މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހުން، ފަސްޓް ލޭޑީ ސާޖިދާ ކުށްވެރިކުރައްވައިފި
އިދިކޮޅު އެމްޑީޕީން މިހާރު ހިންގާ އިހުތިޖާޖުތަކުގައި އިސްކޮށް މަސައްކަތްކުރާ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް ރޭ ކަޅުތެޔޮ ޖެހުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ކުށްވެރިކުރައްވައިފިއެވެ. މި ހާދިސާ ހިނގައިފައިވަނީ އެމްޑީޕީގެ މުޒާހަރާއެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދުގެ 16 އަހަރުގެ ދަރިކަލުންނާ ގުޅޭ ގޮތުން މަރިޔަމް ޒުބައިރު ދެއްކި ވާހަކައެއް ހޫނުވެފައި ވަނިކޮށެވެ. އެއާއެކު މަންދީގެ ގަޔަށް ކަޅުތެޔޮ ޖަހައިފައިވަނީ، ރޭ އޭނާ ސައިކަލު ދުއްވައިފައި ދިޔަ ވަގުތު އޭނާއާ ފާރަލީ ބަޔަކެެވެ. އެ ހާދިސާ ހިނގުމާއެކު ފުލުހުން ވެސް ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ. https://x.com/sajidhaamohamed/status/1901505944019734987 އެކަމާ ގުޅިގެން މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ، ރޭ މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހުން އެކަމަނާ އެންމެ ހަރުކަށު އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި އެއްވެސް މީހަކަށް އެފަދައިން ހަމަލާދީ، އުނދަގޫކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. އަދި މިވަގުތުގައި ކަންކަން ހަލަބޮލި ނުކުރައްވައި، އިންސާފު ގާއިމުކުރުމަށް ޖާގަދެއްވުމަށް އެކަމަނާ ވަނީ އިލްތިމާސްކުރައްވާފައެވެ. މި މައްސަލައަކީ މިދިޔަ އަހަރު ރާއްޖޭގައި ވޭޕް މަނާކުރީ ރައީސްގެ ދަރިކަލުން ވޭޕް ކުރައްވާތީ ކަމަށް ތުހުމަތު ކުރައްވައި މަންދީ މުޒާހަރާގައި ދެއްކި ވާހަކައަކާ ގުޅިގެން ފެންމަތިވި މައްސަލައެކެވެ. https://sun.mv/203776 އެއާއެކު ރައީސްގެ އާއިލާގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އެ ކަމަށް ވަނީ ރައްދުދީފައެވެ. އެގޮތުން އެ އާއިލާ ތަމްސީލުކުރައްވާ ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރު ވަނީ، ސާޖިދާގެ ފަރާތުން ބަޔާނެއް އިއްވަވައިފައެވެ. އެ ބަޔާނުގައި އެމްޑީޕީއާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް މި ހަފުތާ ތެރޭ މަދަނީ ދައުވާކުރަން ނިންމަވާފައިވާ ކަމަށެވެ. މި މައްސަލަ އޮއްވައި، އިހުތިޖާޖުތަކާ ގުޅިގެން މަންދީ ވަނީ ފުލުހަށް ވެސް ހާޒިރުކޮށްފައެވެ. އަދި މާދަމާ ވެސް އޭނާއަށް ވަނީ ޕޮލިހަށް ހާޒިރުވާން އަންގައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ