ސިންގަޕޫރުގެ އާ ބޮޑުވަޒީރު ލޯރެންސް ވޮންގް މިދިޔަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ބާއްވާ ފުރަތަމަ އާންމު އިންތިހާބު އަންނަ މަހު 3 ވަނަ ދުވަހު ބޭއްވުމަށް ސިންގަޕޫރުން އިއުލާންކޮށްފި އެވެ. މިއީ އާ ބޮޑުވަޒީރުގެ ފުރަތަމަ ޓެސްޓެވެ.
އިލެކްޝަންސް ޑިޕާޓްމަންޓުން ވޯޓް ނަގާނެ ތާރީހެއް އިއްޔެ އިއުލާން ކުރީ، ވޮންގްގެ ލަފާގެ މަތިން ރައީސް ތަރްމަން ޝަންމުގަރަތުނަމް ރައްޔިތުންގެ މަޖިލީސް އުވާލެއްވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގަ އެވެ.
މިފަހަރުގެ އިންތިހާބު މި ބާއްވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން އެކްސްޕޯޓަށް ބަރޯސާވެފައިވާ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ނާޒުކު ދަނޑިވަޅެއްގަ އެވެ.
ވޮންގް ވިދާޅުވީ ގައުމަށް ކުރިމަތިވެފައިވާ ނާޒުކު ދަނޑިވަޅެއްގައި އިންތިހާބަށް ގޮވާލެއްވީ އެ މީހުންގެ ލީޑަރުންގެ ޓީމެއް ކަނޑައެޅުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. ވޮންގް މިދިޔަ މެއި މަހު ސިންގަޕޫރުގެ ބޮޑުވަޒީރުކަމަށް ޕާޓީން އިންތިހާބު ކުރީ، ކުރީގެ ބޮޑުވަޒީރު ލީ ސިއެން ލޫންގްގެ އިސްތިއުފާ ދެއްވުމުންނެވެ.
"ދުނިޔެއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަތަން ފެންނަމުން މިދަނީ. އެކަން މިދަނީ އިތުރަށް ޔަގީންވެ، ނުތަނަވަސްވެ، ހަމަނުޖެހުންބޮޑުވަމުން،" ވޮންގް އޭނާގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.
ކުރީގެ އަހަރުތަކުގައި ސިންގަޕޫރަށް ކާމިޔާބު ލިބުމަށް މަގުފަހިވި ދުނިޔޭގެ ހާލަތު މިހާރު ވަނީ ބަދަލުވެފައި ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ. އަދި އެ ޕޮލިސީގައި ސިންގަޕޫރަކަށް ދެން ކުރިއެރުމެއް ނުހޯދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ އިންތިހާބުން ވޮންގްގެ ޕީޕަލްސް އެކްޝަން ޕާޓީ (ޕީއޭޕީ) އަށް 97 ގޮނޑި ލިބޭނެ ކަމަށް ބެލެވެ އެވެ. އަދި އެއާ އެކު ވެރިކަން ދަމަހައްޓާނެ ކަން ޔަގީންވެ އެވެ.
ސިންގަޕޫރުގެ ބާނީ ލީ ކުއާން ޔޫ އުފެއްދި ޕީއޭޕީ އަކީ އެ ގައުމު މިނިވަން ވީއްސުރެ ވެރިކަން ކުރަމުން އަންނަ ޕާޓީ އެވެ.
ޕީއޭޕީއަށް މިހާތަނަށް އެއްވެސް ފަހަރަކު %60 އަށް ވުރެ މަދުން ވޯޓު ލިބިފައެއް ނުވެ އެވެ. ފާޑުކިޔާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ސަރުކާރުން އެ ނަތީޖާ ހާސިލު ކުރަނީ އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލައި، ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް ހަރުކަށި ކޮންޓްރޯލްތަކެއް ގެނެސްގެންނެވެ.
މީގެ ހަތަރު އަހަރު ކުރިން 2020 ވަނަ އަހަރު ބޭއްވި އިންތިހާބުގައި އިދިކޮޅު މައި ޕާޓީ، ވޯކާސް ޕާޓީއަށް ވަނީ، ވާދަ ކުރި 93 ގޮނޑީގެ ތެެރެއިން 10 ގޮނޑި ލިބިފަ އެވެ. އެއީ އެ ޕާޓީއަށް މިހާތަނަށް އެންމެ ގިނަ އަދަދަކަށް ގޮނޑި ލިބުނު ފަހަރެވެ.
ހިޔާލު ހޯދުންތަކުން ދައްކާ ގޮތުގައި މި ފަހަރުގެ އިންތިހާބު ކުރީ ފަހަރުތަކަށް ވުރެ ވާދަވެރިވާނެ އެވެ.
ހިޔާލު ހޯދުންތަކުން ދައްކާ ގޮތުގައި އަދި ވެސް %63 މީހުން ތާއީދު ކުރަނީ ސަރުކާރު ހިންގާ ޕާޓީ އަށެވެ. އިދިކޮޅަށް ތާއީދު ކުރަނީ %15 މީހުންނެވެ.
ސިންގަޕޫރުގެ އާންމު އިންތިހާބު އަންނަ މަހު 3ގައި ބާއްވަނީ؛ މިއީ އާ ބޮޑުވަޒީރުގެ ފުރަތަމަ އިމްތިހާނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ