ބަޔޭން އިން ފްރޭންކްފާޓް ބަލިކޮށް ލީޑު ފުޅާކޮށްފި

ޖަރުމަނު ބުންޑެސްލީގާގައި ތާވަލުގެ އެއްވަނައިގައި އުޅޭ ބަޔޭން މިޔުނިކާއި އެންޓްރެކްޓް ފްރޭންކްފާޓް ބައްދަލުކުރި މެޗު ބަޔޭން ކާމިޔާބު ކޮށް އެޓީމުގެ ލީޑު ފުޅާކޮށްފިއެވެ. ބަޔޭންގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ހަތަރު ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައި ވަނީ ބަޔޭންއިންނެވެ. މިމެޗުގައި ފްރޭންކްފާޓް ކޮޅަށް ހަތަރު ލަނޑު ވަދެފައިވީ ނަމަވެސް އެޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔަކަން ފާހަގަ ވެގެންދިޔައެވެ. ހާއްސަކޮށް ފުރަތަމަ ހާފުގައި އެޓީމުން ވަނީ ބަޔޭންއަށް ލަނޑެއް ޖެހުނަ ނުދީ 45 މިނެޓް ފުރިހަމަ ކޮށްފައެވެ. މިމެޗުގައި ބަޔޭންގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބު ކުރެވިފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މައިކަލް އޮލީސޭއެވެ. މިއީ އޭނާ މިސީޒަންގައި ބަޔޭންއަށް ލީގުގައި ކާމިޔާބު ކޮށްދިން ހަތްވަނަ ލަނޑެވެ. މިމެޗުގައި ބަޔޭންގެ ދެވަނަ ލަނޑު މެޗުގެ 61ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ހިރޯކީ އިޓޯއެވެ. އެޓީމުގެ ތިންވަނަ ލަނޑު މެޗުގެ 83ވަނަ މިނެޓުގައި ޖަމާލް މުސިއެލާ ކާމިޔާބު ކޮށްދިން އިރު ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ދެވަަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސާޖީ ގިނެބްރީއެވެ. މިކާމިޔާބީ އާއެކު ބަޔޭން މިހާރުވަނީ ތާވަލްގެ އެއްވަނައިގައި 58 ޕޮއިންޓާއެކު 8 ޕޮއިންޓްގެ ލީޑެއް ނަގައިގައެވެ. ދެވަނައިގައި އުޅޭ އެންމެ ފަހުގެ ޗެމްޕިއަން ބަޔާ ލެވަކޫސެން އުޅެނީ 50 ޕޮއިންޓްގައެވެ. މިހަފުތާގެ ހުކުރު ދުވަހު ސުޓުޓްގާޓްއާ ބައްދަލުކުރާ މެޗު ކާމިޔާބު ކުރެވިއްޖެނަމަ ބަޔޭންއަށް އެޓީމުގެ ލީޑު 11 ޕޮއިންޓަށް ފުޅާކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނައެވެ. ރޭގެ މެޗުން ބަލިވުމުން ފްރޭންކްފާޓް އުޅެނީ 42 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ. މިމުބާރާތުގައި ރޭ ކުޅުނު އަނެއް ދެމެޗަށް ބަލާލާއިރު އާރްބީ ލެއިޕްޒިގާއި ހެއިޑެންހައިމް ބައްދަލުކުރި މެޗު ދެ ލަނޑު ދެ ލަނޑުން ދެޓީމު އެއްވަރުވިއިރު ހޯފެންހައިމް އާއި ސުޓުޓްގާޓް ބައްދަލުކުރި މެޗު އެއް ލަނޑު އެއް ލަނޑުން ދެޓީމުވީ އެއްވަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ