ފައިސާ ޗާޕުކޮށްފިނަމަ އިގުތިސާދީ ހަމަޖެހުން ގެއްލި، ހީނަރުވެދާނެ: އަންޑޭ
ސަރުކާރުން ފައިސާ ޗާޕުކުރާނަމަ އިގުތިސާދީ ހަމަޖެހުން ގެއްލިދާ ފަދަ ހާލަތަކަށް ގޮސް، އިގުތިސާދު ހީނަރުވެދާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަހްމަދު މުޙައްމަދު (އަންޑޭ) ވިދާޅުވެއްޖެއެވެ. މަރުކަޒީ ބޭންކު، އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ވިއްކައިގެން ދިވެހި ސަރުކާރަށް 15 ބިލިއަން ރުފިޔާ ހޯދަން މަސައްކަތް ކުރަމުން އަންނަކަން 'ސަން'އަށް ވަނީ ކަށަވަރުވެފައެވެ. އެނގިފައިވާ ގޮތުގައި ސަރުކާރުން މަސައްކަތްކުރަނީ އެމްއެމްއޭއަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށުގައި އޮތް ހުޅުމާލޭގެ ބޮޑު ބިމެއް، 15 ބިލަނާއި 14 ބިލިއަނެއްހާ ރުފިޔާއަށް ވިއްކާށެވެ. އެ މަޝްވަރާތައް ސަރުކާރުން މިހާރު ކުރަމުން އަންނައިރު، އާދިއްތަ ދުވަހު ހަވީރު މުލިއާގޭގައި މަޖިލީހުގެ ޕީއެންސީ މެންބަރުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ކަން ކުރަން އުޅުއްވާ ކަމަށް ވިދާޅުވެފައެވެ. ރައީސް ވެރިކަމަށް ވަޑައިގަތީ ކުރީ ސަރުކާރުގައި ފައިސާ ޗާޕު ކުރުމުން ގައުމަށް ލިބުނު ގެއްލުމުން އަރައިނުގަނެވޭ ކަމަށް ވިދާޅުވެ، މި ސަރުކާރުން ފައިސާ ޗާޕުނުކޮށް އިގުތިސާދު ހިންގާނެ ކަމުގެ ވައުދާ އެކުގައެވެ. ނަމަވެސް، އިގުތިސާދީ ގޮތުން ބަލާއިރު މަރުކަޒީ ބޭންކްގައި ސާކިއުލޭޝަނަށް ނުނެރެ ހުންނަ ފައިސާ އެގޮތަށް އިންޖެކްޓްކުރުމަކީ ހަމަ ފައިސާ ޗާޕުކުރުމެވެ. އެކަމާ ގުޅިގެން ސަރުކާރުން އަދި ރަސްމީ ގޮތެއްގައި އެ ވާހަކައެއް ނުދައްކައެވެ. https://x.com/ahmedMDV/status/1898852201981935922 އެކަމުގެ ކަންބޮޑުވުން ހިއްސާކުރައްވައި، 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި އަންޑޭ ވިދާޅުވީ، އެއީ ތެދު ވާހަކައެއްނަމަ، އިގުތިސާދު ނުރައްކަލުގެ ތެރެއަށް ވެއްޓުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. މަރުކަޒީ ބޭންކުން އެޗްޑީސީން ބިން ގަނެގެން ސަރުކާރުގެ ބޮންޑުތަކުގައި އިންވެސްޓްކުރުމަށް ފުރުސަތު ފަހިކޮށް ދިނުމަކީ، ފައިސާގެ ސަޕްލައި އިތުރުވެ، ބޭރު ފައިސާއަށް އޮންނަ ޑިމާންޑު މައްޗަށް ދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، ބެލެންސް އޮފް ޕޭމަންޓަށް އޭގެ ނޭދެވޭ ބުރަ ކުރިމަތި ކުރުވާނެ ކަމެެއް ކަމަށާއި، އެކަމުގެ ސަބަބުން އިގުތިސާދުގެ ހަމަޖެހުން ގެއްލިދާފަދަ ހާލަތަކަށް ހިނގައިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަންޑޭ ވިދާޅުވީ، އެއީ ނުސީދާ ގޮތުން ފައިނޭންސިން ފަހިކޮށްދިނުން ކަމަށެވެ. މަރުކަޒީ ބޭންކުން މިސާލަކަށް އެޗްޑީސީން ބިން ގަނެގެން، ބޭންކިން ނިޒާމަށް ފައިސާ އިންޖެކްޓް ކުރާނަމަ، އޭގެ ސަބަބުން ފައިސާގެ ސަޕްލައި އިތުރުވެގެންދާނެ. މިއީ ނުސީދާ ގޮތުން ފައިނޭންސިން ފަހިކޮށްދިނުމުގެ އަމަލެއް. އަދި ފައިސާ ޗާޕުކުރުމެކޭ އެއްފަދަ އަމަލެއް. އެއީ އުފެއްދުންތެރިކަން އިތުރުވުމަކާ ނުލައި އިގުތިސާދަށް އާ ފައިސާ ވަންނާތީ، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަހްމަދު މުޙައްމަދު (އަންޑޭ) ހަމައެއާއެކު އިގުތިސާދުގެ އުފެއްދުންތެރިކަމުގެ ގާބިލުކަމަށްވުރެ ފައިސާގެ ސަޕްލައި އިތުރުވުމުގެ ސަބަބުން އިންފްލޭޝަން މަތިވެދާނެ ކަމަށް އަންޑޭ ވިދާޅުވިއެވެ. އޭރުން ބޭންކުތަކުން އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ޓްރެޜަރީ ބިލްތަކާއި ބޮންޑުތައް ގަތުމުގެ ސަބަބުން، މާލީ ނިޒާމުގެ ތެރޭގައި ލިކުއިޑިޓީ އިތުރުވެ، އަގުތައް މައްޗަށް ދިއުމަށް މަގުފަހިވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު -- ފޮޓޯ/ އެމްއެމްއޭ އަދި ފައިސާގެ ސަޕްލައި އިތުރުވެ، އިންފްލޭޝަންގެ ޕްރެޝަރު އިތުރުވުމާ ގުޅިގެން، ރުފިޔާއަށް އޮންނަ އިތުބާރު ކުޑަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެއާއެކު ބޭރު ފައިސާގެ ރޭޓު ނުވަތަ ޑޮލަރު ލިބޭ ރޭޓު، މިހާރަށްވުރެ ވެސް ބޮޑަށް މައްޗަށް އުފުލުމުގެ ފުރުސަތު ބޮޑުވާނެކަން އޭނާ ފާހަގަކުރެއްވިއެވެ. މިހާރު ވެސް ކަޅު ބާޒާރުގައި ޑޮލަރެއް ލިބެން ހުރީ 18 ރުފިޔާއިން މަތީގައެވެ. އަންޑޭ ވިދާޅުވީ، ޑޮލަރަށް އޮންނަ ޑިމާންޑު އިތުރުވުމުގެ ސަބަބުން ރުފިޔާގެ އަގު ދަށްވެ، އިމްޕޯޓުކުރުމުގެ އަގުބޮޑުވެ، ކަރަންޓް އެކައުންޓް ޑެފިސިޓް އިތުރުވެދާނެ ކަމަށެވެ. މީގެ އިތުރުން، ރުފިޔާގެ އަގު ދަށްވެ، ވަކިން ޚާއްސަކޮށް ބޭރުގެ ދަރަނި އަދާކުރުމުގެ ޚަރަދުތައް އިތުރުވާނަމަ ބެލެންސް އޮފް ޕޭމަންޓްސްއަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ހުރިހާ ކަމެއްގެ ނަތީޖާއަކީ އިގުތިސާދުގެ ހަމަޖެހުން ގެއްލި، އިގުތިސާދު ހީނަރުވެގެން ދިޔުން ކަމަށް އަންޑޭ ވިދާޅުވިއެވެ. ސަރުކާރުން އެމްއެމްއޭ މެދުވެރިކޮށް ފައިސާ ހޯދަން އުޅޭއިރު ރައްޔިތުންނާއި އިގުތިސާދީ މާހިރުން ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރައީސް މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް ކެމްޕޭނު ތެރޭގައި ވެސް އަދި ވެރިކަމަށް ވަޑައިގަތުމަށް ފަހު ވެސް، މި ސަރުކާރުން އެންމެ ބޮޑަށް ފާޑުކީ އެއް ކަމަކީ މިދިޔަ ސަރުކާރުގައި، ކޮވިޑުގެ ހާލަތުގައި އަށް ބިލިއަން ރުފިޔާ ޗާޕު ކުރުމެވެ. މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ މި ސަރުކާރަށް "ވާރުތަވި އިގުތިސާދު" އޮތީ ދުވަހަކު ވެސް ރާއްޖެ ދަރަނިވެރި ނުވާ ވަރަށް ދަރަނިވެރިކޮށްލާފައި ކަމަށެވެ. ކުރީގެ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އަށް ބިލިއަން ރުފިޔާ ޗާޕުކުރުމުގެ ސަބަބުން ފައިސާގެ އަގު ވެއްޓިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މިދިޔަ ސަރުކާރުން އަށް ބިލިއަނެއްހާ ރުފިޔާ ޗާޕުކުރީ ކޮވިޑް-19ގެ ސަބަބުން އާމްދަނީ ލިބުން އެއްކޮށް ހުއްޓި، އިތުރު ގޮތެއް ނެތިގެން ކަމަށް އޭރު ސަރުކާރުގައި ތިއްބެވި ފަރާތްތަކުން ބުނެއެވެ. ރައީސް ތަކުރާރުކޮށް ވިދާޅުވެފައިވަނީ އެ ވެރިކަމާ ޚިލާފަށް މި ސަރުކާރުން އިގުތިސާދު ރަނގަޅުކުރަމުން އައީ ފައިސާ ޗާޕުނުކޮށް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް ފައިސާ ޗާޕުނުކުރައްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. މި މައްސަލައިގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާ ތަމުސީލު ކުރައްވާ މެންބަރު، އަހުމަދު އަޒާން ވެސް ވަނީ، ފައިސާ ޗާޕު ކުރުމާ ދެކޮޅަށް ވާހަކަ ދައްކަވައިފައެވެ. 'ސަން'އާ ވާހަކަދެއްކި ބައެއް އިގުތިސާދީ ދާއިރާގެ ބޭފުޅުން ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަނީ މި އަހަރު ރާއްޖެއިން ދައްކަން ހުރި ދަރަނިތައް ދައްކަން ބޭނުންވާ ފައިސާ ހޯދުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ