މިދިއަ ހަފުތާގައި ޕެރިހުގައި ކުޅުނު މެޗުގައި ޕީއެސްޖީ އަތުން ބޯޅަ ނުލިބިގެން އުޅުނު ނަމަވެސް ފަހު ވަގުތު ޖެހި ހަމައެކަނި ލަނޑުން ލިވަޕޫލް މޮޅުވި އެވެ. އެކަމަކު ކޯޗު އާނޭ ސްލޮޓް ބުނި ގޮތުގައި އެ މެޗަށް ފަހު އޭނާއަށް ރަނގަޅަށް ނުވެސް ނިދެ އެވެ.
މިރޭ ކުޅުނު ދެވަނަ ލެގުގައި ޕީއެސްޖީ 1-0އިން މޮޅުވުމުން ނަތީޖާ އެއްވަރުވެ އިތުރު 30 މިނިޓް ނިމުނު އިރު ވެސް އެއްވެސް ޓީމަކަށް ކުރި ނުލިބުމުން ޖެހީ ޕެނެލްޓީ އެވެ. ލިވަޕޫލަށް ވައްދާލެވުނީ ފުރަތަމަ ޒިންމާ ނެގި މުހައްމަދު ސަލާހުގެ ބޯޅަ އެކަންޏެވެ. ޕީއެސްޖީ ހަތަރު ޕެނެލްޓީ ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގުގެ ކްއާޓާ ފައިނަލަށް ދަތުރުކުރީ އެވެ.
މިއީ ސްލޮޓްގެ ފުރަތަމަ ސީޒަންގައި މިރޭގެ މި ނަތީޖާއާ ހަމައަށް އޭނާ ކުރި އުއްމީދު ފެނަށް ދިއުމެވެ. އެންމެ ބޮޑު އެއް އުއްމީދަކީ ޗެމްޕިއަންސް ލީގެވެ. އިނގިރޭސި ޕްރިމިއަ ލީގުގެ ތަށި ލިވަޕޫލް ނަގާނެކަން ވަރަށް ބޮޑަށް ޔަގީންކުރެވެ އެވެ. ދެން އޮތީ ލީގު ކަޕްގެ ފައިނަލް އެވެ.
އެއް ސީޒަނެއްގައި ތިން ތަށި އަތުޖެހޭ ހިސާބުގައި އޮވެފައި، އޭގެ ތެރެއިން އެންމެ ބޮޑު ޖަވާހިރު މިހާރު މިވަނީ އަތުން ދޫވެފަ އެވެ. އެހެންކަމުން ސްލޮޓްގެ ހާލަތު، އޭނާ ސިފަކުރި ގޮތަށް، ނުނިދެނީ ނުނިދެންވެގެންނެވެ.
ލުއިސް އެންރީކޭގެ ޕީއެސްޖީއަކީ ކޮންމެ ބަޔަކަށް ވެސް ނުރައްކަލެއް ކަމަށް ފެނެ އެވެ. ކުރިން ފުޓްބޯޅައިގެ ބޮޑެތި ތަރިން ކަމަށްވާ، ލިއޮނެލް މެސީ އާއި ކީލިއަން އެމްބާޕޭ އަދި ނޭމާ ފަދަ ކުޅުންތެރިންގެ މައްޗަށް ޓީމު ބިނާވިޔަސް އެ ފިލޯސަފީ މިހާރު ވަނީ ދޫކޮށްލައިފަ އެވެ. ތަރިންނަށް ވާން ތިބި ކުޅުންތެރިންނާ އެކު އެންރީކޭ އަންނަނީ ވަރުގަދަ ޓީމެއް ބިނާކުރަމުންނެވެ.
ލިވަޕޫލަށް އަންނަ އާދިއްތަ ދުވަހު އޮތީ ލީގު ކަޕް ފައިނަލް، ނިއުކާސަލްއާ އެކު އެވެ. ސްލޮޓަށް އޭނާގެ ޓީމު ހަމަޖައްސާލެވެން އޮންނާނީ މި މެޗުން މޮޅުވެ އޭނާގެ ކޯޗުކަމުގައި ލިވަޕޫލްގެ ފުރަތަމަ ތަށި އުފުލައިލުމެވެ.
ލިވަޕޫލްގެ ކޯޗަށް ނުނިދެނީ ނުނިދެންވެގެން، ޗެމްޕިއަންސް ލީގުގައި ނަތީޖާ މި ފެނުނީ އެހެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ