ޕެނަލްޓީއެއްގެ މައްސަލައިގައި ފަލަސްތީނުން ފީފާ އަށް ޕެނަލްޓީއެއްގެ މައްސަލައިގައި ފަލަސްތީނުން ފީފާ އަށް

ދޯހާ، ގަތަރު (ޖޫން 15) - ފީފާ ވޯލްޑް ކަޕް ކޮލިފައިން އޭޝިއާ ބުރުގެ މެޗެއްގައި، ފަލަސްތީނުން ލީޑުގައި އޮއްވައި، އޮމާނަށް ދިން ޕެނަލްޓީއެއްގެ ސަބަބުން މެޗު އެއްވަރުވެ، ފަލަސްތީނަށް އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން ޖާގަ ގެއްލުމާ އެކު، އެ ޕެނަލްޓީގެ މައްސަލަ ފަލަސްތީނުން ފީފާ އަށް ހުށަހަޅައިފި އެވެ.
ފަލަސްތީނު 1-0 އިން ކުރީގައި އޮއްވައި، އިރާނުގެ ރެފްރީ، މޫދު ބޮންޔަދިފަރުދު ދިން ޕެނަލްޓީ އަކުން އޮމާނުން އެއްވަރުކޮށް، ކޮލިފައިންގެ އަނެއް ބުރުން ފުރުސަތު ހޯދިިއިރު، ފަލަސްތީނަށް ވަނީ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ދޮރު ބަންދުވެފަ އެވެ.
މިކަމާ ގުޅިގެން، ފަލަސްތީނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެޗުގެ އޮއެވަރާއި ނަތީޖާ އަށް އަސަރުކުރާ ފަދަ ނިންމުމެއް ރެފްރީގެ ފަރާތުން އައިސްފައިވަނީ ބަލަންޖެހޭ މިންވަރަށް ނުބަލައި ކަމަށެެވެ. އަދި، އެ ކަމުގެ ސަބަބުން ފަލަސްތީނަށް ވަަރަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ.
"މިއީ އަހަރެމެންގެ ގައުމީ ޓީމަށް ކުރިމަތިވި ވަރަށް ބޮޑު ނާއިންސާފެއް،" ފަލަސްތީނުގެ ބަޔާނުގައިވެ އެވެ.
މި ހުރިހާ ކަމަކަށް ބެލުމަށް ފަހު، ފަލަސްތީނުން ވަނީ އެ ޕެނަލްޓީގެ މައްސަލަ، އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭއެފްސީގެ އިތުރުން، ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމިއްޔާ، ފީފާ އަށް ހުށަހަޅައިފަ އެވެ. ފަލަސްތީނުގެ އެދުމަކީ، މި މެޗުގެ ރެފްރީގެ އެ ނިންމުންތައް، ރަނގަޅަށް މުރާޖާ ކުުރުމެވެ.
އަންނަ އަަހަރުގެ ވޯލްޑް ކަޕްްގެ ޖާގަ އަކަށް އޮމާން ދެން ކުޅެން ޖެހެނީ، ތިން ޓީމުގެ ގްރޫޕެއްގައި، އަންނަ އޮކްޓޫބަރު މަހު އެވެ. އެ ގްރޫޕްގައި އޮމާންގެ އިތުރުން، ދެން ހިމެނޭނީ އިންޑޮނޭޝިއާ، އިރާގު، ގަތަރު، ސައުދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ތެރެއިން ދެ ޓީމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ