މެޗުން ބަލިވިޔަސް ޕެޕް ބުނީ މުސްތަގުބަލު އުޖާލާ ކަމަށް

އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ މުސްތަގުބަލު ފެންނަނީ އުޖާލާކޮށް ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ. އަމިއްލަ ދަނޑުގައި ރޭ ލިވަޕޫލް އަތުން 2-0 އިން ބަލިވި މެޗަށް ފަހު، ނޫސްވެރިންނާ ވާހަކަދައްކަމުން ޕެޕް ގާޑިއޯލާ ބުނީ، ސިޓީގެ މުސްތަގުބަލު ފެންނަނީ އުޖާލާކޮށް ކަމަށެވެ. ސިޓީއަށް ދިމާވެފައިވާ ގިނަ މައްސަލަތަކާ އެކު ސިޓީގެ ކުޅުން މާ ރަނގަޅެއް ނޫނެވެ. ޕެޕް ބުނީ، ކެޕްޓަން ކެވިން ޑި ބްރުއިނާއާއި ޑިފެންޑަރު ނޭތަން އާކޭ ފިޔަވާ މެޗުން ފެން ފެނުނީ ކުލަބުގެ މުސްތަގުބަލު ކަމަށެވެ. ރޭ ސިޓީ ޓީމުގެ އެވްރެޖް އުމުރަކީ 25 އަހަރާއި 68 ދުވަހެވެ. މިއީ މިހާ ޒުވާން ޓީމެއް ސިޓީން ކުޅުވި ދެވަނަ ފަހަރެވެ. އޭނާގެ ވާހަކަ ހުރި ގޮތުން މިހާރު ސިޓީގައި ތިބި ގިނަ ދުވަސްވީ ކުޅުންތެރިންގެ މުސްތަގުބަލާ މެދު ވަނީ ސުވާލު އުފެދިފައެވެ. އޭގެ ތެރޭގައި، ޑި ބްރުއިނާއާއި ޖޯން ސްޓޯންސް، އިލްކާއި ގުންޑޮގާން އަދި ރޭގެ މެޗުގައި ބެންޗުގައި އިން ޖެކް ގްރީލިޝް ހިމެނެއެވެ. މެޗަށް ފަހު ވާހަކަދައްކަމުން ލިވަޕޫލްގެ ކޯޗު އާން ސްލޮޓް ބުނީ، އަންނަ ސީޒަންގައި ލީގަށް އެންމެ ބޮޑަށް ވާދަކުރާ އެއް ޓީމަށް ސިޓީ ވާނެ ކަމަށެވެ. ޕެޕް ވަނީ އެއީ އޭނާގެ ވެސް އުންމީދު ކަމަށް ބުނެފައެވެ. ޕެޕް ބުނީ، މި ސީޒަންގައި އޭނާގެ ގިނަ ކުޅުންތެރިންނަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނު ކަމަށް ގަބޫލުކުރާ ކަމަށެވެ. އެކަމަކު، އެންމެ ފަހުން ކުޅުނު ދެ މެޗުގައި ކުޅުންތެރިން ކުޅުނު ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށް އޭނާ ބުންޏެވެ. ސިޓީގެ ވިސްނުން މިހާރު ހުރީ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރަން ކަމަށް އޭނާ ބުންޏެވެ. އެކަމަކު، މިހާރު އެ ޖާގައަށް ވާދަކުރާ ނޮޓިންހަމް ފޮރެސްޓާއި ނިއުކާސް އަދި އެސްޓަން ވިލާއާއި އެހެން ޓީމުތަކުން ވެސް ވަރަށް ރަނގަޅު ކުޅުމެއް ދައްކާކަން ފާހަގަކޮށް ޕެޕް ބުނީ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ