ބޮޑެތި ފާޑުކިޔުންތަކާއި، ބޮޑެތި ބަދަލުތަކާއެކު ފީފާ ކްލަބް ވޯލްޑް ކަޕް ފަށަން ތައްޔާރުވެއްޖެ

ފީފާ އިން އިންތިޒާމް ކޮށްގެން ކްލަބް ތަކުގެ މެދުގައި ކުޅޭ ކްލަބް ވޯލްޑްކަޕް ފާހަގަ ކޮށްލެވޭ ގިނަ ބަދަލު ތަކަކާއެކު މާދަމާ ފަތިހު ފެށުމަށް ތައްޔާރުވެއްޖެއެވެ. ފުޓްބޯޅައިގެ ދުނިޔޭގައި ހަރަކާތްވެރިވާ ފާހަގަ ކޮށްލެވޭ ގިނަ ފަރާތްތަކެއްގެ ފާޑު ކިޔުން އަމާޒުވެގެންދާ މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި، ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އެފްރިކާ ބައްރުން މިމުބާރާތުގައި ވާދަކުރާ އެއް ޓީމު ކަމުގައިވާ މިސްރުގެ އަލް އަހްލީ އާއި މުބާރާތް ބާއްވާ ޤައުމު އެމެރިކާ ތަމްސީލް ކުރާ އަދި އެޓީމަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އާޖެންޓީނާގެ ލިއޮނެލް މެސީ ކުޅެމުންދާ އިންޓާ މައޭމީއެވެ. މި ފަހަރުގެ މުބާރާތަށް ގިނަ ބައެއްގެ، ހާއްސަކޮށް ޔޫރަޕްގެ ކްލަބް ތަކާއި ޔުއޭފާ އަދި ޔޫރަޕްގެ ބޮޑެތި ކްލަބްތަކަށް ކުޅެމުންދާ މޮޅެތި ކުޅުންތެރިންގެ ފާޑުކިޔުން އަމާޒުވެގެންދިޔައީ ފީފާ އިން ކޮންމެ އަހަރަކު ކޮންމެ ބައްރެއްގެ ޗެމްޕިއަން ކްލަބާއެކު ކުޅެމުންދިޔަ މުބާރާތް ހައެއް ނުވަތަ އަށް ޓީމުގެ ބަދަލުގައި 32 ޓީމަށް ބަދަލުކޮށް މަހެއްހާ މުއްދަތަށް ދިގުދެމިގެންދާގޮތަށް ކުޅޭ މުބާރާތަކަށް ހެދުމާއެކުއެވެ. މިއާއެކު ޔޫރަޕްގެ ބޮޑެތި ކްލަބްތަކާއި އެ ކްލަބްތަކަށް ކުޅޭ ނަން މަޝްހޫރު ކުޅުންތެރިންވަނީ ފީފާއިން ކުޅުންތެރިންގެ ރައްކާތެރިކަމަށް ނުވިސްނާކަމަށް ބުނެ ޝަކުވާކޮށްފައެވެ. ނަމަވެސް ސުވާލަކީ މިއީ ޔޫރަޕްގެ ކްލަބްތަކާއި ކުޅުންތެރިން އެކަނި ކުޅެން ރޭވި މުބާރާތެއްތޯއެވެ. މިއީ ދެ ކޮޅަށް ވެސް ވާހަކަދެކެވޭ ބޮޑު ބަހުސެއް ކުރެވިދާނެ މަޢުލޫއެކެވެ. ފީފާ ކްލަބް ވޯލްޑްކަޕް އަކީ ކޮންމެ ބައްރެއްގެ ޗެމްޕިއަން ކްލަބާއި މުބާރާތް ބާއްވާ ޤައުމުގެ ކްލަބަކާއެކު އަށް ޓީމަށްވުރެ ގިނަ ނުވާ ގޮތަށް މީގެ 24 އަހަރު ކުރިން ފީފާއިން އިންތިޒާމް ކޮށްގެން ބާއްވަން ފެށި މުބާރާތެކެވެ. މި މުބާރާތުގެ 24 މުބާރާތް މިހާތަނަށް ބާއްވާފައިވާއިރު އެންމެ ފަހުން ކްލަބް ވޯލްޑްކަޕްގެ ނަމުގައި މި މުބާރާތް ބާއްވާފައިވަނީ 2023 ވަނަ އަހަރުއެވެ. އެ ފަހަރު މި މުބާރާތުގެ ޗެމްޕިއަންއަކީ ޔުއޭފާގެ އޭރުގެ ޗެމްޕިއަން މެންޗެސްޓަ ސިޓީއެވެ. އެހެން ކަމުން މިފަހަރުގެ މުބާރާތަށް ސިޓީ ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަންގެ ގޮތުގައެވެ. - ކްލަބް ވޯލްޑްކަޕްގެ ޓީމުތަކުގެ އަދަދު 32 އަށް އިތުރުކޮށް ފީފާ ވޯލްޑްކަޕެކޭ އެއްގޮތަށް ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު މިމުބާރާތް ބާއްވަން ނިންމާފައިވަނީ 2023 ވަނަ އަހަރުއެވެ. އަދި 2025 ވަނަ އަހަރުގެ ޖޫން ޖުލައި މިބަދަލުތަކާއެކު ބާއްވާ ފުރަތަމަ މުބާރާތް ބާއްވަން ނިންމިއެވެ. އަދި ކުރިން ބައްރުތަކުގެ ޗެމްޕިއަނުންގެ ގޮތުގައި ކުލެމުންދިޔަ މުބާރާތުގެ ނަން ފީފާ އިންޓާކޮންޓިނެންޓަލް ކަޕްގެ ނަމަށް ބަދަލުކޮށް މިދިޔަ އަހަރު ފުރަތަމަ މުބާރާތް ބޭއްވުނެވެ. އެމުބާރާތުގެ ޗެމްޕިއަންކަން ހާސިލް ކުރީ މިދިޔަ ރެއާލް މެޑްރިޑެވެ. މިފަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އަދަދު 32 ޓީމަށް އިތުރު ވުމާއެކު މިމުބާރާތް ކުޅުމަށް ހަމަޖެހިފައިވާ ގޮތަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މިގޮތުން މިމުބާރާތަށް ކޮލިފައިވި 32 ޓީމު 4 ޓީމުގެ 8 ގްރޫޕަށް ބަހާލެވިފައިވެއެވެ. އަދި ގްރޫޕް މަރްހަލާގައި ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފަހު 16 ޓީމުގެ ބުރަށް ހޮވިގެންދާނެއެވެ. ފަހު 16 ޓީމުގެ ބުރުގައި ނޮކްއައުޓް އުސޫލުން ފަށާގޮތަށް ކްއާޓާ ފައިނަލް އަދި ސެމީ ފައިނަލަށްފަހު ފައިނަލަށް ދެޓީމު ހޮވި ޗެމްޕިއަން ކަނޑައެޅިގެންދާނެއެވެ. އެހެން ކަމުން މާދަމާ ރޭ ފަތިހު ފެށޭ މިމުބާރާތް ނިމިގެންދާނީ ޖުލައި މަހުގެ 13 ވަނަ ދުވަހުއެވެ. މިމުބާރާތުގައި ވާދަކުރާ ޓީމުތަކަށް ބަލާލާއިރު ފީފާއިން އެންމެ ބޮޑަށް ބަލާފައިވަނީ އެބައްރެއްގެ ކްލަބް ފުޓްބޯޅައިގައި އެންމެ ފާހަގަ ކޮށްލެވޭ މުބާރާތުގައި އެންމެ ފަހު ހަތަރު އަހަރު އެންމެ ރަނގަޅު ކުޅުމެއް ދައްކާފައިވާ ޓީމުކަށެވެ. ހަމައެއާއެކު އެއް ލީގަކަށް ނިސްބަތްވާ ދެޓީމަށް ވުރެ ގިނަ ޓީމަށް މިމުބާރާތުގައި ވާދަނުކުރެވޭގޮތަށްވެސް ފީފާއިން ވަނީ ނިންމާފައެވެ. މިނިންމުމާއެކު ޔުއޭފާ ތަމްސީލް ކުރުމަށް ހޮވިގެންދިޔަ 12 ޓީމުގެ ތެރޭގައި ފާހަގަ ކޮށްލެވޭ ޓީމުތަކެއް ހިމެނުނު އިރު ފާހަގަ ކޮށްލެވޭ ބައެއްް ޓީމުތައް ފެނިގެން ނުދާނެކަންވެސް ހިތާމައާއެކު ފާހަގަ ކޮށްލަމެވެ. އަދި ޔުއޭފާއިން ކްލަބްތައް ހޮވުމުގައި އެންމެ ބޮޑަށް ބަލާފައިވަނީ ޗެމްޕިއަންސް ލީގުގެ އެންމެ ފަހު ހަތަރު މުބާރާތުގައި ޓީމުތަކުން ދައްކާފައިވާ ކުޅުމަށް ބެލުމަށްފަހުއެވެ. މިގޮތުން އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިން، ރެއާލް މެޑްރިޑް އަދި ސިޓީ ފަދަ ޓީމުތަށް ހިމެނިގެން ދިޔައިރު އެންމެ ފާހަގަ ވެގެންދިޔައީ މިފަހަރުގެ އިންގްލިޝް ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލާއި ސްޕެނިޝް ލަލީގާގެ ޗެމްޕިއަން އެފްސީ ބާސެލޯނާ މިފަހަރުގެ މުބާރާތުން ނުފެނުމެވެ. ޔޫރަޕުން 12 ޓީމު ބައިވެރި ވުމުގެ އިތުރުން ދެން ހިމެނެނީ ދެކުނު އެމެރިކާ ސަރަހައްދު ނުވަތަ ކޮމެބޯލް އިން 6 ޓީމު، އޭޝިއާ ސަރަހައްދު، އެފްރިކާ ސަރަހައްދު، އުތުރާއި މެދުތެރޭ އެމެރިކާ އަދި ކެރީބިއަން ސަރަހައްދު ކަމަށްވާ ކޮންކާކަފް ސަރަހައްދުން ކުރެ ކޮންމެ ސަރަހައްދަކުން 4 ޓީމު، އޯޝޭނިއާ ސަރަހައްދުން އެއް ޓީމު އަދި މުބާރާތް ބާއްވާ ޤައުމުން އެއް ޓީމެވެ. ނަމަވެސް އެންމެ ފަހު ވަގުތު މެކްސިކޯގެ ކްލަބް ލެއޮން އާއި ޕަޗޫކާ އިން ފީފާގެ އޯނާޝިޕް ގަވައިދާ ހިލާފުވުމުން ކްލަބް ލެއޮން ބާކީ ކޮށް އެމެރިކާގެ ލޮސް އެންޖަލިސް އެފްސީ އާއި މެކްސިކޯގެ ކްލަބް އެމެރިކާގެ މެދުގައި ކުޅުނު ޕްލޭ އޮފަކަށްފަހު އެލްއޭއެފްސީއަށް ޖާގަ ލިބިގެންދިޔައެވެ. ގްރޫޕްތަކަށް ޓީމުތައް ޖެހިގެން ގޮސްފައިވާގޮތަށް ބަލާއިރު: ގްރޫޕް އޭ: ޕަލްމެއިރާސް، ޕޯޓޯ، އަލް އަހްލީ އަދި އިންޓާ މައޭމީ ގްރޫޕް ބީ: ޕީއެސްޖީ، އެޓްލެޓިކޯ މެޑްރިޑް، ބޮޓަފޯގޯ އަދި ސިއާޓްލް ސައުންޑާސް ގްރޫޕް ސީ: ބަޔޭން މިޔުނިކް، އޯކްލަންޑް ސިޓީ، ބޮކާ ޖޫނިއާސް އަދި ބެންފީކާ ގްރޫޕް ޑީ: ފްލެމެންގޯ، އީއެސް ޓޫނިސް، ޗެލްސީ އަދި އެލްއޭއެފްސީ ގްރޫޕް އީ: ރިވާ ޕްލޭޓް، އުރާވާ ރެޑް ޑައިމަންޑް، މޮންޓެރޭ، އިންޓާ މިލާން ގްރޫޕް އެފް: ފުލުމިނެންސޭ، ބޮރޫޝިއާ ޑޯޓްމުންޑް، އުލްސާން އެޗްޑީ އެފްސީ އަދި މަމެލޯޑީ ސަންޑައުން ގްރޫޕް ޖީ، ސިޓީ، ވައިދާދު، އަލް އައިން އަދި ޔުވެންޓަސް ގްރޫޕް އެޗް: ރެއާލް، އަލް ހިލާލް، ޕަޗޫކާ އަދި އެފްސީ ސާލްޒްބާގް ކްލަބް ވޯލްޑްކަޕްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ 11 ސިޓީ އެއްގެ 12 ސްޓޭޑިއަމް އެއްގައެވެ. މިގޮތުން މާދަމާ ރޭ ފަތިހު ކުޅޭ ފުރަތަމަ މެޗު މައޭމީގައި ހުންނަ 65 ހާސް މީހުންގެ ޖާގައިގެ ހާޑް ރޮކް ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާއިރު ސެމީ ފައިނަލްގެ ދެ މެޗާއި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ނިއުޖާޒީގައި ހުންނަ 82،500 މީހުންގެ ޖާގައިގެ މެޓްލައިފް ސްޓޭމިއަމްގައެވެ. މިމުބާރާތުގެ އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ފާހަގަ ވެފައިވަނީ އިނާމް ފައިސާގެ ބޮޑުކަމެވެ. މިގޮތުން މުޅި މުބާރާތަށް އިނާމް ފައިސާގެ ގޮތުގައި އެއް ބިލިއަން އެމެރިކާ ޑޮލަރު ހޭދަކުރާނެއެވެ. މިގޮތުން މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް 125 މިލިއަން އެމެރިކާ ޑޮލަރު ލިބިގެންދާނެއެވެ. އަދި މީގެއިތުރުން އެއް ބިލިއަންގެ ދެ ބައިކުޅަ އެއްބައި ބެހުމަށް ހަމަޖެހިފައިވަނީ މުބާރާތުން ޖާގަހޯދި 32 ޓީމަށެވެ. ނަމަވެސް އެކި ޓީމުތަކަށް ލިބޭ މިންވަރު ތަފާތުވާނެކަމަށް ވެއެވެ. ގިނަ ބަޔަކު ގަބޫލް ކުރާގޮތުގައި މިފަހަރުގެ މުބާރާތް ކާމިޔާބު ކުރުން ގާތީ ޔޫރަޕްގެ ބޮޑެތި ޓީމުތަކުގެ ތެރެއިން ޓީމެކެވެ. ނަމަވެސް މިމުބާރާތުގައި ހައިރާން ކުރުވަނިވި ނަތީޖާ ތަކެއް ފެނިގެންދިއުން ގާތް ކަމަށް ދޭ އަދި އުންމީދު ކުރާ ފަރާތްތަށްވެސް މަދެއް ނޫނެވެ. އެހެން ކަމުން ފީފާ ކްލަބް ވޯލްޑްކަޕްގައި ވާދަވެރި އަދި ބަލާހިތްވާ މެޗުތަކެއް ފެނިގެންދާނެކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ