ބޮޑު ޗުއްޓީއަކަށް ފަހު 1 ޖަލްސާ ބާއްވާފައި މި ހަފުތާގައި މަޖިލީހުގެ ޖަލްސާއެއް ނެތް

ރޯދަ މަހުގެ ފަހު 10 އާއި އީދު ބަންދަށް މަޖިލިސް ވެސް ޗުއްޓީއަކަށް ދިއުމަށް ފަހު، މި ހުޅުވި ހަފުތާގައި އެންމެ ޖަލްސާއެއް ބޭއްވުމަށް ފަހު ދެން ޖަލްސާއެއް ތާވަލުނުކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ވީ ކިހިނެއް؟ - ސަރުކާރު ހުޅުވުނު މި ހަފުތާގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވީ މިދިޔަ ހޯމަ ދުވަހުގަ އެވެ. އިއްޔެ އާއި މިއަދު ވެސް މަޖިލީހުގެ ޖަލްސާ ތާވަލުކޮށްފައެއް ނުވެ އެވެ.
ތަފްސީލް - މަޖިލީހުގެ ޖަލްސާތައް ބާއްވަން އޮންނަނީ ހަފުތާގެ ތިން ދުވަހުގަ އެވެ. އެއީ ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަ އެވެ.
މާދަމާއަކީ ބުރާސްފަތި ދުވަހަށް ވެފައި އިއްޔެ އާއި މިއަދު މަޖިލީހުގެ ޖަލްސާ ނެތުމުން މި ހަފުތާގައި ދެން ޖަލްސާއެއް އޮންނާނެ ކަމަކަށް ނުބެލެވެ އެވެ.
މަޖިލީހުގެ ޖަލްސާ ނެތް ނަމަވެސް ބައެއް ކޮމިޓީތަކުގެ މަސައްކަތްތައް ކުރިއަށް އެބަދެ އެވެ. ނަމަވެސް، މަޖިލީހުގައި ދާއިމީ 18 ކޮމިޓީ އޮންނަ އިރު މި ދެ ދުވަހު ތާވަލުކުރީ ވެސް މަދު ކޮމިޓީތަކެކެވެ.
މިއަދު ތިން ކޮމިޓީއެއް ތާވަލުކޮށްފައިވެ އެވެ. އެއީ:
ހާރިޖީ ގުޅުންތަކުގެ ކޮމިޓީ: މަޖިލީހުގެ ތަޅުމުން ކޮމިޓީއަށް ފޮނުވާފައިވާ މައްސަލަތަކެއްގެ މަސައްކަތް
މިނިވަން މުއައްސަސާތަކުގެ ކޮމިޓީ: ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރުމަށް ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ނަން ފޮނުއްވާފައިވާ، ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުޖްތާޒްއާ އިންޓަވިއުކުރުން
މާލިއްޔަތު ކޮމިޓީ: ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަތަކެއް ދިރާސާކުރުން
މަޖިލީހުގެ ޖަލްސާތައް މި ހަފުތާގައި ނެތް ސަބަބެއް މަޖިލީހުގެ އިދާރާއަކުން ނުބުނެ އެވެ. އަދި މަޖިލީހުގެ މެޖޯރިޓީ ޕާޓީ، ޕީއެންސީން ވެސް އެކަމާ އަދި އެއްޗެކޭ ނުބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ