އިގުތިސޯދީ މާހިރުން ނޫނަސް, ދަރަންޏެއް ނަގައިގެން ކަމެއް ކުރަންޏާމުން އެ ދަރަނި އަނބުރާ ދެއްކޭނެ ފަދަ ކަންކަމަށް އިސްކަންދޭން ވާނެ ކަން އެންމެން ވެސް ދަނެ އެވެ. މި ނޫން މަޝްރޫއުތަކުން އިގުތިސޯދަށް ފައިދާ ނުވާ ތަނުގައި, ދައުލަތުގެ މާލިއްޔާއިން ބޭކާރު ވަނީ ގިނަ ފައިސާތަކެވެ.
މިއީ ރާއްޖެ ފަދަ, ލިބޭ އާމްދަނީން ދެކޮޅު ނުޖެހޭ, ބޮޑު ދަރަނި ބޮލުއަޅައިގެން މަޝްރޫއުތައް ހިންގާ ގައުމެއްގައި އަމުދުން ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ. މިގޮތަށް މަޝްރޫއުތައް ހިންގަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވެސް ބާރުއަޅާތާ އަހަރުތަކެއް ވެއްޖެ އެވެ.
މި ގޮތަށް ވިސްނާއިރު, މި ރާއްޖެއަށް އެންމެ މުހިންމު މަޝްރޫއުތަކުގެ ލިސްޓުން އެންމެ ކުރި ހޯދަނީ އަހަރަމެންގެ މައި ދޮރާށި ކަމުގައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީކުރުމުގެ މަޝްރޫއެވެ. އެކަމަކު, ތަރައްގީކުރަން ފެށިތާ ނުވަ އަހަރު ވާން ގާތްވެފައިވާ މި މަޝްރޫއު ނިމޭ ކަމަކަށް ނުވި އެވެ.
ވީއައިއޭ ތަރައްގީކުރުމުގެ މަސައްކަތް މިހާރު މި ކުރިއަށްދާ ގޮތަށް ތަސައްވުރުކުރި ބިޔަ މަޝްރޫއު ފެށީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި, އޭޕްރިލް 6, 2016، ގަ އެވެ. ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ފުރަތަމަ ފެށީ އާ ރަންވޭ އާއި އޭޕްރަން އާއި ފިއުލް ފާމްގެ އިތުރުން ކާގޯ ޓާމިނަލް ތަރައްގީކުރުމުގެ މަސައްކަތެވެ.
"މި ޒަމާނުގެ އިގުތިސޯދަކަށް ދިވެހިރާއްޖޭގެ އިގުތިސޯދު ބަދަލުކުރަން ކުރާ މަސައްކަތުގެ އެންމެ ވަރުގަދަ މަސައްކަތަކީ، އަޅުގަނޑުމެންގެ އެންމެ ވަރުގަދަ ސިނާއަތް، ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ ދަތުރުފަތުރަށް ބޭނުންވާ ރަންވޭ، އާދެ، އެއާޕޯޓާއި އެއާޕޯޓް ޓާމިނަލަށް ބޭނުންވާ މި ހުރިހާ ވަސީލަތްތައް ހަމަޖެހިގެން ދިޔުން," އެ މަޝްރޫއު އިފްތިތާހުކޮށްދެއްވަމުން ޔާމީން ވިދާޅުވި އެވެ.
ޖެހިގެން އައި މެއި މަހު, ވީއައިއޭ ހިންގާ އެމްއޭސީއެލްއަށް ބައި ގަރުނު ފުރުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި, ޔާމީން ވަނީ ވީއައިއޭގެ އާ ޓާމިނަލް ހިމެނޭހެން އެއާޕޯޓު ތަރައްގީކުރުމުގެ 800 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއު އިއުލާންކުރައްވާފަ އެވެ. އަދި މެއި 22, 2016 ގައި މި މަޝްރޫއުގެ މަސައްކަތް, ސައުދީ އަރަބިއާގެ ބިން ލާދިން ގްރޫޕާ 350 މިލިއަން ޑޮލަރަށް ހަވާލުކުރި އެވެ. އޭރު އޮތީ 2019 އަށް މަސައްކަތް އެއްކޮށް ނިންމާލާ ގޮތަށެވެ.
ޔާމީންގެ ދައުރުގައި ވީއައިއޭ ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށް, މަޝްރޫއަށް ބޭނުންވާ ފައިސާގެ ބޮޑު ބަޔެއް ހަމަޖެއްސި ނަމަވެސް ދައުރު ނިމުނުއިރު ނިންމާލެވުނީ އާ ރަންވޭގެ މަސައްކަތް އެކަންޏެވެ. ދެން ހުރި މަސައްކަތްތައް ކުރިއަށް ދިޔައީ ފިނިހަކަ ދުވެލީގަ އެވެ. ވަކިން ހާއްސަކޮށް ޓާމިނަލް މަސައްކަތް އޮތީ އެކި މައްސަލަތަކުގެ ތެރޭގައި ތާށިވެ, އެއްވެސް ވަރަކަށް ނުކުރެވި, މަޑުޖެހިފަ އެވެ.
ދެން ވެރިކަމަށް އައި ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުން ޔާމިން ފެއްޓެވި ވީއައިއޭ ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމައި, 2019 ގެ ތެރޭގައި އާ ޓާމިނަލްގެ މަސައްކަތްތައް ފެށި އެވެ. އެކަމަކު އެ ސަރުކާރުގެ ދައުރުގެ ތެރޭގައި ވެސް އެދެވޭ ދުވެއްޔެއްގައި ވީއައިއޭގެ މަސައްކަތް ކުރިއަށް ދިޔަ ތަނެއް ނުފެނެ އެވެ.
ވީއައިއޭ ތަރައްގީކުރަން ފެށި މަޝްރޫއުގެ މަސައްކަތްތަކުގެ ތެރެއިން ސޯލިހުގެ ދައުރުގެ ތެރޭގައި ނިންމުނު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ އާ ވީއައިޕީ ޓާމިނަލާއި އާ ސީޕްލޭން ޓާމިނަލެވެ. އޭގެ އިތުރުން ކުރީގެ ސީޕްލޭން ޓާމިނަލް ބަދަލުނުކުރެވޭތީ, ބޭނުންނުކުރެވި އޮތް ރަންވޭ ބޭނުންކުރަން ފެށި އެވެ. އަދި ކާގޯ ޓާމިނަލްގެ މަސައްކަތާއި ފިއުލް ފާމްގެ މަސައްކަތުގެ ބޮޑު ބަޔެއް ނިންމި އެވެ.
މިހެން ނަމަވެސް ޓާމިނަލްގެ މަސައްކަތް އެދެވޭ ދުވެއްޔެއްގައި ކުރިއަށް ދިޔަ މަންޒަރެއް ނުފެނެ އެވެ. އާ އެއްބަސްވުމުގެ ދަށުން 2019 ގައި މަސައްކަތް ފެށި ނަމަވެސް ކޮވިޑު ދުވަސްވަރުގެ ތެރޭގައި އައި ހުއްޓުމަށް ފަހު ޓާމިނަލްގެ މަސައްކަތްތައް ދިޔައީ ހަމަ ފިނިހަކަ ދުވެލީގަ އެވެ.
ވީއައިއޭގެ އާ ޓާމިނަލަކީ އަހަރެއްގެ ތެރޭގައި ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް, ޒަމާނީ ވަސީލަތްތަކާއެކީ ތަރައްގީކުރާ ޓާމިނަލެކެވެ. ގާތްގަނޑަކަށް 78,000 އަކަމީޓަރުގެ ސަރަހައްދެއްގައި ތަރައްގީކުރާ މި ޓާމިނަލްގެ އަގަކީ 357 މިލިއަން ޑޮލަރެވެ.
ސޯލިހުގެ ސަރުކާރުގައި ފަރުމާއަށް ގެނައި ބަދަލުތަކާއެކީ, ދިވެހިވަންތަ ސިފަތައް ހިމަނައިގެން ތަރައްގީކުރާ މި ޓާމިނަލުގައި 40 ގޭޓާއި 36 އިމިގްރޭޝަން ކައުންޓަރާއި ފްލައިޓަށް އަރައިފައިބަން ބޭނުންކުރާ އެއިރޯބްރިޖުތައް ހުންނާނެ އެވެ. މިއީ މިހާރުގެ ޓާމިނަލްގައި އޮތް ޖާގައިގެ ދަތިކަން ހައްލުވެ, ބިޒީ ގަޑިތަކުގައި އެ ދަމާލާ ދިގު ކިޔޫ ނައްތާލަން އޮތް މަގެވެ.
ޔާމީންގެ ސަރުކާރުން 2019 ގައި ނިންމަން އޮތް ޓާމިނަލްގެ މަސައްކަތް, ނިންމޭނެ ކަމަށް ސޯލިހު ސަރުކާރުން ބުނީ 2022 އަށެވެ. އެ ތާރީހު ކައިރިވީއިރު, އިތުރު ފައިސާ ބޭނުންވާ ކަމަށް ބުނެ ޓާމިނަލް ނިމޭނެ ކަމަށް އަންދާޒާކުރި ތާރީހު ފަސްކުރި އެވެ. އެންމެ ފަހުން އެ ސަރުކާރުން ބުނީ ޓާމިނަލްގެ މަސައްކަތްތައް ނިމި, ބޭނުންކުރަން ފެށޭނީ މި އަހަރުގެ ޖުލައިގައި ކަމަށެވެ.
ސަރުކާރާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ވެސް އަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި ތާރީހު މާ ލަސްކަމަށް ވިދާޅުވަ އެވެ. އަދި މި ތާރީހަށް އެއާޕޯޓު ނިންމުމަކީ އޮޕްޝަނެއް ނޫން ކަމަށް ތަކުރާރުކޮށް އެމަނިކުފާނު ވިދާޅުވި އެވެ. މިކަމަށް ބާރު ދޭން އެމަނިކުފާނު ދެއްކެވީ ވަރަށް ވެސް ލާއިގު ސަބަބުތަކެކެވެ. ވިދާޅުވީ ރާއްޖެއަށް މި ވަގުތަށް އެންމެ މުހިންމު މަސައްކަތަކީ އެއާޕޯޓު މަޝްރޫއު ނިންމުން ކަމަށެވެ.
""ޓްރާންސިޝަން މަރުހަލާގައި ލިބުނު މައުލޫމާތުތަކުން އެނގިގެން ދަނީ އެއާޕޯޓު ނެތް ކަމަށް އަވަހަށް ނިމޭކަށް. މިއަންނަ އަހަރު ވެސް ނިމި ދެން އަންނަ އަހަރުގެ ޖުލައި އަށް, 2025 ގެ ޖުލައިއަށް ނިމެނީ. އެއީކީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭނެ ކަމެއް ނޫން. އިގްތިސޯދު މިއޮތީ ވަރަށް ބޮޑު ހީނަރުކަމެއްގައި," އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެންނެވި މަސީގެ ޖަލްސާއެއްގައި, އޮކްޓޫބަރު 29, 2023، ގައި އެމަނިކުފާނު ވިދާޅުވި އެވެ.
އެ ގޮތުން ވީއައިއޭގެ މަސައްކަތްތައް އަވަސްކޮށް, ޓާމިނަލް ހުޅުވާ ތާރީހު މިދިޔަ އަހަރުގެ ސެޕްޓެމްބަރަށް ބަދަލުކުރަން ގެންގުޅުއްވާ ޕްލޭނެއް އެ ދުވަހު ރައީސް ހިއްސާކުރެއްވި އެވެ. އޭރު ރައީސް ވިދާޅުވީ, މަސައްކަތް އަވަސް ކުރެވޭނެ ގިނަ ގޮތްތަކެއް އެބަހުރި ކަމަށާއި, އެ މަގުން ކަންކުރަން ގުޅުން ހުރި ފަރާތްތަކާއެކީ މަޝްވަރާތައް ފަށާފައިވާ ކަމަށެވެ.
ރައީސް ހުށަހެޅުއްވީ ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ރައީސް އޮފީހުގައި މިކަމަށް ހާއްސަ ކޮމިޓީއެއް އުފައްދަވައިގެން ޕްރޮޖެކްޓުގެ ދުވެލި އަވަސްކުރުމަށެވެ. އަދި ވަރަށް ޔަގީންކަމާއެކީ ވިދާޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރަށް އާ ޓާމިނަލް ބޭނުންކުރަން ފަށާނެ ކަމަށެވެ.
"ސީދާ ރައީސް އޮފީހުގައި ހާއްސަ ކޮމިޓީއެއް މިކަމާ ގުޅޭ ހުރިހާ ސްޓޭކްހޯލްޑަރުންނާ އެކު އިސްވެރިން ހިމެނޭހެން ހަދާނަން. އަދި ކޮމިޓީ އަޅުގަނޑު ޗެއާކުރާ ގޮތަށް ހަމަޖައްސާނަން. ކޮންމެ ދުވަހަކު އެ މަސައްކަތް ދާ ގޮތް ބަލައި, އެ ކަމަށްޓަކައި ނަގަން ޖެހޭ ޑިޒިޝަންސް (ނިންމުން) ވަގުތުން ނެގޭނެ ގޮތަށް ރާވައި, ހުރިހާ ކަމެއް," ރައީސް ވިދާޅުވެފައިވެ އެވެ.
ރައީސް މި ވަރުގެ ޔަގީންކަމެއް ދިން ނަމަވެސް, އެ ތާރީހަށް ނުނިމުނެވެ. މިދިޔަ އަހަރުގެ ޕީކް އައިސް މި މާޗު މަހު ޕީކު ފައިބައިގެންދާއިރު ވެސް ޓާމިނަލް ބޭނުންކުރެވޭ ވަރެއް ނުވެ އެވެ. އެންމެ ފަހުން ރައީސް ވިދާޅުވީ ޓާމިނަލް ހުޅުވޭނީ އަންނަ އޮކްޓޫބަރުގައި ކަމަށެވެ. މިއީ އޭރު ގަބޫލުކުރެވެން ނެތް ކަމަށް ވިދާޅުވި ޖުލައިއަށް ވުރެ ވެސް ފަހުގެ ތަރީހެކެވެ.
ގައުމުގެ މާލީ ހާލަތުގެ ނާޒުކު ކަމާ މެދު ސުވާލު އުފައްދާނެ އެއްވެސް މީހަކު ނެތެވެ. ހަރަދުތައް ބޮޑެވެ. އާމްދަނީން ދެކޮޅު ނުޖެހެ އެވެ. ކުރަން ރާވާ ކަންކަން ކުރެވޭނެހާ ފައިސާއެއް ވެސް ނެތެވެ. އެކަމަކު ވެސް އެތަން މިތަނުގައި މަޝްރޫއުތައް ހިންގަން ދަނީ އިއުލާންކުރަމުންނެވެ.
އެކަމަކު މިކަންކަމުން ވާނެ ފައިދާއެއް ކައިރި މުސްތަގުބަލެއްގައި ވެސް ފެންނަން ނެތް އިރު, ސަރުކާރުން ބުނި ގޮތަށް އެންމެ އިސްކަން ދީގެން ނިންމަން ޖެހޭ ކަމަކަށް ވީއައިއޭ މަޝްރޫއު ހަދަން އެބަ ޖެހެ އެވެ. ދައުލަތުގެ ދަރަނީގެ ތެރޭގައި ބިލިއަން ޑޮލަރު އިތުރުކޮށްގެން މި މަޝްރޫއު ހިންގާއިރު, ދަރާފައިވާ ބިލިއަންތައް ދައްކަން އެންމެ ފަސޭހަ ވާނީ ވެސް މި އެއާޕޯޓު ނިންމައިގެންނެވެ.
ވީއައިއޭއަކީ ޔަގީން ފައިސާ އެވެ. ހަމަ ޔަގީނުން ވެސް އެއާޕޯޓުގެ އާ ޓާމިނަލް ބޭނުންކުރަން ފެށުމުން ދައުލަތަށް ލިބޭ އާމްދަނީ ބޮޑު ތަނުން އިތުރުވެގެން ދާނެ އެވެ. ސީދާ ޓެކުހާއި ނުސީދާ ޓެކްސްތަކުން ލިބޭ އާމްދަނީ ވެސް ބޮޑު ތަނުން އިތުރުވެގެން ދާނެ އެވެ. ދަތިވެގެން އުޅޭ ޑޮލަރު ލިބޭނެ އެވެ. އިގުތިސޯދު ފުޅާވެ, އަހަރަމެންގެ ޓޫރިޒަމް ސިނާއަތުގެ ދުވެލި މިހާރަށް ވުރެ ވެސް ބާރުކުރަން ވަގުތުން ފަހިވެގެން ދާނެ އެވެ.
ސަޅިބައިސާ އާއި ސިޔާސީ ވާހަކަ އާއި ކުރީ ސަރުކާރާއި އޭގެ ކުރީ ސަރުކާރުގެ ވާހަކަ ދެއްކުން ހުއްޓާލަން އެބަޖެހެ އެވެ. މިއީ ސިޔާސީ ކަމަކަށް ވުރެ ބޮޑު ކަމެކެވެ. މިއީ މުޅި ގައުމުގެ އިގުތިސޯދީ ނާރެސް ކަމުގައިވާ ޓޫރިޒަމް އަނެއް ހަރުފަތަށް ގެންދަން ނިންމަން ޖެހިފައި އޮތް ކަމެކެވެ. ދައުލަތުގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ވިޔަސް ނިންމަން ޖެހިފައި އޮތް މަސައްކަތެކެވެ.
އެއް ކަމެއް ނުކުރިޔަސް, ނިންމަންވީ ވެލާނާ އެއާޕޯޓު އެއް ކަމެއް ނުކުރިޔަސް, ނިންމަންވީ ވެލާނާ އެއާޕޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ