އުތީމުގައި ޖެހިޖެހިގެން 2 އަހަރު، ގައުމީ ފެންވަރުގައި ގައުމީ ދުވަސް ފާހަގަކުރަނީ
ހއ. އުތީމުގައި މި އަހަރާއި އަންނަ އަހަރު ވެސް ގައުމީ ފެންވަރުގައި ގައުމީ ދުވަސް ފާހަގަ ކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ އުތުރުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އުތީމަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވަމުންނެވެ. މީގެ ކުރިން ގައުމީ ދުވަސްތައް ފާހަގަކުރާ ގޮތަކީ، ވެރިކަމުގެ ދައުރުގެ ތެރެއިން ކޮންމެ ވެސް އެއް އަހަރެއްގައި އުތީމުގައި އެ ދުވަސް ފާހަގަ ކުރުމެވެ. ރައީސް ވިދާޅުވީ އެ މަނިކުފާނު ވިސްނުމަކީ، މީގެ ކުރިން ގައުމީ ދުވަސް ފާހަގަކުރާ ގޮތަށް އާދައިގެ ގޮތަކަށް އެ ކަން ކުރުމުގެ ބަދަލުގައި ގައުމީ ފެންވަރުގައި މަޝްރޫއެއްގެ ގޮތުގައި އެ ދުވަސް ފާހަގަ ކުރުން ކަމަށެވެ. "...އެ ގޮތުން ކުރެވޭ ކަންކަމުގައި، މިހާތަނަށް ސަރުކާރުން ނުދޭ ސަމާލުކަމެއް ދީގެން، އެއީ ބަޖެޓުގެ ގޮތުން ކަމަށް ވިޔަސް، ޖެހިޖެހިގެން ދެ އަހަރު، މި އަހަރާއި މި އަންނަ އަހަރު ގައުމީ ފެންވަރެއްގައި ގައުމީ ދުވަސް މި ރަށުގައި ފާހަގަ ކުރުން،" ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނުގެ ސިޔާސަތަކީ ގައުމިއްޔަތު އާލާކޮށް، އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމެވެ. އެ ކަން ހާސިލް ކުރުމަށް ޓަކައި އުތީމަކީ ވަރަށް ޚާއްސަ ރަށެއްކަމަށާއި ނަމަވެސް މިދިޔަ ސަރުކާރުތަކުން އެގޮތަށް ދެކިފައި ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ މި ސަރުކާރުގެ ތަރައްގީގެ ދުވެލީގައި ވަރަށް މުހިންމު ދައުރެއް ހަމަ ޔަގީނުން ވެސް ވަރަށް ފުރިހަމަ ގޮތެއްގައި އަދާކުރާނެ ރަށެއްކަން އަޅުގަނޑު ވަރަށް ސާފުކޮށް ތި ބޭފުޅުން ގާތު ދަންނަވަން," ރައީސް ވިދާޅުވިއެވެ. އުތީމަކީ ގައުމީ ބަތަލް، މުހައްމަދު ތަކުރުފާނު ނިސްބަތްވެ ވަޑައިގަންނަވާ ރަށެވެ. އެ ތަކުރުފާނުންގެ ގެކޮޅު، އުތީމު ގަނޑުވަރަކީ މުހިންމު ގައުމީ ތަރިކައެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ގަނޑުވަރަށް ދޭންޖެހޭ ފުރިހަމަ ސަމާލުކަމާއެކު މިހާތަނަށް އެ ތަން ބެލެހެއްޓިފައިނުވާ ކަމަށެވެ. އެ ކަން ބަދަލު ކުރައްވައި، ދޭން ޖެހޭ އެންމެ އިސްކަން ދީގެން، އުތީމު ގަނޑުވަރު ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައިވަނީ ފިކުރީ ތަރައްގީއަކީ ހިތްތަކުގައި ގައުމިއްޔަތުގެ ޖޯޝު ވެސް ކުރިއެރުވިގެން ދިއުން ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އުތީމުގައި ވެސް ކުރުމަށް ނިންމާފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އިސްކަން ދީގެން ކުރިޔަށް ގެންދަވާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ