ޖިންސީ ގޯނާގެ މައްސަލައިގައި ފަޒީން ވަކި ކުރަން ކޮމެޓީން ފާސްކޮށްފި
ޖިންސީ ގޯނާގެ މައްސަލައިގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސް, މުޙައްމަދު ފަޒީން އެ ކޮމިޝަންގެ މެންބަރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. "ސަން" އަށް އެނގިފައިވާ ގޮތުގައި ފަޒީންގެ މައްޗަށް ތުހުމަތު ކުރަނީ އެތަނުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރި ކަމަށެވެ. އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއްސަސާތަކުގެ ކޮމިޓީން ނިންމީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ. އެއަށްފަހު އެ މައްސަލަ މަޖިލިސް ތަޅުމުގައި މިއަދު ވަނީ އިއުލާނުކޮށް، އިތުރަށް ދިރާސާކުރުމަށް އަނބުރާ ކޮމިޓީއަށް ފޮނުވައިފައެވެ. މިއަދުގެ ޖަލްސާ ނިމުމާއެކު ކޮމިޓީ ބައްދަލުވުން ވަނީ ބާއްވައިފައެވެ. އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ފިޔަވައި، ދެން ތިބި ސަރުކާރު މެންބަރުންގެ ވޯޓާއެކު ފާސްކުރީ ފަޒީން މަގާމުން ވަކިކުރާ ގޮތަށެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމެއް -- ފޮޓޯ/ މަޖިލިސް ކޮމިޓީ ރިޕޯޓުން އެނގޭ ގޮތުގައި އެ މައްސަލައިގައި ޖިންސީ ފުރައްސާރަ ލިބުނު އަންހެން މުވައްޒަފާއި ކޮމިޝަންގެ އިތުރު މުވައްޒަފުން ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. އެގޮތުން އަންހެން މުވައްޒަފު ކޮމިޓީއަށް ހާޒިރުކުރުމުން، އޭނާގެ ގައިގައި ނުރުހުމުގައި އަތްލާފައިވާ ކަމަށާއި އަދި ބޭއަދަބީ ބަހުރުވައިން ފަޒީން އޭނާއާ ވާހަކަދައްކާފައިވާ ކަމަށް ކޮމިޓީގައި އޭނާ ވަނީ ބުނެފައެވެ. އަދި ކޮމިޝަންގެ އެހެން އަންހެން މުވައްޒަފަކާ ވެސް ބޭއަދަބީ ބަހުރުވައިން ފަޒީން ވާހަކަދައްކާ ކަމަށް ކޮމިޓީގައި އޭނާ ވަނީ ބުނެފައެވެ. އެ މައްސަލަ ކޮމިޝަންގެ ޖިންސީ ފުރައްސާރައާއި ބެހޭ ކޮމިޓީއަށް ހުށަހެޅި ކަމަށް ހާޒިރުވި މުވައްޒަފުން ވަނީ ބުނެފައެވެ. އެހެންކަމުން އަންހެން މުވައްޒަފުންނާ ބޭއަދަބީ ބަހުން ވާހަކަދެއްކުމާއި، އަދި މުވައްޒަފުގެ ގައިގައި އަތްލުމަކީ މުޖުތަމައު ގަބޫލުކުރާ އަޚުލާގީ މިންގަނޑާ ޚިލާފު އަމަލެއް ކަމަށް ކޮމިޓީން ދެކޭ ކަމަށް ކޮމިޓީ ރިޕޯޓުގައި ވަނީ ބުނެފައެވެ. އަދި އެކަމަކީ ކޮމިޝަންގެ މެންބަރުކަމުގެ ސުލޫކީ ހަމަތަކާ ޚިލާފު ކަމެއް ކަމަށް ވެސް ކޮމިޓީން ވަނީ ނިންމައިފައެވެ. މިކަމާ ގުޅިގެން "ސަން" އަށް މައުލޫމާތު ދެއްވަމުން މީގެ ކުރިން ފަޒީން ވިދާޅުވީ، އޭނާގެ މައްސަލައެއް މަޖިލީހުން ބަލަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކާކަށް ފަޒީން ބޭނުމެއް ނުވިއެވެ. ކުރިން ރާއްޖެ ޓީވީގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި, ފަޒީން, ބްރޯޑްކޮމްގެ ނައިބު ރައީސްގެ މަގާމަށް އައްޔަނުކުރީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ