ކްލަބް ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި މެސީގެ މިއާމީ އާއި އަލް އަހްލީ އެއްވަރު ކްލަބް ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި މެސީގެ މިއާމީ އާއި އަލް އަހްލީ އެއްވަރު

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 15) - ފީފާ ކްލަބް ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި، އެފްރިކާގެ ޗެމްޕިއަން، މިސްރުގެ އަލް އަހްލީ އާއި ލިއޮނަލް މެސީގެ ކެޕްޓަންކަމުގައި ކުޅެމުން އަންނަ އިންޓަ މިއާމީ ލަނޑެއް ނުޖެހި، 0-0 އިން އެއްވަރުވެއްޖެ އެވެ.
ހާޑް ރޮކް ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން، ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދެއްކީ އަލް އަހްލީންނެވެ.
އެ ގޮތުން، އެ ޓީމަށް ކުޅޭ މިސްރުގެ ފޯވާޑް، މަހުމޫދު ޓްރެޒެގޭ އަށް ރަނުގެ ފުރުސަތެއް ލިބިގެންދިޔަ އެވެ. އެ ގޮތުން، ފުރަތަމަ ހާފުގައި، ލިބުނު ޕެނަލްޓީ އަކުން، ޓްރެޒެގޭ ފޮނުވާލި ބޯޅަ އިންޓަ މިއާމީ ގޯލުގައި މި މެޗު މޮޅު ކުޅުމެއް ދެއްކި ކީޕަރު، އޮސްކާ އުސްޓާރީ ވަނީ މަތަކޮށްފަ އެވެ. މި ހާފުުގައި، އަލް އަހްލީގެ ފޯވާޑް، ވިސާމް އަބޫ އަލީ ގޯލެއް ޖެހި ނަމަވެސް ވަނީ އޮފްސައިޑް ކަަމަށް ނިންމައިފަ އެވެ.
ދެ ވަނަ ހާފުގައި ކުޅެން އަރައި، މިއާމީން ކުޅުން ރަނގަޅުކުރިއިރު، އެ ޓީމުގެ ތަރި، މެސީ ވަނީ ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ. އެ ގޮތުން، އަލް އަހްލީ އޭރިއާބޭރުން ލިބުނު ހިލޭޖެހުމަކުން މެސީ ފޮނުވާލި ބޯޅަ އަރިމަތީ ދާގަނޑަށް އަމާޒުވީ ދަނޑީގައި ވެސް ޖެހިފަ އެވެ. އޭގެ ފަހުން، މިއާމީގެ ލުއިސް ސުއަރޭޒް ފޮނުވާލި ޝޮޓެއް ވަނީ ބްލޮކްވެފަ އެވެ.
ބަދަލަކަށް ކުޅެން އެރި މިއާމީގެ ފާފާ ވަނީ ގޯލެއް ޖެހުމާ ގާތަށް ޖެހިލައިފަ އެވެ. އެ ގޮތުން، މެސީ ނަގައިދިން ހުރަހަކަށް އަރައި ފާފާ ބޮލުން ޖެހި ބޯޅަ އަލް އަހްލީގެ ކީޕަރު، މުހައްމަދު އަލް ޝަނާވީ ވަނީ މަތަކޮށްފަ އެވެ. އަދި، މެޗުގެ އިތުރު ވަގުުތުގެ ގޮތުގައި ދެއްކި ފަސް މިނިޓްގެ ތެރެއިން، ފަހު މިނިޓްގައި، މެސީ ފޮނުވާލި ބޯޅައެއް ބޭރުވީ ކީޕަރު އަލް ޝަނާވީ އަތުގައި ޖެހި، ދަނޑީގައި ވެސް ޖެހިފަ އެވެ.
ތިރީސް ދެ ޓީމާ އެކު، މުޅިން އަލަށް ފީފާ އިން ފެށި ކްލަބް ވޯލްޑް ކަޕުން، އިންޓަ މިއާމީ އަށް ޖާގަ ދިނީ، ކްލަބް ވޯލްޑް ކަޕް ބާއްވާ ގައުމު، ހައިސިއްޔަތުންނެވެ. އެކަމަކު، އެ ޖާގަ އެމެރިކާގެ ލީގު ނުނިމެނިސް ދިނުމުން ގިނަ ބަަޔަކު ވަނީ ސުވާލު އުފައްދައިފަ އެވެ. މި ގްރޫޕްގައި ދެން ހިމެނެނީ، ބްރެޒިލްގެ ޕަލްމެއިރާސް އާއި ޕޯޗުގަލްގެ ޕޯޓޯ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ