ޝަމްއާންގެ ބަންދު އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލައި ހުކުމަކާ ހަމައަށް

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ ބައެއްގެ އަތުން ނާޖާއިޒު މަންފާ ނެގި ކަމަށް ބުނާ މައްސަލާގައި ދައުވާކޮށްފައިވާ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރިކުރުން ބާތިލުކޮށްދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ފެށީ ވެސް މިއަދު އެވެ.
ވީ ކިހިނެއް؟ - ޝަމްއާން ހައްޔަރުކުރީ އޭނާގެ ޕާސްޕޯޓު ހިފަހައްޓުމަށް ފަހު، މިދިޔަ 21 މާޗުގައި ކޯޓު އަމުރެއްގެ ދަށުންނެވެ. އޭގެ ފަހުން:
22 މާޗުގައި ބަންދު އަމުރު ޖަހަން ކޯޓަށް ހާޒިރުކުރުމުން އޭނާ 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރި 
މި ބަންދުގެ މުއްދަތު ހަަމަވާން އެއް ދުވަހަށް ވެފައި ވަނިކޮށް، ކްރިމިނަލް ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައި
މި ބަންދު އަމުރުތައް ޝަމްއާންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރިޔަސް، ހައި ކޯޓުން ވަނީ ކްރިިމިނަލް ކޯޓުގެ އެ އަމުރުތައް ދަމަހައްޓާފަ އެވެ. މިކަމާ ހިތްހަމަ ނުޖެހިގެން ސުޕްރީމް ކޯޓުގައި އެ ނިންމުންތައް ޝަމްއާންގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ ކޯޓުގެ ރަޖިސްޓްރާ ފުރަތަމަ ނިންމެވީ އެ އިސްތިއުނާފް ބަލައި ނުގަތުމަށެވެ. އެ އިސްތިއުނާފް ސުޕްރީމް ކޯޓުން ބަލައިގަންނަން ނިންމީ ރަޖިސްޓްރާގެ ނިންމުން، އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މުރާޖައާ ކުރުމަށްފަހު އެވެ.
ތަފްސީލް - މި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ފެށީ މިއަދު އެވެ. އެ މައްސަލައިގެ އަޑުއެހުންތައް މިއަދު ކުރިއަށް ގެންދިޔައީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ދަންފަޅި މިއަދު ހެނދުނު 9 ޖެހިއިރު ކުރިއަށް ގެންދިޔަ އެވެ. އަދި ދެވަނަ ދަންފަޅި މެންދުރު 1 ޖެހިއިރު ކުރިއަށް ގެންދިޔަ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދެ ފަރާތުގެ އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމާއެކު، އިސްތިއުނާފީ ނުކުތާތަކުގެ ރައްދުދިނުމާއި ސުވާލާ ޖަވާބުގެ ބައިވެސް ކުރިއަށް ގެންދިޔަ އެވެ.
އެޔަށްފަހު އަޑުއެހުން މީގެ ކުޑައިރުކޮޅެއް ކުރިން ނިންމާލަމުން ފަނޑިޔާރުންގެ ބެންޗުން އިއުލާންކުރީ އެ މައްސަލަ ދިރާސާކުރަމުންދާއިރު، ސާފުކުރަންޖެހޭ އިތުރުކަމެއް ނެތްނަމަ ދެން އޮންނާނީ އެ މައްސަލާގައި ހުކުމް ކުރުމަށް ބާއްވާ ޝަރީއަތުގެ މަޖިލީހެއް ކަމަށެވެ. އެކަމަކު އެ އަޑުއެހުން އޮންނާނެ ވަކި ތާރީހެއް މިއަދު އިއުލާނެއް ނުކުރައްވަ އެވެ. 
ކްރިމިނަލް ކޯޓުގެ ދެ އަމުރެއް ހައި ކޯޓުން ދެމެހެއްޓި ގޮތާމެދު ހިތްހަމަ ނުޖެހިގެން ޝަމްއާންގެ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފް ހުށަހަޅާފައި ވެއެވެ.
އެގޮތުން އިސްތިއުނާފް ކުރީ:
ޝަމްއާން ފުރަތަމަ ހައްޔަރުކޮށް 15 ދުވަހަށް ބަންދުކުރި އަމުރު؛
މި ބަންދު އަމުރުގެ އިސްތިއުނާފުގައި ހައި ކޯޓުން ނިންމީ، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އެއްވެސް ބައިވެރިވުމެއްނެތި ކޮރަޕްޝަނުގެ މައްސަލަތައް ފުލުހުންނަށް ބެލިދާނެ ކަމަށެވެ. އެހެންވެ، ސުޕްރީމް ކޯޓުގައި އެދުނީ ހައި ކޯޓުން ނިންމާފައިވާ މި ނިންމުން ބާތިލުކޮށްދިނުމަށެވެ. އެގޮތުން:
އޭގެފަހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރި އަމުރު
މި ބަންދު އަމުރުގެ އިސްތިއުނާފް ގައި ހައި ކޯޓުން ނިންމާފައި އޮތީ، އެ އިސްތިއުނާފުގައި ޝަމްއާންގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ނުކުތާއެއް ނޫން ކަމަށެވެ. މި ނިންމުން ވެސް ބާތިލުކޮށްދިނުމަށް އެދުނެވެ. 
ކްރިމިނަލް ކޯޓުން އޭނާ ބަންދުކުރަން ކޮށްފައިވާ އަމުރު ބާތިލުކޮށް، ވަގުތުން މިނިވަންކޮށްދިނުމަށް އަމުރުކޮށްދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފުގައި އެދިފައި ވެއެވެ.
ކޮރަޕްޝަންގެ މައްސަލަތައް ފުލުހުންނަށް އެކަނި ބެލޭނެ ކަމަށް ހައި ކޯޓުން ކަނޑައަޅާފައި އޮތްއޮތުމާ ބެހޭގޮތުން ޝަމްއާންގެ ވަކީލު ނޫރުއްސަލާމް މިއަދު ކޯޓުގައި ވިދާޅުވީ:
ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގެ ބާރު ގާނޫނޫ އަސާސީގެ 199ވަނަ މާއްދާއިން ވަރަށް ސާފުކޮށް އޭސީސީއަށް ދީފައިވަނިކޮށް އޭސީސީ ބައިވެރިނުކޮށް ފުލުހުން އެކަނި ޝަމްއާންގެ މައްސަލަ ބެލުމަކީ ޖިނާއީ އަދުލުގެ ނިޒާމާ ހިނގަމުންދާގޮތާ ފުށުއަރާ ކަމެއް
"ސަބަބަކީ އޭސީސީއާ ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުތައް ބައިވަރު. އަދި އޭގައި ލަސްވުމެއް ވެސް ނާންނާނެ. ބައެއް މައްސަލަތައް އާދަޔާ ހިލާފަށް އަވަހަށް ވެސް އެނބަ ބަލައި. އެހެންވީމާ މީގައި ލަސްވުމެއް އަންނާނެ ކަމަށް ނުވަތަ ތަހުގީގަށް ހުރަސް އެޅިދާނެ ކަމަށް ހައި ކޯޓުން މާނަކޮށް ވިދާޅުވާ ވާހަކައަކީ ކަން ހިނގަމުންދާ ގޮތާ އިދިކޮޅަށް ވިދާޅުވާ ވާހަކައެއް،"  ނޫރުއްސަލާމް ވިދާޅުވި އެވެ.
ހައި ކޯޓުގައި އެ މައްސަލަ ބެއްލެވި އަގުލަބިއްޔަތު ރައުޔުގައި ނިންމާފައި އޮތީ، މަނީލޯންޑަރިންގެ ކުށާ ގުޅިފައިވާ ކޮރަޕްޝަންގެ އަމަލު، އޭސީސީއާ ނުބައްސައި ހަމައެކަނި ފުލުހުންނަށް މުޅި ތަހުގީގު ކުރިއަށް ގެންދެވިދާނެ ކަމަށެވެ. އެކަމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނާ ފުށުއެރުމެއް ނެތް ކަަމަށެވެ. އެކަން ކުރެވޭނީ ހަމައެކަނި އޭސީސީއަށް ނުވަތަ އޭސީސީއާ ގުޅިގެން ކަމަށް މާނަކޮށްފިނަމަ މަނީލޯންޑަރިންގެ ކުށްތައް ތަހުގީގުކުރަން ފުލުހުންނަށް އޮންނަ ލިބިދީފައިވާ ގާނޫނީ ބާރަށް ހުރަސް އެޅިދާނެ ކަމަށެވެ. 
އެކަމަކު ނޫރުއްސަލާމް އުފައްދަވާ ސުވާލަކީ، ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގެ ގާނޫނީ ހައިސިއްޔަތު އޮތް ފަރާތަކުން އެ މައްސަލާގައި އަތްނުލައި މަނީލޯންޑަރިންގެ ކުށާ ހަަމަޔަށް ދާނީ ކިހިނެއްތޯ އެވެ.
ރައްދުގައި ދައުލަތުގެ ވަކީލު ހައްވާ ނާހީ ވިދާޅުވީ، އޭސީސީގެ އެއްވެސް ބައިވެރިވުމެއް ނެތި ކޮރަޕްޝަންގެ މައްސަލަތައް ފުލުހުންނަށް އެކަނި ބެލިދާނެ ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވާ ކަމަށް ޝަމްއާންގެ ފަރާތުން ވިދާޅުވާ ވިދާޅުވުމަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.
ހައި ކޯޓުން ކަނޑައަޅާފައި އޮތީ އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު މުތުލަގަށް ފުލުހުންނަށް ދެވޭ ގޮތަކަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ހައި ކޯޓުގެ ނިންމުމުގައި އޮތީ ފުލުހުން ބަލަމުންދާ މަނީލޯންޑަރިންގެ މައްސަލައާ ގުޅިގެން އެ ކުށާ ގުޅިފައިވަނީ ކޮރަޕްޝަންގެ އަމަލެއްނަމަ، އެ އަމަލު އޭސީސީއާ ނުބައްސާ ފުލުުހުންނަށް ބެލިދާނެ ކަމަށް ކަމަށް ނާހީ ވިދާޅުވި އެވެ.
އެހެންކަމުން އެ އިސްތިއުނާފަކީ ހައިކޯޓުން ނިންމާފައިވާ ނިންމުމުގެ ވަކި ތަންކޮޅަކަށް ބަލައިގެން ހުށަހަޅާފައިވާ ހުށަހެޅުމެއް ކަން ފާހަގަކޮށް، ދައުލަތުން ބުނީ އެކަމަށް ސުޕްރީމް ކޯޓުން ގޮތެއް ނިންމަންޖެހޭ ގާނޫނީ ބަހުސެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.
މި މައްސަލާގައި ދައުލަތުން އެދުނީ:
ޝަމްއާންގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަކީ، އިސްތިއުނާފު ނުކުރެވޭނެ މައްސަލަތަކެއްކަން ކަނޑައަޅަން
އެ ނޫން ގޮތަކަށް ނިންމާ ހާލަތެއްގައި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އެއްވެސް ބައިވެރިވުމެއްނެތި ކޮރަޕްޝަނުގެ މައްސަލަތައް ފުލުހުންނަށް ބެލިދާނެ ކަމަށް ހައި ކޯޓުން ނިންމާފައިވާ، ނިންމުން ދަަމަހައްޓައިދިނުމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ