކަށީގެންވާ ވަރަށް ދިއުމަކީ މައްސަލައެއް އޮތްކަމެއް ނޫނެވެ. އަދި އެގޮތަށް ހައްޖަށް ދިއުމުގައި ވަކި މީހަކާ އޮންނަ ގުޅުމެއްގެ ތެރެއިން އެ ފުރުސަތު ލިބުނަސް އެއީވެސް މައްސަލައެއް ނޫނެވެ.
ނަމަވެސް ހައްޖު ކިޔު ފަޅާލުމާއި، ހައްޖުގެ އެހީތެރިކަން ފޯރުކޮށްދޭން ނޭނގޭނެ މީހުން އެހީތެރިންގެ ނަމުގައި ލިމިޓެޑް ކޯޓާގެ ބައެއްގައި ހައްޖަށް ގެންދިއުމާއި، އެހީތެރިންގެ ގޮތުގައި އެކަށީގެންވާ މިންވަރަށްވުރެ ގިނަ މީހުން ގެންދިއުމުގެ ސަބަބުން، ހައްޖު ވާޖިބު މީހުންނަށް އެ އަޅުކަމުގެ ފުރުސަތު ގެއްލިގެންދާ ދިއުމަކީ ހުއްޓުވަންޖެހޭ އުރެދުމެކެވެ.
ވައްކަމާއި މަކަރާއި ހިޔާނާތާއި ފަސާދަ އިންތިހާއަށް ބޮޑުވެފައިވާ ދިވެހިރާއްޖޭގައި ހައްޖުގެ މަތިވެރި އަޅުކަމާއި އެ އަޅުކަމުގެ އިންތިޒާމުތަކުގެ ތެރެއަށް ވެސް އެކަން ވަދެފާވާލެއް ބޮޑުކަން އެނގެނީ، ފާޅުކަން ބޮޑު ގޮތުގައި ފެންނަމުންދާ މަންޒަރުތަކުންނެވެ. މާލީ ގޮތުންނާއި ޖިސްމާނީ ގޮތުން ހައްޖު ވާޖިބުވެގެން ހައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކައި، ލިސްޓުގައި ޖެހިފައި ތިބި ހައްޖު ވާޖިބު އެތައް ބަޔަކަށްވުރެ ކުރިން، މާފަހުން އަންނަ ބަޔަކަށް ތަފާތު ނަންނަމާއި ހައިސިއްޔަތުގައި އެކި ގޮތްގޮތުން ޖާގަ ލިބެމުންދާ ޝަކުވާއަކީ ވަރަށް އާންމު ޝަކުވާއެކެވެ.
މިލިޔުމުގައި ފިކުރެއް ހިންގާލަން ދައުވަތު މިދެނީ، ރިޝްވަތު ދީގެން ނުވަތަ ވަކި މީހަކާ އޮންނަ ގުޅުމެއްގެ ޒަރީއާއިން ހައްޖު ކިޔު ފަޅާލުމަށްފަހު ހޯދައިގަންނަ ހައްޖާ މެދުގައެވެ. ނުވަތަ އެބާވަތުން ހައްޖުވުމާ މެދުގައެވެ.
އަލްބަޤަރާ ސޫރަތުގެ 197 ވަނަ އާޔަތުގައި މާތް ﷲ އަންގަވައެވެ. "ހައްޖުގެ ވަގުތަކީ ކަނޑައެޅި އެނގިގެންވާ މައްސަރު ތަކެކެވެ. ފަހެ، އެ މައްސަރުތަކުގައި ހައްޖުވުމަށް ގަސްދުކޮށްގެން އިހުރާމް ބަނދެފިމީހާ، ފަހެ ހައްޖުވުމުގެ ތެރޭގައި ޖިންސީގުޅުން ހިންގުމެއް، އަދި އުރެދުމެއް، އަދި އަރާރުންވުމެއްވެސް ނެތެވެ...."
ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން މީހަކަށް ލިބެން އޮންނަ ޖާގައެއް ގެއްލިގެންދާނެ ގޮތަށް އެ ތަރުތީބުގައި ނެތް މީހަކު ކޮންމެ ނަމެއްގައި ތަރުތީބުން މައްޗަށް ޖެހުނަސް އެއީ ޖާގައިގެ އަސްލު ހައްގުވެރިޔާއަށް ދޭ އަނިޔާއެކެވެ. އެއީ ހައްގުވެރިޔާ މާފުކުރުމުން ނޫނީ ފުއްސަވާނެ ބާވަތުގެ ފާފައެއް ވެސް ނޫނެވެ.
އަލްކަހަފް ސޫރަތުގެ 110 ވަނަ އާޔަތުގައި، އަންގަވައެވެ. "ފަހެ، އެމީހެއްގެ ވެރިރަސްކަލާނގެއާ ބައްދަލުވުމަށް އެދޭމީހާ ފަހެ، އެމީހާ ސާލިހު އަމަލުން އަމަލުކުރާހުށިކަމެވެ!..." ހައްޖު ކިޔު ފަޅާލުމާއި ހައްޖަށްދާން ލާރިދައްކާފައި ތިބޭ މީހުންގެ ހަގީގީ ތަރުތީބަށް ބަދަލު އަންނާނެ ގޮތަކުން ހައްޖުގެ ޖާގަ ހޯދައިދިނުމާއި ޖާގަ ދަމައިގަތުމަކީ، ސާލިހު އަމަލެއް ނޫނެވެ. ކިއެއްތަ އެއީ ބޮޑު އަނިޔާވެރިކަމެއް އަދި އުރެދުމެއްވެސްމެއެވެ.
މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެފާނު ރިވާކުރައްވާފައިވެއެވެ. ކައުއިތުރު މާތް ނަބިއްޔާ ހަދީސްކުރެއްވިއެވެ. "ހަމަކަށަވަރުން ﷲ އީ ހުސްތާހިރުވަންތަ ކަލާނގެއެވެ. ހަލާލު ރަނގަޅު އެއްޗެއް ނުވަތަ ކަމެއް މެނުވީ އެކަލާނގެ ގަބޫލެއް ނުކުރައްވާނެއެވެ." އިތުރު ޝަރަހައަކަށް ބޭނުންނުވާ މިންވަރަށް މިކަމަކީ ވަރަށް ސާފު ކަމެކެވެ. ކޮންމެ ކޮންމެ ގޮތަކުން ހޯދައިގަތަކަސް ހައްޖަކީ މަބުރޫރު ހައްޖަކަށް ވެގެން ނުދާނެއެވެ.
އަދި ބުޚާރީގައި ރިވާވެގެންވެއެވެ. މާތް ނަބިއްޔާ ހަދީސްކުރައްވާފައިވެއެވެ. "ހަޑިކަމެއް ނުވަތަ ނުބައިކަމެއް ގެނެސްގަތުމަކާ ނުލައި ހައްޖުވެއްޖެ މީހާ އެނބުރި އަންނަނީ އޭނާގެ މަންމަގެ ބަނޑުން އޭނާ ވިހޭ ދުވަހެކޭ އެއްފަދައިންނެވެ." ހައްޖުގެ މަތިވެރި އަޅުކަމަކީ އޭނާގެ އެންމެހާ ފާފަތަކުން އޭނާގެ އުފަން ދުވަހެކޭ އެއްފަދައިން ތާހިރުކުރުވާ ކަމެއްގެ ގޮތުގައި ސިފަކުރެވިފައިވާ މިހަދީސުން އެނގޭ ގޮތުގައި ވެސް ހައްޖުގެ މަތިވެރި ސަވާބު އެގޮތުގެ މަތީން ލިބޭނީ، ހައްޖުވުމުގައި މާތް ﷲ ގެ އަމުރުފުޅަކަށް އުރެދުމެއް ހިންގާފައިނުވާނަމައެވެ.
ހައްޖަކީ އަޅުކަމެކެވެ. އަދި އެއީ އިސްލާމްދީނުގެ އެއް ރުކުނެވެ. ހައްޖު ވާޖިބުވާނީ ހައްޖުކުރުމުގެ ކުޅަދާނަކަން ލިބިގެންވާ މީހާއަށެވެ. އޭގެ ތެރޭގައި ހިމެނެނީ މާލީގޮތުންނާއި ޖިސްމާނީ ގޮތުން އެކަމަށް ކުޅަދާނަކަން ލިބުމެވެ. ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ އިންތިޒާމުތަކާ ހަވާލުވެފައިވާ ފަރާތްތަކުގެ ޒިންމާއަކަށްވާންވާނީ، ހައްޖު ވާޖިބުވެފައިވާ މީހުންނަށް އެންމެ އިސްކަންދެވޭނެ ނިޒާމެއް ހިނގަމުންދާކަން ކަށަވަރުކުރުމެވެ. ފަގީރުން ފަދަ ހައްޖު ވާޖިބު ނުވާ މީހުން ދައުލަތުގެ ހަރަދުގައި ހައްޖަށް ގެންދިއުމަކީ ވެސް އޭގެ ޒާތުން ހުއްދަކަމެއް ނަމަވެސް، އެކަން ވެސް ކުރެވެންވާނީ، ކުރިން ފައިސާ ދައްކާފައިވާ ހައްޖު ވާޖިބުވެފައިވާ މީހުންގެ ތަރުތީބަށް ބަދަލު ނާންނާނެ އުސޫލަކުންނެވެ.
އަދި ހައްޖާޖީންގެ ވާޖިބަކަށް ވެސް ވާންވާނީ، ހައްޖަށްދިއުމަށް ހޭދަކުރާ ފައިސާއަކީ ހަލާލު ގޮތުގައި ހޯދާ ފައިސާއެއްކަން ކަށަވަރުކުރާ ބީދައިން، ހައްޖަށް ދާން ފުރުސަތު ހޯދާ ގޮތަކީ ވެސް އެހެން މީހެއްގެ ހައްގަކަށް އަރައިގަތުން އޭގައި ނުހިމެނޭ ގޮތެއްކަން ކަށަވަރުކުރުމާ އެކު ހައްޖުވުމެވެ.
އަޅުގަނޑުގެ ދުއާއަކީ، ހައްޖަށްދިއުމަށް ފައިސާދައްކައި އެކަމުގައި އިޚްލާސްތެރިކަމާއެކު މަސައްކަތްކުރާ ހަމަ އެންމެހާ ފަރާތްތަކަށް މާތް ﷲ އެ ފުރުސަތު މިންވަރުކޮށްދެއްވުމެވެ. ހަމައެހެންމެ ހައްޖުގެ ވާޖިބު ވެފައިވާ ފަރާތްތަކަށް އެފުރުސަތު ލިބުން އިންތިހާއަށް ލަސްވަމުންދާއިރު، ތަކުރާރުކޮށް އެތައް ފަހަރަކު ހައްޖުވަމުންދާ ފަރާތްތަކާމެދު ވެސް ނިޒާމީ ސިފައެއްގައި އުސޫލެއް ގާއިމުވެގެންދިއުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ