ފުލުހުންނަށް ޕްރޮމޯޝަން ދިނުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެ ދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައި ކޯޓުގައި އެދުމުން، އެ ކޯޓުން ވެސް އަމުރެއް ނެރެ ނުދިނެވެ.
އޭސީސީން ހައި ކޯޓުގައި އެދުނީ ވަގުތީ އަމުރެއް ނެރެ ދެވެން ނެތް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ބާތިލުކޮށް، ޕްރޮމޯޝަން ހުއްޓުވަން ވަގުތީ އަމުރެއް ނެރެ ދިނުމަށެވެ.
ހައި ކޯޓުން ބުނީ އޭސީސީއިން ބޭނުންވާ ވަގުތީ އަމުރަކީ މައްސަލައިގައި މައުލޫއީ ގޮތުން ކޯޓުން ނިންމަންޖެހޭ ނިންމުމެއް ކަމަށެވެ. އެހެންކަމުން، ވަގުތީ އަމުރު ނުނެރެން ނިންމައި ދަށު ކޯޓުން ނެރުނު އަމުރު ހައި ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ.
"އޭސީސީން އެދިފައިވާ ފަދައިން އިސްތިއުނާފީ މަރުހަލާއިން، ވަގުތީ އަމުރެއް ނެރެ ދިނުމަށް ބެލިއިރު، ވަގުތީ އަމުރު ނުނެރެފިނަމަ އަމުރަށް އެދޭ ފަރާތަށް ލިބޭނެ ގެއްލުމުގެ ތަފްސީލުގައި ބަޔާން ކޮށްފައިވާ ކަންކަމަކީ އަސްލު މައްސަލައިގެ މައުލޫގައި ގޮތް ކަނޑައެޅުމުގައި ރިއާޔަތް ކުރަން ޖެހޭ ކަންތައްތަކެއް ކަމުން، އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވާފަދަ ވަގުތީ އަމުރެއް ނެރެދޭންޖެހޭ ސަބަބެއް މިހިނދަށް ނެތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައި ކޯޓުގައި މި ގަޒިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކޮށްފިން،" ހުކުމުގައި ބުންޏެވެ.
މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ފައިސަލް، ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އަދި ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މުހައްމަދު ސަލީމެވެ.
އޭސީސީއަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސަން އެ ކޮމިޝަނުން ފުލުހުންނަށް އެންގި އެވެ. ނަމަވެސް, ކޮމިޝަނުގެ އެންގުމަށް ބެލުމެއް ނެތި، ބައެއް ފުލުހުންނަށް ޕްރޮމޯޝަން ދިނެވެ.
މި މައްސަލައާ ގުޅިގެން އޭސީސީން އެދުނު ގޮތަށް އަމަލުކޮށްފައި ނުވާތީ ފުލުހުންނާ ދެކޮޅަށް ވަގުތީ އަމުރެއް ނެރުމަށް ކޯޓަށް ދިޔުމަށް އޭސީސީން ނިންމީ ނޮވެމްބަރު 23, 2023، ގައި ބޭއްވި އެ ކޮމިޝަނުގެ މަޝްވަރާ ބައްދަލުވުމެއްގަ އެވެ.
ފުލުހުން އަމަލުކުރާނެ ގޮތުގެ ލަފަޔަކަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އަރިހުން އެދުމުން ނޮވެމްބަރު 13, ގައި ހުސައިން ޝަމީމް ވަނީ އޭސީސީން ގާނޫނީ އަސާސެއް އެ އެންގުމުގައި ބަޔާންކޮށްފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި, އެ ކަމަށް ރިއާޔަތްކޮށް އެ އެންގުމަށް ތަބާވުން ލާޒިމު ނޫން ކަމަށް ޕީޖީ ލަފާ އެރުއްވި އެވެ.
އިންތިހާބާ ދިމާކޮށް ފުލުހުންނަށް ޕްރޮމޯޝަން ދިނުމަށް ނިންމައި އެކަން ހުއްޓުވައިދޭން އޭސީސީން އެދުނު ނަމަވެސް 2023 ވަނަ އަހަރު ފުލުހުންނަށް ޕްރޮމޯޝަން ދިނުމަށް އެކި ފަހަރު މަތިން ފިނޭންސްގެ ހުއްދައަށް އެދިފައިވާކަން އެނގެ އެވެ. އެކަމާ ގުޅޭ ގޮތުން ހުރި ހުރިޔާ ލިޔެކިޔުމެއް ވެސް އޭސީސީއަށް ދީފައިވެ އެވެ.
ފިނޭންސްގެ ހުއްދަ އާއެކު އެކި ފަހަރު މަތިން 920 ފުލުހުންގެ ގްރޭޑް މަތިކޮށް 539 ފުލުހެއްގެ ރޭންކް މަތިކޮށް އެ ހިދުމަތުގައި މަސައްކަތްކުރާ 168 އާންމު މުވައްޒަފެއްގެ މަގާމު މިއަހަރުގެ ތެރޭގައި މަތިކޮށްފައިވާކަން ލިޔެކިޔުންތަކުން ސާފުވެ އެވެ.
ކުރިއެރުން ހޯދުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް އެދުނު ފުލުހުންނާއި އާންމު މުވައްޒަފުންނަށް ވެސް ކުރިއެރުން ދިނުމަށް ފިނޭންސްގެ ހުއްދަ ލިބުމާ އެކު ނޮވެމްބަރު 14, ގައި 220 ފުލުހުންނަށް ރޭންކުގެ ކުރިއެރުން ދީފައިވެ އެވެ.
ފުލުހުންގެ ޕްރޮމޯޝަން ހުއްޓުވުމުގެ އަމުރެއް ހައި ކޯޓުން ނުދިން ފުލުހުންގެ ޕްރޮމޯޝަން ހުއްޓުވުމުގެ އަމުރެއް ހައި ކޯޓުން ނުދިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ