ދެ ފަނޑިޔާރުން ވަކިކުރަން އުޅޭތީ ހުށަހެޅި ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން

ގާނޫނު އިސްލާހުކޮށްގެން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން އުޅުމަކީ، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ކަމަށް ތުހުމަތުކޮށް އިދިކޮޅު އެމްޑީޕީން މިއަދު މަޖިލީހަށް ހުށަހަޅި ކުއްލި މައްސަލަ ރިޔާސަތުން ބަލައިނުގަނެ، އަނބުރާ ފޮނުވާލައިފި އެވެ.
ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު، ހަތަކުން ފަހަކަށް ބަދަލުކޮށް، މިހާރު އެ ކޯޓުުގެ ދެ ފަނޑިޔާރަކު މަގާމުން ވަކި ކުރާ ގޮތަށް ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އައަބްދުއްސައްތާރު މުހައްމަދު މަޖިލިހަށް އިއްޔެ ބިލެއް ހުށަހަޅާފައިވެ އެވެ. 
މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، އެމްޑީޕީގެ ފަރާތުން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ، ގަލޮޅު ދެކުނު ދާއިރާގެ މީކާއިލް އަހްމަދު ނަސީމް އެވެ.
ތަފްސީލު - މީކާއިލްގެ ކުއްލި މައްސަލާގައި އޭނާ ފާހަގަކުރެއްވި ގޮތުގައި، މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި އޮއްވާ އެ ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރާ ގޮތަށް ހުށަހެޅި އެ ބިލު ފާސްވެއްޖެ ނަމަ، "ގާނޫނުއަސާސީން އެކަށައަޅާފައިވާ ތިން ބާރުގެ ވަކިވެފައިވާ އޮތުމުގެ ނިޒާމް ރޫޅި، ގާނޫނުއަސާސީ އެކަށައަޅާފައިވާ އެންމެހާ ހަމަތަކަށް ބުރޫ އަރާ، މުޅި ދައުލަތުގެ އެންމެހާ ބާރުތަކެއް ސަރުކާރުގެ އަތްމައްޗަށް ފުރޮޅިގެން ދާނެ" އެވެ.
"ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި، ފަނޑިޔާރުންގެ މަސައްކަތަށް ހުރަސް އަޅައި އަދި ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ފެންމަތިވުމަކާ ނުލައި، ފަނޑިޔާރުން މަގާމުން ވަކިކުރެވޭ ގޮތަށް ފާސް ކުރާ ގާނޫނަކީ، ގާނޫނުއަސަސީއާ ހިލާފަށް ފާސް ކުރެވޭ ގާނޫނަކަށް ވެގެންދާނެ" ކަމަށް ކުއްލި މައްސަލައިގައި އޭނާ ވިދާޅުވި އެވެ.
މަޖިލިސް މެންބަރުކު އޭނާ ނިސްބަތްވާ ޕާޓީން އަމިއްލަ ވަކިއްވެއްޖެ ނަމަ، އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ޕާޓީން އެ މެންބަރަކު ކަނޑާލައިފި ނަމަ، އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނޫއަސަސީއަށް ގެނައި އިސްލާހު ބާތިލުކުުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްލާހުގެ މައްސަލަ ކުރިއަށް ގެންދިތުމަށް މިދިޔަ ހަފްތާގައި އެ ކޯޓުން ވަނީ ނިންމައިފަ އެވެ.
އަބްދުއްސައްތާރު މި ބިލު ހުށަހަޅާފައިވަނީ ކޯޓުގައި އޮތް ގޮނޑީގެ އިސްލާހު ބާތިލު ކުރުމުގެ މައްސަލަ ކުރިއަށް ގެންދަން ނިންމުމާ އެކު، އެ ކޯޓުގެ ފަނޑިޔާރުން ވަކިކުރަން އުޅޭ ކަމަށް ކުރިން ވެސް އަޑުފެތުރިފައި އޮއްވާކަން މީކާއިލް ފާހަގަ ކުރެއްވި އެވެ.
"ހައްސާސް މައްސަލަެއް ސުޕްރީމް ކޯޓުން ބަލަމުންދާ ދަނޑިވަޅެއްގައި އެ ކޯޓުގެ އެކުލެވިގެންވާ ގޮތަށް ބަދަލު ގެނެސް، އެ ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކި ކުރުމަށް ކުރެވޭ މަސައްކަތަކީ، ސުޕްރީމް ކޯޓުން ބަލަމުންދާ މައްސަލައަށް ނުފޫޒު ފޯރުވުމުގެ ނިޔަތުގައި ކުރެވޭ އަމަލެއް،" ކަމަށް އޭނާ ވިދާޅުވ ި އެވެ.
އޭގެ އިތުރުން އެ ކޯޓުގެ އަދަދު މަދުކުރުމުގެ ސަބަބުން ކޯޓަށް ހުށަހެޅޭ މައްސަލަތައް ބެލިގެންދާ ދުވެލި ލަސްވާނެކަން ވެސް ފާހަގަ ކުރެއްވައި މީކާއިލް ވިދާޅުވީ، އެކަމުގެ ސަބަބުން މައްސަލަތައް ނުނިމިި ދިގުލައިގެން ގޮސް، ރައްޔިތުންގެ ހައްގުތަކާ ގުޅިފައިވާ މައްސަލަތަކުގައި އިންސާފާ ހަމައަށް ވާޒިލުވުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށެވެ.
މީކާއިލް ތުހުމަތު ކުރެއްވި ގޮތުގައި ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަމަށް އުނިކަން އަންނަ ގޮތަށް އެ ބިލު ހުށަހަޅާފައި އެ ވަނީ "ސަރުކާރުގެ ބައިވެރުވުމާ އެކު" އެވެ. އެކަން ކުށްވެރިކޮށް، ސަރުކާރަށް އޭނާ ގޮވާލެއްވީ އެ ބިލު ފާސްކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތު އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ، މީކާއިލްގެ ކުއްލި މައްސަލަ ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައަކީ މަޖިލީހުގެ ގަވައިދު ތަންދޭ ކުއްލި މައްސަލައެއް ނޫން ކަމަށް ވިދާޅުވެ، އެ މައްސަލަ އޭނާ ބަލައެއް ނުގެންނެވި އެވެ.
"އިއްޒަތްތެރި މެންބަރު [މީކާއިލް] ހުށަހެޅުއްވި ކުއްލި މައްސަލައަކީ މަޖިލީހަށް ހުށަހެޅިފައިވާ ބިލެއްގައި ހިނގާނެ ބަހުސްއަކާ ގުޅޭ މައުލޫއަކަށް އޮތް މައްސަލައެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އެހެންވެ، މަޖިލިސް ގަވައިދުގައި ކުއްލި މައްސަލައެއްގައި ހުންނަން ޖެހޭ ޝަރުތު ހަމަ ނުވާތީ "އެ ކުއްލި މައްސަލަ މި ޖަލްސާއަށް ހުށަހެޅެން ނެތް"  ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ގަވައިދުގެ 197 ވަނަ މާއްދާގެ (އ)ގައި
ކުއްލި މައްސަލައެއްގައި ހުންނަން ޖެހޭ ޝަރުތުތައް ބަޔާން ކުރަނީ މަޖިލިސް ގަވައިދުގެ 197 ވަނަ މައްދާގަ އެވެ. އެ މާއްދާގެ (އ)ގައިވާ ގޮތުން:
މަޖިލީހަށް ހުށަހެޅިފައިވާ ބިލެއް ނުވަތަ މައްސަލައެއްގެ ބަހުސްއަކާ ގުޅޭ މައުލޫއަކާ ގުޅޭ މައްސަލައަކަށް ކުއްލި މައްސަލައެއް ވެގެން ނުވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ