އިރާނުން ރައްދުގައި އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި އިރާނުން ރައްދުގައި އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި

މިއަދު ހެނދުނުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިރާނުން ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި އެވެ.
އިރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުން ބުނެފައި ވަނީ އިޒްރޭލަށް ހަމަލާ ދެމުންދަނީ އެތައް ސަތޭކަ ބެލިސްޓިކް މިސައިލް ބޭނުން ކޮށްގެން ކަމަށެވެ. އިރާނުގެ ހަމަލާތައް އަމާޒު ކުރަމުން ދަނީ އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށް ކަމަށް ރިވޮލިއުޝަނަރީ ގާޑާ ހަވާލާދީ ނޫސް އޭޖެންސީތަކުން ރިޕޯޓު ކުރެ އެވެ.
ރުއިޓާސް އާއި ބީބީސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި އިޒްރޭލުގެ ވެރިރަށް ގޮތުުގައި ބަލާ ގުދުސްއަށާއި އިޒްރޭލުގެ އެންމެ ފުރަތަމަ ވެރިކަން ކުރި ތެލް އަވީވް އަށް ވެސް އިރާނުގެ މިސައިލްތައް ދަނީ އަމާޒުވަމުންނެވެ. މިހާރު އާންމުވެފައިވާ ވީޑިއޯތަކާއި ފޮޓޯތަކުން ވެސް އެ މަންޒަރުތައް ފެނެ އެވެ.
ތެލް އަވީވްގައި ހުންނަ އިޒްރޭލުގެ ޑިފެންސް މިނިސްޓްރީ ކައިރީގައި ވެސް އަލިފާން ރޯވެފައިވާ ކަމަށް އިޒްރޭލުގެ ޗެނަލް 13 އިން ރިޕޯޓުކޮށްފައިވެ އެވެ.
އެހެންނަމަވެސް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފައި ވަނީ އިރާނުގެ ގިނަ މިސައިލްތައް އެއާ ޑޯމް މެދުވެރިކޮށް ވައްޓާލަފައިވާ ކަމަށެވެ.
އިރާނުން ހަމަލާތައް ދިނުމުގެ ކުރިން އެ ގައުމުގެ ރޫހާނީ ލީޑަރު، އާޔަތުالله ހަމަނާއި ނެރުއްވި ސްޓޭޓްމެންޓެއްގައި ވިދާޅުވީ އިރާނަށް ހަމަލާދިނުމަށްފަހު އިޒްރޭލަށް އެހައި ފަސޭހައިން ސަލާމަތް ނުވެވޭނެ ކަމަށެވެ، އަދި އިރާނަށް ދިން ހަމަލާގެ ހިތި އިޒްރޭލުން ތަޖުރިބާ ކުރަންޖެހޭނެ ކަމަށް ވެސް ހަމަނާއި ވިދާޅުވި އެވެ.
އިރާނުން މިއަދު ހެނދުނު ވެސް އިޒްރޭލަށް ހަމަލާތަކެއް ދިނެވެ. ނަމަވެސް މިއަދު ހެނދުނު ފޮނުވާލި 100 ޑްރޯންގެ ތެރެއިން ގިނަ ޑްރޯންތައް އިޒްރޭލުގެ އަޔަން ޑޯމްއިން ވަނީ ވައްޓާލައިފަ އެވެ.
އިރާނުން އިޒްރޭލަށް ރައްދު ހަމަލާ ދޭން ފަށާފައިވާއިރު، މިއަދު ހެނދުނުން ފެށިގެން އިޒްރޭލުން އިރާނަށް ދެމުންދާ ހަމަލާތަކުގައި އިރާން އަސްކަރިއްޔާގެ އިސް ގިނަ ބަޔަކު ވަނީ މަރާލައިފަ އެވެ. އޭގެތެރޭގައި އިރާން ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ކޮމާންޑާ އިން ޗީފް، ހޮސެއިން ސަލާމީ އާއި އިރާން އާމްޑް ފޯސެސްގެ ޗީފް އޮފް ސްޓާފް، މުހައްމަދު ބަޣޭރީ ހިމެނެ އެވެ.
އޭގެ އިތުުރުން އެ ގައުމުގެ ނިއުކްލިއާ ސައިންޓިސްޓުން، މުހައްމަދު މެހްދީ ތެހްރާންޗީ އަދި ފެރޭދޫން އައްބާސީ ވެސް އިޒްރޭލުގެ ހަމަލާތަކުގައި މަރުވެފައިވާކަން އިރާނުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ