ގްރީން ޓެކްސްގެ ގޮތުގައި 204.8 މިލިއަން ޑޮލަރު ލިބިއްޖެ

މެއިމަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި 204.8 މިލިއަން ޑޮލަރު ލިބިފައިވާކަމަށް ދައުލަތުގެ ޓެކްސް އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ނެރެފައިވާ މެއިމަހު ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މެއިމަހުގެ ނިޔަލަށް ގްރީން ޓެކުހުގެ ގޮތުގައި 204,898,044 ޑޮލަރު ލިބުނުއިރު މިއީ ދިވެހި ފައިސާއިން ބަލާނަމަ، 959,528,940 ރުފިޔާއެވެ. މިދިޔަ އަހަރުގެ މެއިމަހާ އަޅާބަލާއިރު 6.8 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 507,285,705 ރުފިޔާއެވެ.
ގްރީން ޓެކުހަކީ ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި، ގެސްޓްހައުސްތަކާއި ސަފާރީތަކައި، އެނޫންވެސް އެފަދަ ތަންތަނަށް އަންނަ ފަތުރުވެރިންގެ އަތުން ނަގާ ޓެކްސްއެކެވެ. 
މިދިޔަ އަހަރު ގްރީން ޓެކްސް 6 ޑޮލަރާއި 3 ޑޮލަރުގެ އަދަދަކުން ގްރީން ޓެކްސް ނަގަމުންދިޔަނަމަވެސް މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން ގްރީން ޓެކްސް ރޭޓް ވަނީ ބޮޑުކޮށްފައެވެ. އެގޮތުން ޖެނުއަރީމަހުގެ 1 ކުން ފެށިގެން ރިސޯޓަށް އަންނަ ކޮންމެ ފަތުރުވެރިއަކު އެ ހުންނަ ދުވަހަކަށް 12 ޑޮލަރު ނަގާއިރު، 50 އެނދަށްވުރެ މަދުން ހުންނަ ގެސްޓްހައުސްތަކަސް އަންނަ ފަތުރުވެރިއަކު އެ ހުންނަ ދުވަހަކަށް ނަގަނީ 6 ޑޮލަރެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ރާއްޖެއަށް 1,011,972 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނައިރު، މިއަހަރު ގްރީން ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވާނޭކަމަށް ވަނީ ބެލެވިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ