އީރާނުން އިސްރާއީލުގެ ޖާސޫސީ އިދާރާގެ 2 މުވައްޒަފުން ހައްޔަރުކޮށްފި

އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑުގެ ދެ މެންބަރުން ކަމަށް ޝައްކުވާ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އީރާނުން ބުނެފިއެވެ. އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ތުހުމަތުކުރެވޭ ދެ މީހުން ހައްޔަރުކުރީ އަލްބޯޒް ޕްރޮވިންސްގައި ގޮވާތަކެއްޗާއި އިލެކްޓްރޯނިކް އާލާތްތައް ތައްޔާރުކުރަމުން ދަނިކޮށެވެ. އީރާނުގައި ހިންގާ އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަނަށް އަހުލުވެރި މަސްދަރުތަކާ ހަވާލާދީ ދަ ވޯލް ސްޓްރީޓް ޖާނަލްއިން މީގެ ކުރިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަމަލާތަކަށް ތައްޔާރުވުމުގެ ގޮތުން މޮސާޑުން ވަނީ އެތައް މަހެއް ވަންދެން އީރާނަށް ޑްރޯންއާއި ވަޒަން އެތެރެކޮށްފައެވެ. މޮސާޑްގެ ޓީމުތަކުން ވަނީ މިސައިލްތައް ލޯންޗުކުރާ ތަންތަނަށް ދަތުރުކުރާ އީރާނުގެ ޓްރަކްތަކަށް ހަމަލާދީ، ވައިގެ ދިފާއީ ނިޒާމުތަކަށް ވެސް އަމާޒުކޮށްފައި ކަމަށް އެ ނޫހުން ބުނެފައިވެއެވެ. އަދި، އިސްރާއީލުން ހުކުރު ދުވަހު ތެހެރާނަށް ފުރަތަމަ ހަމަލާ ދިން ފަހުން ވެސް މޮސާޑްގެ އޮޕަރޭޓިވުން އީރާނުގެ އެތެރޭގައި ހަރަކާތްތެރިވަމުން ދިޔަ ކަމަށް ވެސް ބުނެފައިވެއެވެ. އީރާނުން މީގެ ކުރިން ވެސް ވަނީ މޮސާޑާ ގުޅުން އޮތް ކަމަށް ތުހުމަތުވާ އެތައް ބަޔަކު ހައްޔަރުކޮށްފައެވެ. ހުކުރު ދުވަހުން ފެށިގެން އިސްރާއީލާއި އީރާނުން ހަމަލާތައް ބަދަލުކުރަމުން އަންނައިރު، އީރާނުގެ މެދުތެރޭގައި ސިޓީއެއްގައި ހުންނަ ނިއުކްލިއާ ފެސިލީޓީއަކަށް އިސްރާއީލުން ހަމަލާދީފައިވާ ކަމަށް އިސްރާއީލު ސިފައިންގެ އަރަބި ބަހުގެ ތަރުޖަމާނު އަވިޗައި އަދްރައި ވަނީ ވިދާޅުވެފައެވެ. އިސްރާއީލުން ނެރުނު ބަޔާނެއްގައި ބުނީ ޔުރޭނިއަމް އުފެއްދުމާއި ޓްރާންސްފޯމޭޝަންއާ ގުޅުން ހުރި ފެސިލިޓީއަކަށް ހަމަލާދީފައިވާނެ ކަމަށެވެ. އަދި ސަރުކާރުން އަންނަނީ ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް މަސައްކަތް ކުރަމުން ކަމަށްވެސް އެ ބަޔާނުގައި ތުހުމަތުކޮށްފައިވެއެވެ. އެކަމާ ގުޅިގެން އީރާނުން އަދި ވަކި އެއްޗެއް ހާމައެއްނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ