ޢަލީ އިޙްޞާން ފިރާޤް
މުހިންމު މަޤާމުތަކަށް އައްޔަނު ކުރެއްވި މީހުން:
އަމީރު މުޢާވިޔަތުގެފާނުވަނީ މިޞްރުގެ ގަވަރުނަރުކަން عمرو بن العاص رضى اللّـه عنــه އަށް ދެއްވާފައެވެ. މުޅި އިސްލާމީ ދުނިޔޭގެ ޚަލީފާއަކަށް ވެވަޑައިގަތުމާއެކު މުޢާވިޔަތުގެފާނު، سعيد بن العاص އާއި مروان بن الحكم އަށް މައްކާއާއި މަދީނާގެ ގަވަރުނަރުކަން ދެއްވިއެވެ. مروان ހުރީ މަދީނާގެ ގަވަރުނަރުކަމުގައެވެ. سعيد ހުރީ މައްކާގެ ގަވަރުނަރުކަމުގައެވެ. سعيد بن العاص އާއި مروان بن الحكم އާ ދެމީހުންނަކީވެސް އަމީރު މުޢާވިޔަތުގެފާނުގެ ގާތްތިމާގެ މީހުންނެވެ.
އިސްލާމީ ދުނިޔޭގެ މައި ދެ ތަނބުކަމުގައި ހިމެނޭ މި މުހިއްމު ދެ ސިޓީ ނުވަތަ ރަށުގައި، އިދިކޮޅު އެއްވެސް ހަރަކާތެއް ހިނގިޔަ ނުދެއްވުމަށް އެބޭކަލުންނަށް އަމީރު މުޢާވިޔާވަނީ އަންގަވައިފައެވެ. އަމީރު މުޢާވިޔަތުގެފާނަށް ޙައްޖަށް ވަޑައިނުގެންނެވޭ ކޮންމެ ފަހަރަކު އޭގެ ތެރެއިން ކޮންމެވެސް އެއްބޭކަލަކު، އަމީރުލް ޙައްޖުކަމުގެ މަޤާމަށް އައްޔަން ކުރައްވައެވެ. މައްކާއާއި މަދީނާގެ މަރުކަޒީ ފައިދާ ނަގައިގެން، އެދެބޭކަލުންގެ ތެރެއިން ބޭކަލަކު ބާރާއި ނުފޫޒު ހޯއްދަވަފާނެކަމަށްޓަކައި، ކޮންމެ އަހަރަކުވެސް އެދެބޭކަލުންގެ މަޤާމު ބަދަލުކުރައްވައެވެ.
ކޫފާގެ މީހުންގެ ފަރާތުން މުޢާވިޔަތުގެފާނަށް ބައިޢަތު ހިއްޕެވުމަށްފަހު އެކަލޭގެފާނު ކޫފާގެ ގަވަރުނަރަކަށް އައްޔަންކުރެއްވީ المغيرة بن شعبة رضى اللّـه عنــه އެވެ. މުޢާވިޔަތުގެފާނު، އޭނާއަށް އަންގަވައިފައިވަނީ ކޮންމެ ގޮތެއް ހައްދަވައިގެންވެސް ޚަވާރިޖުންގެ ފިތުނަތައް ނައްތަވައިލެއްވުމަށެވެ. ދެން ބާކީ ހުރި ސިޓީތަކާއި ޕްރޮވިންސްތަކުގެ ގަވަރުނަރުންނަށް ސިޓީ ފޮނުއްވައިގެން މުޢާވިޔަތުގެފާނަށް ބައިޢަތު ހިފުމަށް އެންގެވިއެވެ.
علي بن أبي طالب رضى اللّـه عنــه ގެ ޚިލާފަތުގައި ފާރިސްކަރައިގެ ގަވަރުނަރަކަށް ހަމަޖައްސަވައިފައި ހުންނެވީ زياد بن أبي سفيان އެވެ. އެކަލޭގެފާނަކީ ޢަލީގެފާނަށް ތާއިދުކުރާ ޖަމާޢަތުގެ މީހެކެވެ. ޒިޔާދަކީ މުޅި ޢަރަބިކަރައިގައި އޭނާގެ ބުއްދިވެރިކަމުގެ ގޮތުން މަޝްހޫރުވެފައިވާ ބޭފުޅެކެވެ. އެކަލޭގެފާނު ފާރިސީންގެ މައްޗަށް ވެރިކަން ކުރައްވަމުން ގެންދެވީ ވަރަށް ކާމިޔާބުކަމާއެކުގައެވެ. ނުހަނު ފާޑުވެރި ގޮތެއްގައެވެ. އޭނާ، އަމީރު މުޢާވިޔަތުގެފާނަށް ޚިޔާނާތްތެރިވެދާނެކަމަށް އެކަލޭގެފާނު ހީފުޅު ކުރެއްވިއެވެ. އެކަލޭގެފާނުގެ ޚިލާފަތާ ދެކޮޅަށް ބަޣާވަތްކޮށްފާނެ ކަމަށް ހީފުޅުކުރިއެވެ. އެހެންކަމުން ޒިޔާދުގެ ކޮންޓްރޯލު ނެންގެވުމަށް މުޢާވިޔަތުގެފާނު ވަރުގަދަ ތަދުބީރެއް ރާވައިލިއެވެ.
އަމީރު މުޢާވިޔާތު 14: ގަވަރުނަރުންގެ ގޮތުގައި އައްޔަނު ކުރެއްވި ބައެއް ފަރާތްތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ