ތިމާ ކުރާ ދުޢާ ޢިޖާބަކުރެއްވެވުން އަވަސްވުމަށް އެދޭ މީހާ ސަމާލުކަންދޭންވީ ކަންކަން!

ކަންކަމަށް އެދިގެން ކުރާ ދުޢާ ޢިޖާބަލުރެއްވެވުން ލަސްވާނަމަ އެދުޢާ ﷲ ތަޢާލާގެ ޙަޟްރަތުގައި ތަޅުލެވިފައި ވަނީ ކަމަށްވެދާނެއެވެ. އެތަޅު ހުޅުވޭނެ ގޮތްތައް ހޯދަން އެބަޖެހެއެވެ. އެހެންވެ މިބަލައިލަނީ އެކަމަށް ކުރެވިދާނެ ބައެއް ކަންކަމަކަށެވެ.
ޔަޤީންކުރާށެވެ! އެންމެ ޠާހިރު ހިތަކީ ހަސަދަވެރިކަމުން ޠާހިރުވެފައިވާ ހިތެވެ. ހަސަދަވެރިކަން ހިފައިގެން އުޅޭ ހިތަކީ އެންމެ ނުތާހިރު ހިތެވެ. ވީމާ ތިމާގެ ހިތަކީ އެންމެ ޠާހިރު ހިތް ކަމުގައި ހަދަން ގަދައަޅައި މަސައްކަތްކުރާށެވެ! އަބަދުވެސް ބުނާފަދައިން ޚުޝޫއަތްތެރިކަމާއިއެކު ނަމާދު ކުރެވޭނީވެސް ރުޅިއާއި ނަފުރަތާއި ހަސަދައިން ސަލާމަތްވެގެންވާ ހިތަކާއިގެންނެވެ!
އަހަރެމެން ކޮންމެ މީހަކުވެސް އެންމެ ގިނައިން މިކުރާ ކަމަކީ އަހަރެމެންގެ ފާފަތައް ފުއްސެވުން އެދިގެންނާއި ބޭނުންވާ ކަންކަން ފުއްދަވައިދެއްވެވުން އެދ ދުޢާ ކުރުމެވެ. އެއީ އެކަން ކުރަން ވެސް ޖެހޭނެ ގޮތެވެ. ކުރާ ދުޢާ ޢިޛާބަކުރެއްވެވުން ލަސްވެގެން އުޅޭއިރު ކުރިން ބުނިފަދައިން އެމީހާ ކުރި ދުޢާ ތަޅުލެވިފައިވެސް އިނދެދާނެއެވެ. ވީމާ ތަޅުހުޅުވައި ދުޢާ ޢިޖާބަކުރެއްވެވުން އަވަސްވެ މަގުފަހިވާނެ ހުރިހާ ކަންކަން ތިމާ ފުރިހަމަކުރަންވާނެއެވެ.
އެގޮތުން ތިމާގެ ފާފަ ފުއްސެވުމަށް އެދި ދުޢާކުރާއިރު އެހެން މީހުންގެ ކުށްތަކަށް މާފުކުރާ މީހަކަށްވާންއެބަޖެހެއެވެ. ތިމާގެ ހިތް ސާފުކުކުރަންޖެހެއެވެ. އެހެނީ އެހެން މީހުންގެ ކަންކަމަށް މާފުކުރުމުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެމީހަކަށް އިތުރުވެގެންދާނެއެވެ. އަހަރެމެން މިދުނިޔޭގައި ބޭނުންވެގެން މިއުޅެނީ ކޮން ކަމެއް ހެއްޔެވެ؟ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނޫން ހެއްޔެވެ؟ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިއްޖެ މީހަކަށް ހާޞިލު ނުކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ.
އަނބިން ފިރިންނަށް މާފުކުރާށެވެ! ފިރިން އަނބިންނަށް މާފުކުރާށެވެ! މައިންބަފައިންނާއި ޢާއިލާގެ އެންމެންނަށްވެސް މާފުކުރާށެވެ. އަދި ޢާންމުކޮށް އެންމެހައި މީސްތަކުންނަށް މާފުކުރާށެވެ! އެއިރުން ތިބާ ކުރާ ދުޢާ އިޖާބަ ކުރެއްވެވުން އަވަސްވުން ގާތެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ