ފައިސާ ޗާޕު ކުރާތީ އެމްއެމްއޭގެ ބޯޑުން ޝުހާދު ވެސް އިސްތިއުފާ ދީފި ފައިސާ ޗާޕު ކުރާތީ އެމްއެމްއޭގެ ބޯޑުން ޝުހާދު ވެސް އިސްތިއުފާ ދީފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ ހިލާފަށް ރިކޯޑު މިންވަރަކަށް 14 ބިލިއަން ރުފިޔާއަށް ވުރެ ގިނައިން ޗާޕު ކުރަން ނިންމުމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޯޑުން ޝުހާދު އިބްރާހިމް ވެސް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ޝުހާދަކީ އެމްއެމްއޭގެ ބޯޑުގައި ހިމެނޭ އިކޮނޮމިކް މިނިސްޓްރީ ތަމްސީލު ކުރާ މެންބަރެވެ. އޭނާ މިއަދު އިސްތިއުފާ ދެއްވިއިރު، ފިނޭންސް މިނިސްޓްރީ ތަމްސީލު ކުރެއްވި އަހުމަދު ޒަޔާން މުހައްމަދު ވަނީ އިއްޔެ އިސްތިއުފާ ދެއްވައިފަ އެވެ. ޒަޔާންއަކީ ސަރުކާރުގެ އިކޮނޮމިސްޓެކެވެ.
ޝުހާދު އިސްތިއުފާ ދެއްވީ އެމްއެމްއޭގެ ބޯޑުން ފައިސާ ޗާޕު ކުރަން ފާސް ކުރަން ނިންމި ނިންމުން ރިވިއު ކުރަން ހުށަހެޅުމުން އެކަން ބަލައިނުގަތުމުން ކަމަށް އަދަދު ނޫހަށް މައުލޫމާތު ދިން މަސްދަރަކުން ބުންޏެވެ.
އެމްއެމްއޭ އިން 14 ބިލިއަނެއްހާ ރުފިޔާ ބޭނުންކުރަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިމެނޭ އާބަން އައިލް އިން 20 ހެކްޓަރުގެ ބިން ގަތުމަށެވެ.
އެ ބިން ގަތުމަށް އެމްއެމްއޭ އިން މިހާރު ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ރަސްމީ ސިޓީއެއް ފޮނުވާފަ އެވެ. މި ސިޓީއާ ގުޅިގެން އެޗްޑީސީން ވަކި ގޮތެއް ނިންމާފައިވާކަން އެ ކުންފުނިން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
މި އިންވެސްޓްމަންޓުގެ ބޭނުމަކީ ދައުލަތުގެ މާލީ ހާލަތު ގޯސްވަމުންދިޔުމާއެކު ދައުލަތުގެ ހަރަދުތައް ދެކޮޅު ޖެއްސޭނެ ގޮތެއް ހޯދުން ކަމަށްވެ އެވެ.
އެމްއެމްއޭއިން މި ވަރުގެ ބޮޑު އިންވެސްޓްމަންޓެއް ކޮށް އެ ފައިސާ އެޗްޑީސީން ރާއްޖޭގެ ބޭންކަކަށް ޖަމާކުރުމާއެކު އެ ބޭންކަކުން ލޯނުގެ ގޮތުގައި ދޫކޮރުވޭ އަދަދު ބޮޑުތަކުން އިތުރުވާނެ އެވެ. ސަރުކާރުގެ މަގުސަދަކީ ބޭންކަށް ބޮންޑު ވިއްކައިގެން އިތުރު ދަރަނި ނަގާ ހަރަދުތައް ދެކޮޅު ޖެއްސުން ކަމަށް ތަޖުރިބާކާރުން ބުންޏެވެ.
ސަރުކާރުން މިފަދަ ނިންމުމެއް ނިންމާފައިވާއިރު، އިގުތިސޯދީ ކަންކަމުގައި ރައީސަށް ލަފާދިނުމަށް އެކުލަވާލާފައިވާ އިކޮނޮމިކް ކައުންސިލުން އިއްޔެ ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފަ އެވެ. ރަސްމީ ބަންދު ދުވަހެއްގައި މި ބައްދަލުވުން ބޭއްވި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
މަތިބަރު, ހަރަދު ބޮޑުކޮށް ހިންގާ މި ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް މިފަދަ ފިޔަވަޅެއް އަޅަން ނިންމާފައިވަނީ މިވަނީ މާލީ އިސްލާހީ ފިޔަވަޅުތައް ވަރަށް އަވަސްކުރަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ދިވެހި ސަރުކާރަށް ގޮވާލިތާ މަހެއް ނުވަނީހެވެ.
އައިއެމްއެފްގެ ލަފާގައި ވެސް ގޮވާލާފައި ވަނީ ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތައް ވީހާ ވެސް އަވަހަކަށް ތަންފީޒުކޮށް, ބޭކާރު މަޝްރޫއުތައް ހިންގުން ހުއްޓާލުމަށެވެ. އަދި މިހެން ނުވެއްޖެ ހާލަތެއްގައި މިހާރު ރަނގަޅު ހިސާބެއްގައި ހުރި އިގުތިސޯދީ ދުވެލި މަޑުޖެހި, މާލީ ހާލަތު ގޯހުންގޯހަށް ދިޔުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ